ކޮވިޑް ޖެހިގެ ދަރުވަމަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އުމުރުން 88 އަހަރުގެ ހުސައިން އަބްދުﷲ އަވަހާރަ ވެއްޖެ އެވެ، އޭނާއަކީ އެމްއެޗްއޭގެ ވެރި މީހާއެވެ.

މަރޮށީ މަރުހޫމް ހުސައިން ޢަބްދުﷲ ނުވަތަ މަރޮށީ ހުސައިން ކަލޭފާނަކީ، ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއިން ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް (ނ.ކ.ޝ.ޢ) ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްގީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިހުލާސްތެރި ހުދްމަތްތަކެއް ކޮށްދެއްވިއެވެ.

ޖަމާޢަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2005 ވަނަ އަހަރު އެރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އޭނާ ހޯއްދަވާފައިވެއެވެ.

އުމުރުން 88 އަހަރުގެ ހުސައިން އަބްދުﷲ ކޮވިޑަށް ޕޮޒިޓިވް ވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަން ފެއްޓެވީ އޭނާގެ އަނބިކަނބަލުން އުމުރުން 83 އަަހަރުގެ އައިމިނަތު އާދަމް ނިޔާވި ދުވަހުއެވެ. އޭނާ ނިޔާވެފައިވަނީ 29 އޭޕްރީލްގައެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވީވެސް އޭނާއެވެ. ދެވަނަ އަށް މަރުވީ 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ތިން ވަނައަަށް އުމުރުން 80 އަހަރުގ ދިވެހި ފިރިހެނެކެވެ. މަރުހޫމް ހުސައިން ޢަބްދުﷲއާއެކު ކޮވިޑްގައި މަރުވި މީހުންގެ އަދަދު 4 އަކަށް އެރީއެވެ.