( جَنَّاتُ عَدْنٍ )
"އަލްޢަދްން" އަކީ ތަނެއްގައި ޤާއިމުވެ ތިބެ އެތަނުން ނުދިޔުމެވެ. ސުވަރުގޭގެ ނިޢުމަތުގެ ފުރިހަމަކަމުގެ ތެރެއިން ހިމެނޭ އެއްކަމަކީ އެތަނުގެ އަހުލުވެރިން އެތަނުގައިވާ ނިޢުމަތްތައް ދޫކޮށްފައިވާ ދިޔުމަށް ނޭދޭނެ ކަމެވެ. އެހެނީ އޭނާއަށް ވުރެ ފުރިހަމަ ޙާލެއްގައި އެހެން މީހަކު އުޅޭތަނެއް އޭނާއަކަށް ނުފެންނާނެއެވެ. އަދި އޭނާއަށް ވުރެ މަތީގައި އަދި ފުރިހަމަކަމެއްގައި އުޅޭ މީހަކަށްވުރެ އޭނާ ނިކަމެތިކަމެއް އިޙުސާސެއް ނުވާނެއެވެ. ސޫރަތުލް ކަހްފްގެ 108 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ﴿١٠٨﴾ ) މާނައަކީ: " އެއުރެން އެތަންފިޔަވައި، އެހެންފަރާތަކަށް އެނބުރިދިއުމަށް ނޭދި، އެތާނގައި ދެމިތިބޭ حال ގައެވެ."
މިސަބަބަށް ޓަކައި މިސުވަރުގެ ތަކަށް ﷲ ނަންދެއްވާފައިވަނީ ( جَنَّاتُ عَدْنٍ) ގެ ނަމުންނެވެ.
( تَجْرِي مِن تَحْتِهِمُ الْأَنْهَارُ ) މާނައީ: “އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ދާއިމީ ސުވަރުގެތަކެވެ.”
ޢިލްމުވެރިން ވިދާޅުވެއެވެ. އެތަނުގައިވާ ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން ހިނގަހިނގާ ހުންނާނެއެވެ. މިތަނުގައި ﷲ ތަޢާލާ އިޖުމާލީ ގޮތެއްގައި ބަޔާންކުރެއްވި ކަންކަން ތަފްޞީލީ ގޮތެއްގައި محمد ސޫރަތުގެ 15 ވަނަ އާޔަތުގައި ބަޔާންކޮށްދެއްވިއެވެ. (مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ﴿١٥﴾ ) މާނައަކީ: " تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ نعمة ތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟"
ބައެއް އަޘަރުތަކުގައި އައިސްފައިވާ ގޮތުން ސުވަރުގޭގެ މިކޯރުތައް ހިނގަހިނގަ ހުންނަނީ ވަޅުގަނޑެއް ނެތިއެވެ. އޭގެ މާނައަކީ އެ ހިނގަހިނގާ ހުންނަނީ ސީދާ ބިންމަތީގައެވެ. އަދި އިންސާނާ ބޭނުން ދިމާއަކަށް އެދެއެވެ. އަދި ފެންގަނޑު އެކިފަރާތްފަރާތަށް ގޮސްދާނެތީ ވަކި ބިނާއެއް ނުވަތަ ވަޅުގަނޑެއް އެއަށް ބޭނުންނުވެއެވެ.
( يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ ) "އެތާނގައި ރަނުގެ އުޅާތަކުން އެއުރެންގައި ގަހަނާ އަޅުއްވާނެތެވެ."
(وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ ) " އަދި ފެހިކުލައިގެ سُندُس އާއި إستَبرَق (އެބަހީ: ފަލަފަށުއި) ފޭރާން ލާނެތެވެ."
