ރާއްޖޭގައި ފެތުރެމުންދާ ކޮވިޑާ ގުޅިގެން އެކިއެކި ފަރާތްތަކުން ރައްޔިތުން ބިރުގަންނަވާ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގޮވާލައްވައިފިއެވެ.

އޭނާ މިހެން ވިދާޅުވީ، ކޮވިޑާ ގުޅިގެން، ސަރުކާރުގެ ފަރާތުން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކޮވިޑްގެ ހާލަތު ބަޔާން ކޮށްދެމުން ޕެނަލިސްޓުން ދައްކަވާ ވާހަކައަށް ބިނާކޮށް ކަމަށް ބެލެވެއެވެ.

ނަމަވެސް ސަލީމު އެހެން ވިދާޅުވީ ސީދާ ކޮން ވާހަކައަކަށް އަމާޒުކޮށް ކަމެއް ފާހަގައެއް ނުކުރައްވައެވެ. އޭނާ އެހެން ވިދާޅުވީ އިރު މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް ޓާސްކްފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕެނަލިސްޓުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގައި ބަލިޖެހޭ މީހުންގެ ނިސްބަތް އިންތިހާއަށް މައްޗަށް ގޮސް މޭއި 30 އަދި 31 ގައި ކޮންމެ ދުވަހަކު 1600 މީހުން ބަލިވެދާނެ ކަމަށެވެ.

ޑރ. ޝީނާ ހައްދަވާފައި ވާ އަންދާޒާއިން ފެންނަ ގޮތުން މިއަހަރުގެ ސެޕްޓެމްބަރާ ހަމައަށް ރާއްޖެއިން ކޮވިޑްގެ ބަލި މީހުން ފެންނަމުން ދާނެއެވެ. އޭނާ ވިދާޅުވީ، ކޮވިޑަކީ، ސީޒަނަލްކޮށް އަންނަ ބައްޔެއް ކަމެއް ނުވަތަ އެ ބައްޔާ ގުޅޭ ގިނަ މައުލޫމާތު ނެތުމުން، ރާއްޖެއިން ބަލި އަވަހަށް ނެތިގެން ދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެން ކަމުން އަންދާޒާ ކުރެވޭ ޕީކް ދުވަސްތަކުގައި ނުވަތަ ދުވަހުގައި މަދުވެގެން 34 މީހުން ހޮސްޕިޓަލުގައި އެޑްމިތް ކުރަން ޖެހޭނެ ކަމަށާއި، 12 މީހަކު އައިސޫޔޫއަށް ލާން ޖެހޭނެ ކަމަށެވެ. އަދި ޕީކް 14 ދުވަހަށް ދެމިގެން ގޮސްފިނަމަ، 6804 މީހަކު ބަލިވާނެ ކަމަށާއި، 281 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި 14 ދުވަސް ތެރޭ 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް ޑރ. ޝީނާގެ އަންދާޒާ ދައްކައެވެ.

ރާއްޖޭގެ ކޮވިޑްގެ މުޅި މަންޒަރަށް ބަލާނަމަ، ޖުމްލަ 77000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވާނެ ކަމަށާއި، 13000 އަށް ވުރެ ގިނަ މީހުން ހޮސްޕޮޓަލުގައި އެޑްމިޓްކޮށް 5000 އަށް ވުރެ ގިނަ މީހުން އައިސީޔޫއަށް ލާން ޖެހޭނެ ކަމަށްވެސް ބުނެއެވެ.

ސަލީމު އޭނާގެ ޝުއޫރު ފާޅު ކުރައްވަމުން ވިދާޅުވެފައި ވަނީ، ކޮވިޑް ކަންތައް ނިމޭއިރު ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ނަފްސާނީ ގޮތުން ބަލިވުމުގެ ބިރު އެބައޮތް ކަމަށެވެ.

ސަލީމް އެހެން ވިދާޅުވި އިރު، މިހާރުވެސް ކަރަންޓީނު ފެސިލިޓީތަކާއި، އައިސޮލޭޝަން ފެސިލިޓީތަކުގެ އިތުރުން، ކޮވިޑާ ގުޅިގެން ފަރުވާއަށް ފަހު ދޫކޮށްލާ މީހުންނާއި، އަދި އެކަހެރި ކުރެވޭ މީހުންނަށް ނަފްސާނީ އުނދަގޫ ދިމާވާ ކަމުގެ ދޭތެރެ ދޭތެރެއިން އާދެއެވެ. އެގޮތުން ކޮވިޑާ ގުޅިގެން މިހާތަނަށް 1468 ފަރާތަކަށް ނަފްސާނީ އެހީތެރިކަން ރެޑްކްރެސެންޓުން ފޯރުކޮށްދީފައިވާކަން ފާހަގަ ކުރެވެއެވެ.

ކޮވިޑް ނުވަތަ ކޮރޯނާވައިރަހަކީ އަދި ފަރުވާއެްއ ނެތް ބައްޔަކަށް ވާއިރު، މިބަލިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތަކާއި، ބައްޔަށް މީހާ ހުށަހެޅޭ ނަމަ ނަފްސާނީ ގޮތުން މީހާ އަމަލު ކުރަންވީ ގޮތްތައް ކަމާބެހޭ ފަރާތްތަކުން ގެންދަނީ ކިޔައި ދެމުންނެވެ.

ރާއްޖޭގެ އާބާދީގެ ތެރެއިން މާލެއަކީ ގިނަ ބަޔަކު އުޅޭ ތަނަކަށް ވެފައި، ވިޔަފާރީގެ މަރުކަޒަކީވެސް މާލެ ކަމަށް ވާއިރު ކޮވިޑާ ގުޅިގެން އަންނަ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް އޭގެ އަސަރު ބޮޑެވެ. އެގޮތުން އަސަރު ކުރާނެ ވިޔަފާރި ތަކުގެ ތެރޭގައި އޭދަފުށީ ދާއިރާގެ މެންބަރުގެ "ރެޑްވޭވް" ވެސް ހިމެނެއެވެ.