އިންސާނުންނަކީ ހަނދާން ނެތޭ ބަޔެކެވެ. ސޫރަތުލް ބަގަރާގެ 286 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ) މާނައަކީ: " އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ!"
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا ) މާނައަކީ: "ހަނދާން ނެތިގެން ނުވަތަ ނިދިގެން ނަމާދެއް ދޫވެއްޖެނަމަ، ހަނދާން ވުމުން، ނުވަތަ ހޭލެވުމުން އެނަމާދެއް ކުރާ ހުށިކަމެވެ."
"އިރާދަ ކުރައްވައިފިނަމަ" އޭ ބުނަން އިންސާނަކު ހަނދާންނެތިއްޖެނަމަ، ހަނދާންވުމާއި އެކުގައި އެހެން ބުނަންވާނެއެވެ. ނަމަވެސް، މިހިސާބުން އުފެދޭ ސުވާލަކީ ހަނދާންވުމާއި އެކު "އިރާދަކުރައްވައިފިނަމަ" އޭ ބުނުމުން އެމީހަކަށް އޭގެ ފައިދާކުރާނެތޯ ނުވަތަ ނޫންތޯ އެވެ؟
ބައެއް ޢިލްމުވެރިން ވިދާޅުވަނީ އަހަރެއް ދެއަހަރެއް ފަހުން ވިޔަސް ހަނދާންވެގެން "އިރާދަ ކުރައްވައިފިނަމަ" އޭ ބުނެފިނަމަ، އޭގެ ފައިދާ އެމީހަކަށް ކުރާނެ ކަމަށެވެ. ސަބަބަކީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ (وَاذْكُر رَّبَّكَ إِذَا نَسِيتَ ) "އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު ހަނދުމަ ކުރައްވާށެވެ!" މިފަދައިންނެވެ. ވީމާ، އޭނާ ހަނދާންވުމުން އެފަދައިން ބުނީއެވެ.
ނަމަވެސް، އެހެންބައެއް ޢިލްމުވެރިން ވިދާޅުވަނީ ބަސްބުނުމާއި، "އިރާދަ ކުރައްވައިފިނަމަ" އޭ ބުނުމާއި ދެމެދުގައި މާބޮޑަށް ދޭތެރެ ދުރުވެފައިވާނަމަ، އޭގެ ފައިދާ ނުކުރާނެ ކަމަށެވެ. އާޔަތުގައި އެވާ (وَاذْكُر رَّبَّكَ إِذَا نَسِيتَ ) "އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު ހަނދުމަ ކުރައްވާށެވެ!" ގެ ބޭނުމަކީ އެމީހަކު ހަނދާންވުމުން "އިރާދަ ކުރައްވައިފިނަމަ" އޭ ބުނުމުން ފާފަވެރި ނުވާނެ ކަން ބަޔާން ކުރެއްވުމެވެ. މިޘާލަކަށް މީހަކު މިވެނި ކަމެއް ކުރާނަމޭ ބުނެ ހުވާކުރި އިރުގައި، "އިރާދަ ކުރައްވައިފިއްޔާ" އޭ ބުނެފައިވާނަމަ، އެކަމެއް ފުރިހަމަ ނުވިނަމަވެސް، އޭނާ ކައްފާރާ ދޭކަށް ނުޖެހޭނެއެވެ.
( وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ) "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!"
( عَسَىٰ ) މި ލަފްޡު މަޚްލޫގެއްގެ ފަރާތުން އަތުވެއްޖެނަމަ، އޭގެ މާނައަކީ "އުއްމީދެވެ." ނަމަވެސް، ޚާލިގްވަންތަ ﷲ ގެ ޙަޟްރަތުން ( عَسَىٰ ) މި ލަފްޡު އަތުވެއްޖެނަމަ، އޭގެ މާނައަކީ ޔަގީނުންވެސް އެކަމެއް ވުމެވެ. ސޫރަތުއް ނިސާގެ 98 އަދި 99 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( إِلاَّ الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاء وَالْوِلْدَانِ لاَ يَسْتَطِيعُونَ حِيلَةً وَلاَ يَهْتَدُونَ سَبِيلاً
فَأُولَئِكَ عَسَى اللَّهُ أَن يَعْفُوَ عَنْهُمْ وَكَانَ اللَّهُ عَفُوًّا غَفُورًا ) މާނައަކީ: "ހިޖްރަކުރާނެ ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި ހިޖްރަ އަށް ދާނެ މަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި ކުޑަކުދިން މެނުވީއެވެ. އެއުރެންގެ ކިބައިން ﷲ ޢަފޫ ކުރައްވާނެއެވެ. ގިނަގިނައިން ޢަފޫ ކުރައްވާ ފާފަފުއްސަވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."
