(واصبر نفسك مع الذين يدعون ربهم بالغداوة والعشي يريدون وجهه )
( واصبر نفسك ) އެބައިމީހުންގެ ރައްބަށް ދުޢާކުރާ އަޅުތަކުންނާއި އެކު ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ. އަދި އެމީހުންނަށް ހިތްވަރު ދެއްވާށެވެ.
(بالغداوة) ދުވާލުގެ ކުރީކޮޅު
(والعشي) ދުވާލުގެ ފަހުކޮޅު ( يريدون وجهه ) ދުނިޔަވީ އެދުމެއްނެތި، ﷲ ގެ ވަޖްހުފުޅު އެދި، އިޚްލާޞްތެރިކަމާއި އެކު ދުޢާ ކުރާ،
މި އާޔަތުގައި މިވަނީ ﷲ ސުބްޙަނަހޫ ވަތަޢާލާ އަށް ވަޖްހުފުޅެއް ނުވަތަ މޫނު ފުޅެއް ވާކަން ޘާބިތުކޮށްދެއްވާފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ވަޖްހުފުޅެއްވާ ކަމަށް ގުރްއާނާއި ސުންނަތުން ޘާބިތުވެއެވެ. އަދި އުއްމަތުގެ އިޖްމާޢިންވެސް އެކަން ޘާބިތުވެއެވެ. ސޫރަތުއް ރަޙްމާންގެ 27 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ ﴿٢٧﴾ ) މާނައަކީ: " އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذات ފުޅު ދެމިވޮޑިގެންވެއެވެ. "
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ދުޢާގައި ވިދާޅުވެފައިވެއެވެ. ( أَعُوذُ بِوَجْهِكَ ) މާނައަކީ: "އިބަ ﷲ ގެ ވަޖްހުފުޅު މެދުވެރި ކުރައްވާ އެކަމުން އެއްކިބާ ކުރެއްވުމަށް ދަންނަވަމެވެ."
މިއުއްމަތުގެ ސަލަފުން ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ވަތަޢާލާ އަށް ވަޖްހުފުޅެއްވާ ކަމަށް ވަނީ އިޖްމާޢުވެފައެވެ.
ނަމަވެސް، ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ލިބިވޮޑިގެންވާ ވަޖްހުފުޅު ނުވަތަ މޫނުފުޅަކީ އެއްވެސް މަޚްލޫގެއްގެ މޫނާއި އެއްފަދަ މޫނެއް ނޫނެވެ. ސޫރަތުއް ޝޫރާގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ ﴿١١﴾ ) މާނައަކީ: "އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. "ސޫރަތު މަރްޔަމްގެ 65 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ ۚ هَلْ تَعْلَمُ لَهُ سَمِيًّا ﴿٦٥﴾ ) މާނައަކީ: "(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. ފަހެ، ކަލޭގެފާނު، އެކަލާނގެއަށް އަޅުކަންކުރައްވާށެވެ! އަދި އެކަލާނގެއަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ! އެކަލާނގެއާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ "(يريدون وجهه ) މިއިން އެނގެނީ އެބައިމީހުން އަޅުކަން ކުރަނީ އިޚްލާޞްތެރިކަމާއި އެކުގައި ކަމެވެ.
(وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا) "އަދި ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން، ކަލޭގެފާނުގެ ލޯފުޅު، އެއުރެން ފިޔަވައި ފަހަނަޅައި ދިޔަނުދެއްވާށެވެ! އަދކިއެއްތަ، ކަލޭގެފާނުގެ ނަޡަރު އަބަދުވެސް އެބޭފުޅުންނާއި އެކު ބަހައްޓަވާށެވެ. އަދި އެބޭފުޅުންނާއި އެކު އުޅުއްވާށެވެ."
( تُرِيدُ زِينَةَ الْحَيَاةِ الدُّنْيَا ) " ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަން އެދިވަޑައިގެން" މިހެން އޮތުމުން ދޭހަވަނީ ދީނީ މަޞްލަޙަތަކަށް ޓަކައި އެކަލޭގެފާނުގެ ނަޡަރު އެހެން ދިމާލަކަށް ގެންދެވިނަމަވެސް މި ނަހީގެ ތެރެއަށް ނުވަންނާނެ ކަމެވެ.
( وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا ) "އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!"
މި އާޔަތުން ދޭހަވަނީ ﷲ ޛިކްރުކުރާ ހިނދުގައި ހަމައެކަނި ދުލުކޮޅުން ޛިކްރު ތައް ކިޔާލުމުގެ ބަދަލުގައި އެކިޔޭ އެއްޗަކާއި މެދުގައި އެމީހަކު ވިސްނަންވާނެ ކަމެވެ. ނޫންނަމަ، އެކަމުން އެމީހަކަށް ލިބެންވާ ބަރަކާތާއި ޘަވާބު ނުލިބޭނެ ކަމެވެ.
