މަޝްހޫރު ބާސްކެޓްބޯޅަ ލެޖެންޑް ކޯބީ ބްރާޔަންޓްއާއި އޭނާގެ އަންހެން ދަރިފުޅާ އަދިވެސް އިތުރު ބަޔަކު މަރުވެދިޔަ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާ ގުޅޭ ޕޯސްޓްމޯޓަމް ރިޕޯޓް އާންމުކޮށްފިއެވެ.

އިންތިހާއަށް ދުންފުނި ބޯވެފައިވަނިކޮށް ކެލިފޯނިއާގައި ހިނގި މިހާދިސާގައި 9 މީހުންގެ ފުރާނަވެސް ގެއްލިފައިވަނީ ބްލަންޓް ފޯސް ޓްރޯމާގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހެލިކޮޕްޓަރު ދުއްވަން އިން އުމުރުން 50 އަހަރުގެ އާރާ ޒޯބަޔާން، ޑްރަގްސްއާއި ރަލަށްވެސް ނެގެޓިވްވެފައިވާކަމަށް 180 ސޮފުހާގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މަޝްހޫރު ބާސްކެޓް ބޯޅަ ލެޖެންޑް ކޯބީ ބްރާޔަންޓް ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު/ފޮޓޯ: ބީބީސީ

ބްރާޔަންޓްގެ ހުވަފަތްވެފައިވާ އަންހެނުން ވެނޭސާ ބްރާޔަންޓް ވަނީ، ހެލިކޮޕްޓަރު އޮޕަރޭޓްކުރި ކުންފުންޏާ ދެކޮޅަށް ދައުވާ އުފުލާފައެވެ.

އައިލަންޑް އެކްސްޕްރެސް ހެލިކޮޕްޓާޒް ކުންފުންޏަށް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ހުއްދަ ދީފައި އޮންނަނީ، ހެލިކޮޕްޓަރު ދުއްވަން އިންނަ ޕައިލެޓެއްގެ ލޮލަށް ދުރުސާފުކޮށް ފެންނަން އޮންނަ ހާލަތްތަކުގައި އެކަންޏެވެ. ހާދިސާ ހިނގި ވަގުތު ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓަކީ، ކޮކްޕިޓް ތެރޭގައި ހުންނަ އާލާތްތަކަށް ބަރޯސާވެގެން ފްލައިޓް އޮޕަރޭޓް ކުރުމުގެ ލައިސަންސް އޮންނަ ޕައިލެޓެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމުގައި އޭނާއަށް މާބޮޑު ތަޖުރިބާއެއް ލިބިފައި ނުވާކަމަށްވެސް މައުލޫމާތު ލިބެއެވެ. އެއީ ކުންފުންޏަށް ލިބިފައި އޮންނަ ލައިސަންސްއިން އޮޕަރޭޝަންތަކަށް ހުއްދަ ލިބޭ މިންވަރު ހަނިކޮށްފައި އޮތުމުން ކަމަށްވެއެވެ.