މި އާޔަތުގައި ( عَسَىٰ ) ބޭނުން ކުރައްވާފައި އެވަނީ އެބައިމީހުންގެ ފާފަ ފުއްސަވައިފިކަން އެންގެވުމުގެ ގޮތުންނެވެ.
ސޫރަތުއް ތައުބާގެ 18 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَأَقَامَ الصَّلاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلاَّ اللَّهَ فَعَسَى أُوْلَئِكَ أَن يَكُونُواْ مِنَ الْمُهْتَدِينَ ) މާނައަކީ: "ﷲގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ގާއިމްކޮށް، ޒަކާތްދީ، ﷲ ފިޔަވާ އެހެން ފަރާތެއް ދެކެ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ ބަޔެކެވެ."
މިތަނުގައި (عَسَىٰ ) ބޭނުން ކުރައްވާފައިވަނީ އެބައިމީހުންނަކީ ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައި ބަޔާން ކުރެއްވުމުގެ ގޮތުންނެވެ.
އިންސާނެއްގެ ފަރާތުން (عَسَىٰ ) އަތުވެއްޖެނަމަ، އޭގެ މާނައަކީ އުއްމީދު ކުރުމެވެ. ( وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ) "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!"
( وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ )
(لَبِثُوا ) އިޝާރާތް ކުރައްވަނީ ކަހަފް ބާގައިގެ މީހުންނަށެވެ.
( كَهْفِهِمْ ) އެބައިމީހުންގެ ޖަގަހައެއް ކަމުގައި އިޚްތިޔާރު ކުރި ހޮހޮޅަ
“އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ”
(قُلِ اللَّـهُ أَعْلَمُ بِمَا لَبِثُوا ۖ لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ ۖ أَبْصِرْ بِهِ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِ مِن وَلِيٍّ وَلَا يُشْرِكُ فِي حُكْمِهِ أَحَدًا ﴿٢٦﴾ )
(قُلِ) މުޚާޠަބު ކުރައްވާފައިވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. "ކަލޭގެފާނު ވިދާޅުވާށެވެ."
(اللَّـهُ أَعْلَمُ بِمَا لَبِثُوا) " އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ."
މި ޖުމްލަ އިން ބައެއް ބޭފުޅުން ދަލީލު ނަންގަވާ ވިދާޅުވަނީ ( وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ ) “އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ” މިއީ ޔަހޫދީންގެ ވާހަކަ އެއް ކަމަށެވެ. އެހެނީ، ކަހަފް ބާގައިގެ މީހުން ހޮހޮޅައިގާ ތިބި މުއްދަތާއި ބެހޭ ގޮތުން ޔަހޫދީން ބުނި ވާހަކަތަކެވެ. ނަމަވެސް، ރަގަޅު ގޮތަކީ ( وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ ) މިއީ ﷲ ގެ ވަޙީގެ ބަސްފުޅެވެ. އަދި (اللَّـهُ أَعْلَمُ بِمَا لَبِثُوا) " އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ." މިއީ ކުރީގެ ޖުމްލަ އަށް ޔަގީންކަން ދެއްވުމުގެ ގޮތުން ގެންނަވާފައިވާ ބަސްފުޅެކެވެ.
(لَهُ غَيْبُ السَّمَاوَاتِ وَالْأَرْضِ ) "އުޑުތަކާއި، ބިމުގެ غيب (ދެނެވޮޑިގަތުން) ވަނީ، އެކަލާނގެއަށެވެ." އެހެންކަމުން، ކާހިނަކު ޣައިބުގައިވާ ކަންތަކުގެ ވާހަކަ ބުނިނަމަވެސް، އެކަން ގަބޫލުކޮށްގެން ނުވާނެއެވެ. ގަބޫލުކޮށްފިނަމަ އެމީހަކު ވާނީ ކާފިރަކަށެވެ. ސޫރަތުއް ނަމްލުގެ 65 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٦٥﴾ ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ. އަދި އެއުރެން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާހުށީ ކޮންއިރަކުންކަން އެއުރެންނަކަށް ނުމެއެނގޭމެއެވެ."
