ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައިވާ މިހުންގެ އަދަދު 1143 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑަށް އިތުރު 37 މީހަކު ޕޮޒިޓިވްވެ ޖުމަލަ އަދަދު 1143 އަށް އަރާފައިވާ ކަމަށެވެ. މި އަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި ބަންގްލަދޭޝްގެ 19 މީހެއްގެ އިތުރުން އިންޑިއާގެ 3 މީހުންނެވެ.

މިހާތަނަށް ރާއްޖޭގައި މި ބަލީ ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ ބިދޭސީންނެވެ، އޭގެތެރެއިންވެސް ބަންގްލަދޭޝްށް ނިސްބަތްވާ މީހުންގެ އަދަދު ވަނީ ޕޮޒިޓިވްވި މީހުންގެ ނިސްބަތުން ދެބައި ކުޅައެއްބަޔަށް ވުރެ މަތީގައެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނަކީ ކޮން ކްލަސްޓާއަކަށް ނިސްބަތްވާ ބައެއް ކަމެއް ނޭނގެއެވެ. ނަމަވެސް މިހާތަނަށް އެޗްޕީއޭއިން ހާމަ ކުރި މައުލޫމާތު ތަކަށް ބަލާއިރު ގިނަ އަދަދެއްގެ ބަޔަކު ޓެސްޓް ނުކުރެވި އަދި ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން ނަތީޖާ ނުލިބި ވެސް ގިނަ އަދަދެއްގެ ބަޔަކު އެބަ ތިއްބެއެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސް މިމަހުގެ 30 އަދި 31 ގައި ދުވާލެއްގެ މައްޗަށް 1600 މީހުން ޕޮަޒިޓިވް ވާނެ ކަމަށް އެޗްޕީއޭއިން އޮތީ އަންދާޒާ ކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.