ކޮވިޑް-19 އާ ގުޅިގެން ދައުލަތުން ހަރަދުކުރާ ގޮތުގެ ފައިނޭންޝަލް އޮޑިޓެއް ކޮންމެ ކުއާާޓަރެއްގައި ކުރަން ރައްްޔިތުންގެ މިޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ.
އީވާގެ މި ހުށަހެޅުމަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައިގައި މާޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ހުށަހެޅުއްްވި އިސްލާހެކެވެ.
އިވާ ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ހާދިސާއެއް ހިނގާ ދުވަސްވަރެއްގައި ހާއްސަ އަހައްމިޔަތެއް ދީގެން ވަގުތުން އޮޑިޓް ކުރުމަކީ ބައިނަލް އަގުވާމީ އޮޑިޓް ނިޒާމުގައި ބާރު އަޅާ ކަމެއް ކަމަށެވެ. ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީ އަދި މިލްކިއްޔާތާއި ދަރަނި އޮޑިޓް ކުރުމަކީ ގާނޫނު އަސާސީ އާއި އޮޑިޓް ގާނޫނުން އޮޑިޓާ ޖެނެރަލަށް ލާޒިމް ކުރާ ކަމެއް ކަމަށް ވެސް އީވާގެ ހުށަހެޅުމުގައިވެ އެވެ.
އެހެންވެ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ކޮންމެ ކުއާޓަރެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީ އާއި ދަރަނީގެ މާލީ ރިޕޯޓްތަކުގެ ފައިނޭންޝަލް އޮޑިޓްކޮށް ކޮންމެ ކުއާޓަރެއް ނިމޭތާ އެއްމަސް ދުވަހުގެ ތެރޭގައި ނިންމަން އޮޑިޓާ ޖެނެރަލަށް އަންގަން އީވާ ހުށަހަޅުއްވާފައިވެއެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން އެޅި ފިިޔަވަޅުތަކާ އެކު އިގުތިސޯދީ ގޮތުން ކުރިމަތިވި ބޮޑެތި މައްސަލަތަކާ އެކު ސަރުކާރުން ތައާރަފް ކުރި ރިލީފް ޕްރޮގްރާމްތަކާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން، އާޒިމް ހުށަހެޅުއްވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ ދާއިމީ ހުރިހާ ކޮމިޓީތަކަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރެއިން ބައެއް ކޮމިޓީތަކުން މައްސަލަ ދިރާސާކޮށް އެކުލަވަައިލި ރިޕޯޓްތައް މަޖިލީހުން މިހާރު ވަނީ ފާސް ވެސް ކޮށްފައެވެ.
ކޮވިޑާ ގުޅޭ ހަރަދުތައް އޮޑިޓް ކުރަން މަޖިލީހުން މަޝްވަރާ ކުރާ އިރު، ކޮވިޑަށް ކުރާ ހަރަދުތައް ބޮޑުކަމާއި ހަރަދުތައް ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމުގެ ވާހަކަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން، ރާއްޖެއަށް ގެންނަ ވެންޓިލޭޓަރުތަކުގެ މައްސަލަ މިހާރުވެސް ވަނީ ހޫނު ބަހުސަކަށް ވެފައެވެ.