(أَبْصِرْ بِهِ وَأَسْمِعْ ) މިއީ ޢަރަބި ބަހުގައި ބުނެ އުޅޭ ތަޢައްޖުބުގެ ޞީޣާ އެވެ. އެއީ ކަމެއް ޞިފަ ކުރުމުގައި އެންމެ މަތީ ދަރަޖައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ ތަކެއްޗެއް ބައްލަވާ ވޮޑިގެންވެއެވެ. އަނދިރި ރެއެއްގައި ކަޅު ހިލަމަތީގައި ޙަރަކާތްކުރާ ކަޅު ހިނިވެސް ﷲ ދެކެވޮޑިގެންވެއެވެ. ހަމައެފަދައިން އެކަލާންގެ ހުރިހާ ކަމެއް އައްސަވާވޮޑިގެންވެއެވެ. ސިއްރާއި ފާޅުގައި ބުނާ ބުނުންތަކާއި ކުރާ ކުރުންތައް މޮޅަށް ދެނެވޮޑިގެންވެއެވެ. އައްސަވާ ވޮޑިގެންވެއެވެ. ސޫރަތު ޠާހާގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَإِن تَجْهَرْ بِالْقَوْلِ فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى ﴿٧﴾ ) މާނައަކީ: "ކަލޭގެފާނު އަޑުހަރުކޮށް ބަސް ވިދާޅުވިޔަސް، ފަހެ، ހަމަކަށަވަރުން، އެކަލާނގެއީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޚާޠަބު ކުރައްވާ ވަޙީ ކުރެއްވިއެވެ. (قَدْ سَمِعَ اللَّـهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّـهِ وَاللَّـهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّـهَ سَمِيعٌ بَصِيرٌ) މާނައަކީ: " ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."
މި އާޔަތް ބާވާލެއްވުމާއި ގުޅިގެން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. "ހުރިހާ އަޑުތަކެއްގެ މައްޗަށް އެފަރާތުގެ އިވުން ތަނަވަސްވެގެންވާ ﷲ އަށް ޙަމްދު ހުއްޓެވެ. އެކަމެއް ހިނގިއިރު ތިމަންކަމަނާ ހުންނެވީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކޮޓަރިކޮޅުގައެވެ. އެއަންހެން ކަމަނާ ޖަދަލުކޮށް، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާ އާއި ވާހަކަ ދައްކަވަމުން ގެންދެވިއިރު ތިމަންކަމަނާ އަށް ބައެއް ވާހަކަތައް އަޑެއް ނީވެއެވެ. އެހެންނަމަވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެއަންހެންކަމަނާ އާއި ދެމެދުގައި ދެކެވުނު ހުރިހާ ވާހަކަތަކެއް ﷲ ވަނީ އައްސަވާވޮޑިގެންފައެވެ."
އެހެންކަމުން، ﷲ ތަޢާލާ ހުރިހާ ކަމެއް ދެކިވޮޑިގެންވާ ކަމާއި، އައްސަވާ ވޮޑިގެންވާ ކަމަށް އީމާންވާން ޖެހެއެވެ. މިގޮތަށް އީމާންވުމުގެ މާނައަކީ ﷲ އަށް ބިރުވެތި ވުމެވެ. ތިމާކުރާ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާ ކަމާއި، ބުނާ ހުރިހާ ބަހެއް އައްސަވާ ވޮޑިގެންވާ ކަން އެނގުމުން އެކަލާންގެ ރުހިވޮޑިގެން ނުވާ ފަދަ ކަމެއް ނުކުރުމެވެ. އަދި އެފަދަ ބަހެއްވެސް ނުބުނުމެވެ. އެހެންނަމަވެސް، ގިނަ އިންސާނުންނަށް އެކަމެއް ހަނދާނެއް ނުހުރެއެވެ. ދުލުން ބަހެއް ބޭރުކޮށްލާއިރު ނުވަތަ ކަމެއް ކުރާއިރު އެއީ ﷲ ރުހިވޮޑިގެންވާފަދަ ކަމެއްތޯ ބަލައެއް ނުލެވެއެވެ. މީހަކު ހަނދާންކޮށްދިނުމުން މެނުވީ ހޭލުންތެރި ނުވެވެއެވެ.
