ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން 3 މީހުން ޕޮޒިޓިވް ވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކައުންސިލުން ބުނީ، ޖުމްލަ 10 މީހެއްގެ ސާމްޕަލް ނެގި ކަމަށާއި އޭގެތެރެއިން 3 މީހަކު ޕޮޒިޓިވް ވެފައި ވާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސާމްޕަލް ނެގީ މީގެ ދެދުވަސް ކުރިން ކަމަށާއި، ރިހެބުގައި ތިބޭ މީހުންނަކީ އެތާ އެތެރޭގައި ތިބޭ ބައެއް ކަމުގައި ވިޔަސް، އެތާ މަސައްކަތް ކުރާ ހިންމަފުށީގެ މުވައްޒަފުން ތިބޭނެ ކަމަށެވެ.

އަދި އެމީހުން ރަށަށް، ނުވަތަ ގެއަށްވެސް ގޮސްފައި ވާކަމަށާއި އެއީ މިހާރު އޮތް ބިރުވެރިކަމެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރުވެސް ޓާސްކްފޯހުގެ މަސައްކަތް ކުރިއަށް ދާކަމަށާއި، އެ މަސައްކަތުގެ ތެރެއިން ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާ ކަމަށެވެ.

ރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމާއެކު އެކަން މިޙާރު ވަނީ އާންމުކޮށް އަންގާ އިއުލާންވެސް ކޮށްފައެވެ.