(وَقُلِ الْحَقُّ مِن رَّبِّكُمْ )
(قُلِ ) މުޚާޠަބު ކުރައްވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. މާނައަކީ ކަލޭގެފާނު ފާޅުގައި ވިދާޅުވާށެވެ.
(الْحَقُّ مِن رَّبِّكُمْ ) " (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ حق ތެދެވެ." ﷲ ގެ ޙަޟްރަތުން ފިޔަވާ އެހެން ފަރާތަކުން ޙައްގު ހޯދަން ނޫޅޭށެވެ. ސަބަބަކީ ޙައްގު ގޮތްވަނީ ﷲ ގެ އެންގެވުންތަކަށް ބޯލެނމުގައެވެ.
( فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ ) " ފަހެ، ބޭނުންމީހަކު إيمان ވާށެވެ! އަދި ބޭނުންމީހަކު كافر ވާށެވެ!"
މިއީ އިންޛާރުގެ ބަސްފުޅެކެވެ. ފަހަރެއްގައިވެސް އިޚްތިޔާރެއް ނޫނެވެ. އިންސާނުން ބުނެއުޅޭ ފަދައިންނެވެ. "ތިބާ ތިޔަ ހަދަނީ ތެދު ކަމުގައިވާނަމަ މިވެނި ކަމެއް ކޮށްބަލާށެވެ." މިއީ އިންޛާރެއްކަން ދޭހަވަނީ ފަހަތުގައި މިވާބައިންނެވެ.
(إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ) " ހަމަކަށަވަރުން، كافر ވެ، އަނިޔާވެރިވެގަތް މީހުންނަށް، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީމެވެ.އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެއުރެން ވަށާލައިގެންވެއެވެ. "
ﷲ ގެ އާޔަތްތަކަށް ކާފިރު ވުމަކީ އަމިއްލަ ނަފްސަށް ވެވޭ އަނިޔާ އެކެވެ. ސޫރަތުލް ބަގަރާގެ 254 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالْكَافِرُونَ هُمُ الظَّالِمُونَ ) މާނައަކީ: " كافر ންނަކީ ހަމަ އަނިޔާވެރިންނެވެ."
(وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا ) " އެއުރެން ފެނަށްއެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެއުރެންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ!"
ސޫރަތު މުޙައްމަދުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ) މާނައަކީ: " އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟"
ސޫރަތުއް ނިސާގެ 56 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ ۗ ) މާނައަކީ: " އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން عذاب ގެ ރަހަ ލިބިގަތުމަށްޓަކައެވެ."
(إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا ﴿٣٠﴾ )
ކީރިތި ޤުރުއާނަކީ މަޘާނީގެ ނަމުން ނަންދެވިފައިވާ ފޮތެކެވެ. އެފަދައިން ނަން ދެވުނީ ކަމެއްގެ ވާހަކަދެއްކުމަށްފަހު އޭގެ އަނެއްކޮޅުގެ ވާހަކަވެސް ބަޔާންކުރައްވާތީއެވެ. ނަރަކައިގެ އަހަލުވެރިންގެ ވާހަކަދެއްކެވުމަށްފަހު ސުވަރުގޭގެ އަހަލުވެރިންގެ ވާހަކަ ބަޔާންކުރައްވައެވެ. ބިރުވެރިކަމުގެ އާޔަތްތައް ބަޔާންކުރެއްވުމަށްފަހު އުންމީދުގެ އާޔަތްތައްވެސް ބަޔާންކުރައްވައެވެ. އެހެނިހެން ކަންކަމުގައިވެސް މިފަދައިންނެވެ. އެކަމުގެ ބޭނުމަކީ އުންމީދާ ބިރުވެރިކަމުގެ މަތީގައި ﷲ ގެ ޙަޟްރަތަށް އިންސާނާ ދަތުރުކުރުމެވެ. އޭގެ ސަބަބަކީ އިންސާނާ ފޫހިނުވުމެވެ. ފަހެ ހަމަކަށަވަރުން އުސްލޫބުތަފާތުވެ އެކިތަންތަނުގައި ތަފާތު ގޮތްތަކަށް ގެނައުމަކީ ނަފްސަށް ބާރާއި އާރޯކަން ލިއްބައިދޭނެ ކަމެކެވެ. އެއާ ޚިލާފަށް އެއްހަމައެއްގައި އަބަދު ވާހަކަދެއްކޭނަމަ އޭގެ ސަބަބުން އިންސާނާ ފޫހިވެސް ވެދާނެއެވެ. އަދި އޭނާގެ ނަފްސަށް އޭގެ ސަބަބުން އެއްވެސް އަޘަރެއް ނުކޮށްފާނެއެވެ.