(مَا لَهُم مِّن دُونِهِ مِن وَلِيٍّ )
(مَا لَهُم) މިތަނުގައި ޟަމީރު ދަނީ ކަހްފުގެ އަހްލުވެރިންނަށްތޯ ނުވަތަ އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗަށްތޯ، ނުވަތަ ބަޔަކަށްތޯ މުފައްސިރުންގެ މެދުގައި ސުވާލު އުފެދިފައިވެއެވެ.
ރަގަޅު ގޮތަކީ: އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗަކާއި ބަޔެކެވެ. އެހެނީ އެއްވެސް އިންސާނަކަށް، އެއީ މުސްލިމެއް ކަމުގައވީނަމަވެސް އަދި ކާފިރެއް ކަމުގައިވީނަމަވެސް، ﷲ ފިޔަވާ އެހެން އެއްވެސް އެހީތެރިޔަކު އެބައިމީހުންނަކަށް ނުވެއެވެ. ސޫރަތުލް އަންޢާމްގެ 61 އަދި 62 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ ﴿٦١﴾ ثُمَّ رُدُّوا إِلَى اللَّـهِ مَوْلَاهُمُ الْحَقِّ ۚ أَلَا لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ ﴿٦٢﴾ ) މާނައަކީ: " އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިކުރަނިވި ملائكة ން ފޮނުއްވަވަތެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކުގެ ގާތަށް މަރު އަތުވެއްޖެނަމަ، އެހިނދު ތިމަންރަސްކަލާނގެ ފޮނުއްވަވާ ملائكة ން އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެ ملائكة ން (އެކަމުގައި) ލަހެއް ފަހެއް ނުކުރައްވާނެތެވެ. ދެން އެއުރެންގެ އެހީތެރިވަންތަ، حق ވަންތަ اللَّه ގެ حضرة އަށް އެއުރެން ރައްދުކުރައްވާނެތެވެ. ދަންނާށެވެ! حكم ކުރެއްވުންއޮތީ، އެކަލާނގެއަށެވެ. އެކަލާނގެއީ، حساب ބެއްލެވުމުގައި އެންމެ އަވަސް ރަސްކަލާނގެއެވެ."
ﷲ އީ ހުރިހާ އިންސާނުންގެ ވެސް އެހީތެރި ފަރާތެވެ. އިންސާނުންނަށް ރިޒްގު ދެއްވާ އެބައިމީހުންނަށް ޓަކައި އުޑާއި ބިމާއި ދެމެދުގައިވާހާ ތަކެއްޗެއް ލެއްވީ އެކަލާންގެ އެވެ. މިކަމުގައި މުސްލިމުންނާއި ކާފިރުން ޝާމިލުވެއެވެ. މިއީ ވިލާޔާ ޢާއްމާ (ހުރިހާ އެންމެންނަށް ޢާއްމުވާ ފަދަ އެހީތެރިކަމެވެ.)
ވިލާޔާ ޚާއްޞާ ނުވަތަ ޚާއްޞަ އެހީތެރިކަން ވަނީ ހަމައެކަނި މުއިމިނުންނަށެވެ. ސޫރަތުލް ބަގަރާގެ 257 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُم مِّنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٥٧﴾ ) މާނައަކީ: "اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، كافر ވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، شيطان ންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ شيطان ން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ."
ﷲ ތަޢާލާގެ ޚާއްޞަ އެހީތެރިކަން ލިބުމުން އިތުރު ޢިނާޔަތްތައް ލިބިގެންދާނެއެވެ. އެގޮތުން އިންސާނާ އަށް މަންފާ ކުރުވަނިވި ޢިލްމު ދެއްވާ ހެޔޮ ޢަމަލު ކުރުމުގެ މަގު ފަހިކޮށްދެއްވާނެއެވެ.
(وَلَا يُشْرِكُ فِي حُكْمِهِ أَحَدًا)" އަދި އެކަލާނގެ حكم ފުޅުގައި އެއްވެސްމީހަކު ބައިވެރިޔެއް ނުކުރައްވަތެވެ." މިތަނުގައި ޝަރްޢީ އަދި ކައުނީ ޙުކުމްތައް ހިމެނެއެވެ.
