ކޮވިޑާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އިދިކޮޅުން ތާއީދު ކުރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވިދާޅުވުމަކީ ދޮގެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑާ ގުޅިގެން ވިޔަސް އަދި އެނޫން ކަމެއްކަމުގައި ވިޔަސް މި ސަރުކާރުގެ އެއްވެސް ސިޔާސަތަކަށް ތާއީދު ނުކުރާ ކަމަށެވެ.
އިދިކޮޅުން ބުނީ، ކޮވިޑާ ގުލިގެންވެސް ސަރުކާރުން ގެންގުޅެނީ ދޯހަޅި ސިޔާސަތެއް ކަމަށާއި އަދި އެ ސިޔާސަތަށް އިދިކޮޅުން ތާއީދު ކުރާ ކަމަށް ސަރުކާރުން ބުނުމަކި ދޮގެއް ކަމަށެވެ.
ސަރުކާރުން ކޮވިޑާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށް އިދިކޮޅުން ތާއީދު ކޮށް އިދިކޮޅު ޕާޓީއެއްގެ އެންމެ އިސް ލީޑަރަކު އެވާހަކަ ދެއްކެވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ. ނަމަވެސް އެއީ އެ ލީޑަރެއްގެ ނަން ވިދާޅުވާން އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ. މިއާއެކު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑާ ގުޅިގެން ކަރަންޓީނު ކުރެވުނު މީހުންގެ ތެރޭގައި އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމްގެ އާއިލާގެ ބޭފުޅުން ހިމެނުނު އިރު އެބޭފުޅުންނާ ދޭތެރޭ ކަންތައް ކުރި ގޮތާ ގުޅިގެން އަބްދުއްރަހީމް ތައުރީފު ކުރެއްވި ކަމަށެވެ. އެއީ ސަރުކާރުގެ ކޮވިޑް މަސައްކަތްތައް ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ކޮވިޑަށް އަދި ކޮވިޑް ނޫނަސް، އޭނާވެސް އަދި ޕީއެންސީންވެސް ސަރުކާރުގެ ސިޔާސަތަކަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ސަރުކާރުން އެފަދަ ވާހަކަތައް ދައްކަނީ ކޮވިޑާ ގުޅިގެން ސަރުކާރުގެ ސިޔާސަތު ފެއިލްވެފައިވާކަން ރައްޔިތުންނަށް ހާމަވެ ކޮރަޕްޝަނާ ވައްކަން ކުރާތީ އެކަންކަން ރައްޔިތުންނަށް ހާމަވިޔަ ނުދިނުމަށް ކަމަށެވެ.
ނަމަވެސް އިދިކޮޅުގެ ބަޔަނުގައި އެ ވައްކަމާއި ކޮރަޕްޝަނުގެ ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.