ފަހެ އަޅުތަކުންކުރެ އެންމެ ހެޔޮ މީހުންނަކީ އީމާންވެ ޞާލިޙު ޢަމަލުކުރި މީހުންނެވެ. އެބައިމީހުންވަނީ ހަތަރު ދަރަޖައެއްގައެވެ. އެކަންވަނީ ﷲ ތަޢާލާ ބަޔާންކުރައްވާފައެވެ. ސޫރަތުއް ނިސާގެ 169 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
﴿وَمَن يُطِعِ اللَّـهَ وَالرَّسُولَ فَأُولَـٰئِكَ مَعَ الَّذِينَ أَنْعَمَ اللَّـهُ عَلَيْهِم مِّنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ﴾
މާނައީ: ” ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނައެވެ!) ފަހެ، އެއުރެންވަނީ، ﷲ އެބަޔެއްގެ މައްޗަށް ނިޢުމަތްދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ.”
މިއީ މުއުމިނުންގެ ހަތަރު ދަރަޖައެވެ. އޭގެ އެންމެ މަތީ ދަރަޖައަކީ ނަބީކަމެވެ. އަދި ނަބީ ކަމުގެ އެންމެ މަތީ ދަރަޖައަކީ ރަސޫލުކަމެވެ.
ދެން އެއަށްފަހުގައިވަނީ ޞިއްދީޤުންނެވެ. ޞިއްދީޤުންގެ އެންމެ މަތީ ދަރަޖައިގައިވަނީ އަބޫ ބަކުރު އައްޞިއްދީޤު رضي الله عنه އެވެ.
ތިންވަނަ ދަރަޖައިގައިވަނީ الشهداء އިންނެވެ. އެއީ ޢިލްމުވެރިންކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ﷲ ގެ މަގުގައި ހަނގުރާމަކޮށް މަރުވި ބޭކަލުންކަމުގައިވެސް ބުނެވެއެވެ. މިދެމާނައަށްވެސް މިއާޔަތުން އިޙްތިމާލު އެބައޮތެވެ. އަދި އެދެމާނައިގައި ފުށުއެރުމެއް ނެތެވެ. ފުށުއެރުމެއް ނެތި އާޔަތަކުން ދެމާނަ ނެގޭނަމަ ތަފްސީރު ޢިލްމުވެރިންނަށް އެންމެ އެކަށީގެންވަނީ އެ މާނަވެސް ނެގުމެވެ. އެހެންކަމުން މިތަނުގައި الشهداء އިންނަކީ ޢިލްމުވެރިންނާއި ﷲ ގެ މަގުގައި ޤަތުލުވެގެން ދިޔަ ބޭކަލުންނެވެ. ނަބީ ބޭކަލުންނަށް ތަބާވީ ބޭކަލުންގެ ތެރެއިން މިބޭކަލުންވަނީ ދަރަޖައިގެ ގޮތުން އެންމެ މަތީގައެވެ. އެއީ ޞިއްދީޤުން ފިޔަވައެވެ.
﴿الصَّالِحِينَ﴾
އެއީ މިދަރަޖަތަކުގެ ތެރެއިން އެންމެ ތިރި ދަރަޖައެވެ.
(إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا ) މާނައަކީ: "ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ."
މިތަނުގައި (إِنَّا لَا نُضِيعُ أَجْرَهُمْ ) "އެބައިމީހުންގެ އަޖްރޭ" ބަޔާން ނުކުރައްވާ "ހެޔޮކޮށް ކަންތައްކުޅަ މީހެއްގެ ދަރުމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ." އޮތުމުގެ ޙިކްމަތަކީ އެބައިމީހުންނށް މިމަތިވެރި ދަރަޖަ ލިބުނު ސަބަބު ބަޔާން ކުރެއްވުމެވެ. އެސަބަބަކީ އެބައިމީހުން ހެޔޮޢަމަލު ކުރުމުގެ ސަބަބުންނެވެ. ސޫރަތުއް ރަޙްމާންގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ ) މާނައަކީ: "ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟"
ހެޔޮޢަމަލެއް ކަމުގައިވާނީ އެޢަމަލެއްގައި އިޚްލާޞްތެރި ކަމާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އިގްތިދާކުރުން ހިމެނިގެންނެވެ.
(أُولَـٰئِكَ لَهُمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهِمُ الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۚ نِعْمَ الثَّوَابُ وَحَسُنَتْ مُرْتَفَقًا ﴿٣١﴾ )
(أُولَـٰئِكَ لَهُمْ جَنَّاتُ عَدْنٍ ) މިތަނުގައި އިޝާރާތް ކުރައްވާފައިވަނީ އީމާންވެ ހެޔޮޢަމަލުކުރާ މީހުންނަށް.