މިތަނުގައި " ފެހިކުލައިގެ سُندُس" ފެހިކުލަ ޚާއްޞަ ކުރައްވާފައި ވުމުގެ ޙިކްމަތަކީ އެއީ ލޮލަށް އެންމެ ފަސޭހަކުލަކަމަށްވާތީވެއެވެ. ހަމައެއާއި އެކު އެއީ ރީތި ކުލައަކަށްވާތީވެއެވެ.
(مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ) "އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެންތިބޭ حال ގައެވެ." މިއިން ދޭހަވަނީ އެމީހުން ސުވަރުގޭގައި އުޅޭލެއް އަރާމު ކަމެވެ.
(نِعْمَ الثَّوَابُ وَحَسُنَتْ مُرْتَفَقًا ) "(އެއުރެންނަށްހުރި) ثواب ގެ މޮޅުކަމާއެވެ! އަދި (އެއުރެން) ތިބެނިވިތަނެއްގެ ގޮތުން އެތާނގެ ރަނގަޅުކަމާއެވެ!"
ސޫރަތުލް ފުރްގާންގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَصْحَابُ الْجَنَّةِ يَوْمَئِذٍ خَيْرٌ مُّسْتَقَرًّا وَأَحْسَنُ مَقِيلًا ﴿٢٤﴾ ) މާނައަކީ: " އެދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ أهل ވެރިން ހެޔޮކަންބޮޑެވެ. އަދި އަރާމުކުރަންތިބޭ ތަނުގެ ގޮތުންވެސް ރަނގަޅުކަން ބޮޑުމެއެވެ."
(وَاضْرِبْ لَهُم مَّثَلًا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَابٍ وَحَفَفْنَاهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا ﴿٣٢﴾ ) މި އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަމުރުކުރައްވަނީ މުޝްރިކުންނަށް ވަކިން ޚާއްޞަކޮށް ހެނދުނާއި ހަވީރު ﷲ އަށް އަޅުކަންކޮށް އުޅޭ މުއިމިނުން ދޫކޮށްލެއްވުމަށް އެކަލޭގެފާނަށް ބާރުއަޅަމުންދާ މީހުންނަށް، ދެމީހެއްގެ މިޘާލުން މިޘާލު ޖެއްސެވުމަށެވެ. އެއީ ﷲގެ ނިޢްމަތްތަކަށް ޝުކުރުވެރިވީ މީހަކާއި، އެނިޢްމަތްތަކަށް ކާފަރުވީ މީހެއްގެ މިޘާލެވެ. އަދި އެދެމީހުން ބުނެފައިވާ ބަސްތަކާއި ކޮށްފައިވާ ކަންތަކެވެ. އަދި އެކަންތައްތަކުގެ ސަބަބުން ދުނިޔެ އާއި އާޚިރަތުގައި ލިބުނު އަދި ލިބޭނޭ ނިޢްމަތްތަކާއި ޢިގާބުގެ ވާހަކައެވެ. މީސްތަކުން ޢިބްރަތް ޙާޞިލް ކުރުމަށެވެ.
މިދެމީހުންގެ ކުރެ އެކަކީ އެމީހަކަށް މާތް ﷲ ދެބަގީޗާ ދެއްވާފައިވާ މީހެކެވެ. ނަމަވެސް އެމީހާ އެނިޢްމަތަށް ކާފަރުވީއެވެ.
(وَحَفَفْنَاهُمَا بِنَخْلٍ) މިދެބަގީޗާގައި ހުރިހާ ވައްތަރެއްގެ މޭވާލެއްވިއެވެ. ވަކިން ޚާއްޞަގޮތެއްގައި އެންމެ ޝަރަފުވެރި މޭވާ ކަމުގައިވާ މޭބިސްކަދުރާއި ކަދުރު ލެއްވިއެވެ. ބަގީޗާގެ މެދުތެރޭގައި މޭބިސްކަދުރު ގަސްތަކެވެ. އަދި ބަގީޗާގެ ވަށައިގެން ކަދުރު ރުއްތަކެވެ. އެހެންކަމުން، ބަލައިލަން ނިކަންރީތި ހިއްގައިމު ބަގީޗާއެއް ކަމުގައިވިއެވެ.
