ނ. މަނަދޫ އިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެ މީހަކު އައިސޮލޭޝަންގައި ތިބި އިރު ބޭރުގައި އުޅުނުކަން ހާމަ ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަނަދޫ އިން ޕޮޒިޓިވް ވި 9 މީހުގެ ތެރެއިން ދެ މީހަކު ބޭރުގައި އުޅުނު ކަމަށާއި އެ ދެ މީހުން އައިސޮލޭޝަނާ ހިލާފު ވެ، ފިހާރަތަކަށް ގޮސް ވެސް އުޅުނު ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް ބޭރުގައި އުޅުނު ފަރާތްތަކުގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

މި ކަމާ ގުޅިގެން މަނަދޫގެ ޓާސްކްފޯސްއިން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ބައެއް ފަރާތްތަކުގެ ބޭރުގައި އުޅުނުކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެ ފަރަތްތަށް ބޭރުގައި އުޅުމުން ފުލުހުން މެދުވެރިކޮށްވެސް ގެއަށް ފޮނުވާލާފައި ވާނެ ކަމަށެވެ.

ބައެއް ފަރާތްތަކުގެ ޝަކުވާ އެގޮތަށް ލިބިފަ އޮތީ އަޅުގަނޑުމެންނަށް، އައިސޮލޭޝަނަށް ފޮނުވި ބައެއް ފަރާތްތަކުން ނިކުމެ އުޅުނު ކަމަށާއި ޕޮލިހުން މެދުވެރިކޮށް ބައެއް ފަހަރަށް ވަނީ އެ ފަރާތްތަށް ފޮނުވާވެސް ލެވިފަ
ޓާސްކް ފޯހުން ވާހަކަ ދެއްކި އޮފިޝަލަކު

މަނަދޫ އިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ވަނީ މިމަހުގެ 1 ވަނަ ދުވަހެވެ. އެއީ މާޗް މަހު ފަހުކޮޅު މާލޭން އޮޕަރޭޝަނެއް ކޮށްގެން ރަށަށް ދިޔަ ގޮތަށް ރަށުގައި ހުރި މީހެއްގެ ފަރާތުންނެވެ. އެމީހާ ބަނޑުގައި ރިއްސާތީ ކަމަށް ބުނެ ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ހިނގާ ބިނގާވެ ނޫޅެވޭ، އުމުރުން 80 އަހަރުގެ މީހަކު ޕޮޒިޓިވް ވެފައި ވަނީ ކިހިނެއްތޯ ސުވާލު ކުރުމުން ޓާސްކް ފޯސް އިން ބުނީ އެއީ ކިހިނެއްވީ ކަމެއްކަން އަދި މިހާތަނަށް ސާފު ވެފައި ނުވާ ކަމަށާއި ނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން އެކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަނަދޫ ޓާސްކްފޯސްއިން ބުނި ގޮތުގައި މާލެ ލޮކްޑައުން ކުރުމުގެ ކުރިން މަނަދޫން ޕޮޒިޓިވް ވި މީހާގެ އާއިލާގެ ދެ މީހަކު އެ ރަށަށް ދިޔަ ކަމަށާއި އެ އަންހެން މީހާ ޕޮޒިޓިވް ވުމުން އެމީހުންގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށެވެ. ނަމަވެސް އޭރުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށާއި ފަހުން ރަށް މޮނިޓަރިންގެ ހާލަތުން ނެގުމަށް ހެދި ސާމްޕަލުން އެމީހުންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ ރަށުން ބުދަ ދުވަހު ސާމްޕަލް ނެގި 31 މީހުންގެ ތެރެއިން މިއަދު 9 މީހަކު ކޮވިޑްއަށް ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެ އަންހެން މީހާ ދިރިއުޅޭ ގެއިން ތިން މީހަކާއި އަންހެން މީހާ މާލެ ދަތުރުކުރި ލޯންޗްގެ ކެޕްޓަނާއި ފަޅުވެރިއެއްގެ އިތުރުން އެ ރަށު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް އިރު އޭނާއާ ބައްދަލުވި، އެ ހޮސްޕިޓަލް ސާފު ކުރުމުގެ މަސައްކަތް ކުރާ ދެ މީހެކެވެ. މި އެންމެންވަސް މިއަދު އިރުފުށީ ރިސޯޓަށް ބަދަލު ކުރާނެ ކަމަށް މަނަދޫގެ ޓާސްކް ފޯސް އިން ބުނެއެވެ.

މަނަދޫ އިން ފުރަތަމަ ޕޮޒިޓިވް ވި މީހާއާ ކޮންޓެކްޓު ވި 15 މީހަކު އައިސޮލޭޝަނަށް ދާން އެންގީ މިމަހުގެ 3 ވަނަ ދުވަހެވެ.

މިއަދު މަނަދޫއިން އިތުރު 9 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށުގެ އެލާޓް ލެވެލް ވަނީ ރަތަށް ބަދަލު ކޮށްފައެވެ. އައިސޮލޭޝަންގައި ބޭރަށް ނިކުމެ އުޅުމުގެ ސަބަބުން ރަށަށް ބަލި ފެތުރިފައި ވާ މިންވަރު އިތުރުވެދާނެ ކަމަށް ބެލެވެއެވެ.