(جَنَّاتُ) މިއީ (جَنَّةُ )ގެ ޖަމްޢު އެވެ. އެއީ މާތް ﷲ އެކަލާންގެ ތަގްވާވެރި އަޅުންނަށްޓަކައި ތައްޔާރު ކުރައްވާފައިވާ ރަޙްމަތުގެ ގޯތިއެވެ. އެތަނުގައި ލޮލަށް ފެނިފައިނުވާ، ކަންފަތުން އަޑު އަހާފައިނުވާ، ހިތަށް ތަޞައްވުރުކޮށްލެވިފައިނުވާ ފަދަ މަތިވެރި ނިޢްމަތްތައްވެއެވެ.
މިތަނުގައި ޖަމްޢުގެ ޞީޣާގައި ގެންނަވާފައިވުމުގެ ޙިކްމަތަކީ އެކިވައްތަރުގެ ބަގީޗާތައް މުއިމިނުންނަށް ޓަކައި ސުވަރުގޭގައިވާތީވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( جَنَّتَانِ مِنْ فِضَّةٍ آنِيَتُهُمَا وَمَا فِيهِمَا وَجَنَّتَانِ مِنْ ذَهَبٍ آنِيَتُهُمَا وَمَا فِيهِمَا )[1] މާނައަކީ: "ރިހީގެ ދެ ބަގީޗާއެވެ. އެތަނުގައިވާ ކަންވާރުތަކާ އަދި ވީހާ ތަކެއްޗެކެވެ. އަދި ރަނުގެ ދެބަގީޗާއެވެ. އެތަނުގައިވާ ކަންވާރުތަކާ އަދި ވީހާ ތަކެއްޗެކެވެ."
މިކަމަށް އިޝާރާތް ކުރައްވާ ސޫރަތުއް ރަޙްމާންގެ 46 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ ﴿٤٦﴾ ) މާނައަކީ: "އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ނުވަތަ ދެބަގީޗާ ހުށްޓެވެ."
ދެން އެއަށްފަހު އެދެސުވަރުގޭގައިވާ ބަގީޗާތަކުގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތުއް ރަޙްމާންގެ 62 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَمِن دُونِهِمَا جَنَّتَانِ ﴿٦٢﴾ ) މާނައަކީ: " އަދި އެ ދެ ސުވަރުގެ ނުވަތަ ދެބަގީޗާ ފިޔަވައި ދެސުވަރުގެ ނުވަތަ ދެބަގީޗާވެއެވެ."
ފަހެ އެބައިމީހުންނަށް ވަނީ ބަގީޗާތަކެކެވެ. މުއުމިނުންކުރެ ޞާލިޙު ޢަމަލުކުޅަ މީހުންނަށްހުރި ޖަޒާކަމުގައި ﷲ ތަޢާލާ ވަޙީކުރައްވާ އަންގަވާފައި މިވާ ބަގީޗާތަކަކީ ވަރަށް މަތިވެރިވެގެންވާ މަންޒިލުތަކެކެވެ. އެތަންތަން ތައްޔާރުކުރެވިފައިވާވަނީ މުއުމިނު ތަޤްވާވެރި މީހުންނަށެވެ. އެތަނުގައިވަނީ ދުވަހަކުވެސް ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އިވިފައިނުވާ އަދި ހިތަކަށް އަރާފައިވެސް ނުވާފަދަ ނިޢުމަތްތަކެކެވެ. މިދުނިޔޭގައި ހުރި އިންސާނަކަށް އާޚިރަތުގެ ނިޢުމަތްތައް ތަޞައްވަރުކޮށްލުމަކީ ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ. އެހެނީ އެއީ ތަޞައްވަރުކޮށްލެވޭ [1] ވަރަށްވުރެމެސް މާ މަތިވެރިތަނެކެވެ. އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. (لَيْسَ فِي الْجَنَّةِ مِمَّا فِي الدُّنْيَا إِلَّا الْأَسْمَاءَ) މާނައަކީ: " ދުނިޔޭގައިވާ ތަކެތިން ކުރެ ހަމައެއްވެސް އެއްޗެއް ސުވަރުގެއަކު ނުވެއެވެ. އެތަނުގައި ބޭނުންކުރެވޭ ނަންތައް ފިޔަވައެވެ."
ނަމުގެ ގޮތުން އެކައްޗެއްނަމަވެސް، އޭގެ ޙަގީގަތް ވަރަށް ތަފާތުވާނެއެވެ.
[1] صحيح البخاري » كِتَاب التَّوْحِيدِ » بَاب قُلْ أَيُّ شَيْءٍ أَكْبَرُ شَهَادَةً، رقم الحديث: 6917
- ނުނިމޭ-