(وَجَعَلْنَا بَيْنَهُمَا زَرْعًا) އަދި އެދެމެދުގައި ދަނޑުގޮވާންވެސް ލެއްވީމެވެ.
(كِلْتَا الْجَنَّتَيْنِ آتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْئًا ۚ وَفَجَّرْنَا خِلَالَهُمَا نَهَرًا ﴿٣٣﴾ )
(كِلْتَا الْجَنَّتَيْنِ آتَتْ أُكُلَهَا) ދެބަގީޗާއިންވެސް އެކިފާޑުފާޑުގެ ގަސްތަކާއި މޭވާ ލިބިދިނެވެ.
( آتَتْ أُكُلَهَا ) ޢާއްމުކޮށް މޭވާ ލިއްބައިދޭ މިންވަރަށްވުރެ ދެގުނަ އިތުރަށް ލިއްބައިދިނެވެ.
(وَلَمْ تَظْلِم مِّنْهُ شَيْئًا) އެ ދެ ބަގީޗާގައިމެ، މޭވާއައިސް އެއިން އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ.
(وَفَجَّرْنَا خِلَالَهُمَا نَهَرًا) އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ހިންގެވީމެވެ.
(وَكَانَ لَهُ ثَمَرٌ فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَا أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا ﴿٣٤﴾ )
(وَكَانَ لَهُ ) އެބަގީޗާގެ ވެރިފަރާތަށް މިލްކުވެގެންވިއެވެ.
(ثَمَرٌ) މި ކަލިމާގެ އަޞްލު މާނައަކީ "މޭވާ" އެވެ. ނަމަވެސް، މިތަނުގައި މިލަފްޡުގެ މުރާދަކީ ކޮބައިކަމާއި މެދުގައި މުފައްސިރުންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ.
ބައެއް މުފައްސިރުން ދެކިލައްވާ ގޮތުގައި މިތަނުގައި ( ثَمَرٌ ) ބޭނުން ކުރައްވާފައިވަނީ ތަފާތުވައްތަރުގެ މުދާ އެފަރާތަށް ދެއްވި ވާހަކަ ބަޔާން ކުރެއްވުމަށެވެ.
އަނެއްބައި މުފައްސިރުން ވިދާޅުވަނީ (ثَمَرٌ)ގެ މުރާދަކީ އެމީހާގެ ބަގީޗާގައި ތަފާތުވައްތަރުގެ ގިނަގުނަ މޭވާ އަޅާނެގޮތް މެދުވެރިކޮށްދެއްވި ވާހަކަ އެވެ. އަދި އެބަގީޗާގައި މޭވާ މަދެއް ނުވެއެވެ. އެއްވެސް ބަލިމަޑުކަމެއް މެދުވެރިއެއް ނުވެއެވެ. ދުވަހުން ދުވަހަކަށް މޭވާ އިތުރުވަމުން ތިޔާގިވަމުން ދިޔައެވެ. އެހެންކަމުން، ބަގީޗާގެ ޗާލުކަމާއި ޒީނަތްތެރިކަން އިތުރުވެގެން ދިޔައެވެ.
މިދެގޮތަށް ބެލިނަމަވެސް މާނަކުރުމުގައި ތަފާތެއް ނެތެވެ. ސަބަބަކީ މީހެއްގެ އަތުގައި ތަނަވަސްކަން ހުރެއްޖެނަމަ، އެއީ އޭނާގެ ބުރަ މަސައްކަތުގެ މޭވާ ކަމުގައި ބެލެވެއެވެ.
(فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ) ދެބަގީޗާގެވެރިޔާ، އޭނާއަށް މިނިޢްމަތް ދެއްވީ ﷲ ކަން ހަނދުމަނެތިކޮށްލާ، އާޚިރަތްމަތިން ހަނދާން ނައްތާލާފައި، އޭނާގެ އަނެއް މުއިމިން އަޚާ އާއި ވާހަކަ ދައްކަމުން މުޚާޠާބުކޮށް ފަޚުރުވެރިވެ ބޮޑާވެފައި ބުންޏެވެ.
(أَنَا أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا ) ތިމަންނާގެ އަތުގައި ތިބާ އަށް ވުރެ ގިނަ މުދާ އެބަހުއްޓެވެ. އަދި ތިމަންނާގެ ޚާދިމުންނާއި އެހީތެރިން އަދި ގާތްތިމާގެ މީހުންވެސް ގިނަ އެވެ. ތިމަންނާގެ ޙަސަބާއި ނަސަބުވެސް މަތިވެރިއެވެ. އޭނާ މިފަދައިން ބުނެފައިވަނީ ފަހަރެއްގައިވެސް ﷲ ދެއްވި ނިޢްމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތަކުންނެއް ނޫނެވެ. އަދިކިއެއްތަ، ބޮޑާކަމުގެ ގޮތުންނެވެ.
(وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِّنَفْسِهِ قَالَ مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا ﴿٣٥﴾)
(وَدَخَلَ جَنَّتَهُ ) ބަގީޗާގެ ޞާޙިބުމީހާ އެތަނަށްވަނެވެ.
( وَهُوَ ظَالِمٌ لِّنَفْسِهِ ) އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ ޙާލުގައި، އެއީ މަރުވުމަށްފަހު އަލުން ދިރުއްވާނެކަމަށް އިންކާރު ކުރުން، އަދި ގިޔާމަތްވާނެ ކަމާއި މެދުގައި ޝައްކުކުރުން، އަދި ﷲ ގެ ޙަޟްރަތަށް އެނބުރިދާން ޖެހޭނެކަން ހަނދާންނައްތާލުން، އޭގެ ސަބަބުން އޭނާގެ މައްޗަށް ﷲގެ ކޯފާ އާއި ޢަޛާބު ޙައްގުވުން،
(مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا) އޭނާގެ ބަގީޗާ އަށް ވަންއިރު އެތަނުގައި މޭވާ އަޅާފައިވާލެއް ގިނަކަމުންނާއި، ކައިރީގައި ފެންއާރުތައް ހެދިފައިވާލެއް ފުރިހަމަކަމުން، އާޚިރަތުގެ މަތިން ހަނދާންނެތުނެވެ. އަދި މނިޢްމަތްތައް ދުވަހަކުވެސް މެދުކެނޑިގެން ހިނގައިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރިއެވެ.
(وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا ﴿٣٦﴾ )
(وَمَا أَظُنُّ السَّاعَةَ قَائِمَةً) ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާންގެ އަޅުތަކުންނަށް އިންޛާރު ކުރައްވާޤފައިވާ ގިޔާމަތްވުމަކީ ނުވާނެ ކަމެއްކަމުގައި އޭނާ ބުންޏެވެ.
( وَلَئِن رُّدِدتُّ إِلَىٰ رَبِّي ) މަރުވެ، ﷲ ގެ ޙަޟްރަތަށް މަޙްޝަރު ކުރެވުނުކަމުގައިވީނަމަވެސް، (لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا ) މިދުނިޔެމަތީގައި ތިމަންނާ އަށް ލިބިފައި މިވާ ދެބަގީޗާ އަށް ވުރެ ހެޔޮ ތަކެތި މާތް ﷲގެ ޙަޟްރަތުން ތިމަންނާ އަށް ލިބޭނެކަމަށް އޭނާ ބުންޏެވެ. މާނައަކީ، ﷲ އަހަންނަށް ނިޢްމަތް ދެއްވާނީ ހަމައެކަނި މިދުނިޔެމަތީގައެއް ނޫނެވެ. އާޚިރަތުގައިވެސް ދެއްވާނެއެވެ. ނަމަވެސް، މިއީ ފާސިދު ގިޔާސެކެވެ. އެހެނީ މިދުނިޔެމަތީގައި ތަނަވަސްކަން ދެއްވުން އެއީ އާޚިރަތުގައިވެސް ތަނަވަސްކަން ދެއްވުން ލާޒިމުވާ ކަމެއް ނޫނެވެ. އަދި މިދުނިޔެމަތީގައި ނިޢްމަތް ނުލިބި ދަތިޙާލުގައި އުޅެން ޖެހުމަކީ އާޚިރަތުގައި ނިޢްމަތް ނުލިބޭންވީ ސަބަބެއްވެސް ނޫނެވެ. މިދެކަންތަކުގައި އެއްވެސް ގުޅުމެއް ނެތެވެ. ބައެއް ފަހަރަށް މިދުނިޔެމަތީގައި ކާފިރުންނަށް ގިނަގުނަ ނިޢްމަތްތައް ދެއްވައެވެ. ނަމަވެސް، އާޚިރަތުގައި އެބައިމީހުންނަށް އެކައްޗެއްވެސް ނުލިބި ޢަޛާބުގެ ތެރެއަށް ވެއްޓިގެންދެއެވެ. ސޫރަތު ފުއްޞިލަތްގެ 49 އަދި 50 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَّا يَسْأَمُ الْإِنسَانُ مِن دُعَاءِ الْخَيْرِ وَإِن مَّسَّهُ الشَّرُّ فَيَئُوسٌ قَنُوطٌ ﴿٤٩﴾ وَلَئِنْ أَذَقْنَاهُ رَحْمَةً مِّنَّا مِن بَعْدِ ضَرَّاءَ مَسَّتْهُ لَيَقُولَنَّ هَـٰذَا لِي وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّي إِنَّ لِي عِندَهُ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ الَّذِينَ كَفَرُوا بِمَا عَمِلُوا وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ ﴿٥٠﴾ ) މާނައަކީ: " ހެޔޮކަންތަކަށް دعاء ކުރުމަކަށް އިންސާނާ ފޫއްސެއް ނުވާނެތެވެ. އަދި އޭނާއަށް ނުބައިކަމެއް ޖެހިއްޖެނަމަ، ފަހެ، އުންމީދުކެނޑި، ހިތްމަރުވެފައިވާ މީހަކަށް އޭނާ ވެދެތެވެ. އަދި ހަމަކަށަވަރުން، އެ އިންސާނާއަށް ދަތި حال އެއް ޖެހިއްޖައުމަށްފަހު، ތިމަންރަސްކަލާނގެ حضرة ން رحمة އެއްގެ ރަހަ އޭނާއަށް ދައްކަވައިފިނަމަ، މިއީ ތިމަންނާއަށްހުރި ތަކެއްޗޭ ބުނާނެކަން ކަށަވަރެވެ. އަދި قيامة ވާނެކަމަކަށް ތިމަންނާ ހީއެއްނުކުރަމެވެ. އަދި ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ حضرة އަށް ތިމަން رجوع ކުރެއްވިއަސް ހަމަކަށަވަރުން އެކަލާނގެ حضرة ގައި ތިމަންނައަށްހުރީ ހެޔޮކަމެވެ. ފަހެ، ހަމަކަށަވަރުން، كافر ވިމީހުންނަށް ތިމަންރަސްކަލާނގެ އެއުރެންކުރި عمل ތަކުގެ خبر އަންގަވާހުށީމެވެ. އަދި ހަމަކަށަވަރުން، ގަދަފަދަވެގެންވާ عذاب އަކުން އެއުރެންނަށް ތިމަންރަސްކަލާނގެ عذاب ގެ ރަހަ ދައްކަވާހުށީމެވެ."
- ނުނިމޭ -