މިއިން ދޭހަވަނީ ކޮންމެ ކަމެއްގައިވެސް ﷲ ގެ ޙުކުމަށް ރުޖޫޢަވާން ޖެހޭ ކަމެވެ. އަދި ﷲ ގެ ޙުކުމާއި ޚިލާފަށް އެއްވެސް ކަމެއް ކުރުމުގެ އާރެއް ބާރެއް އެއްވެސް މީހަކަށް ދެއްވާފައިނުވާ ކަމެވެ. މިއީ ޝަރްޢީ ހުކުމެވެ. އިސްލާމީ ޝަރީޢަތުގައިވާ ޙުކުމްތަކަކީ މިޒަމާނަށް ފެތޭ ޙުކުމްތަކެއް ނޫނޭ ބުނެ ދޫކޮށްލުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. އިސްލާމީ ޝަރީޢަތަކީ ހުރިހާ ޒަމާނަކާއި މަކާނަކަށް ފެތޭގޮތަށް ބާވާލައްވާފައިވާ ޝަރީޢަތެކެވެ.
ކައުނީ ޙުކުމަކީ އެއްވެސް މީހަކަށް ވާރޭ ވެހުން ހުއްޓުވުމުގެ ބާރު ލިބިގެންނެއް ނުވެއެވެ. އަދި ވާރޭ ވެއްސުމުގެ ބާރުވެސް ލިބިގެންނުވެއެވެ.
(وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَاتِهِ وَلَن تَجِدَ مِن دُونِهِ مُلْتَحَدًا ﴿٢٧﴾)
(اتْلُ) ކިޔަވާ ވިދާޅުވާށެވެ. މިތަނުގައި ލަފްޡީ ތިލާވަތާއި ޢަމަލީ ތިލާވަތް ހިމެނެއެވެ.
ލަފްޡީ ތިލާވަތަކީ ގުރްއާން ކިޔެވުމެވެ.
ޢަމަލީ ތިލާވަތަކީ ގުރްއާނަށް ޢަމަލު ކުރުމެވެ.
(اتْلُ) މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އައިސްފައިވާ ޚިޠާބުތައް ތިންބަޔަކަށް ބެހިގެން ވެއެވެ. އެއީ:
- އެ ޚިޠާބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚާއްޞަ ޚިޠާބެއް ކަން ދޭހަވާފަދަ ދަލީލެއް އޮތުން. އެހެންނަމަ، އެ ޚިޠާބެއް އޮންނާނީ ހަމައެކަނި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. މީގެ މިޘާލަކީ ސޫރަތުއް ޝަރްޙުގެ 1 ވަނަ އާޔަތެވެ. (أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾ ) މާނައަކީ: "ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟" ސޫރަތުއް ޟުޙާގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ﴿٦﴾ ) މާނައަކީ: "ކަލޭގެފާނު يتيم އަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ."
- އެ ޚިޠާބަކީ އެންމެންގެ މައްޗަށް ޝާމިލުވާ ފަދަ ޚިޠާބެއް ކަމުގައިވުން. އެހެންނަމަ، އެޚިޠާބެއް އޮންނާނީ އެގޮތަށެވެ. ސޫރަތުއް ޠަލާގްގެ 1 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ) މާނައަކީ: "އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން عدّة ގުނާހަމަކުރާށެވެ!" މި އާޔަތުގައި މުޚާޠަބު ކުރެވިފައިވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނަމަވެސް، މި އާޔަތުގައި ހިމެނޭ ޙުކުމް އެންމެންގެ މައްޗަށް ޝާމިލުވެގެންވެއެވެ.
- ދެގޮތަށްވެސް އިޙްތިމާލު އޮންނަ ޚިޠާބު. މިފަދަ ޚިޠާބުތައް އެއީ އެންމެންނަށް ޢާއްމު ޚިޠާބެއް ކަމުގައި ވެސް ބުނެވެއެވެ. އަދި އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚާއްޞަ އެހެންނަމަވެސް އޭގައިވާ ޙުކުމް އެންމެންގެ މައްޗަށް ޝާމިލުވާ ޚިޠާބެއް ކަމުގައިވެސް ބުނެވެއެވެ. މީގެ މިޘާލަކީ: ސޫރަތުލް ކަހްފްގެ 27 ވަނަ އާޔަތެވެ. (وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ ) މާނައަކީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ!"
މިއާޔަތުގައި މިވާ ޚިޠާބު އައިސްފައިވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ކަމަށްވީނަމަވެސް އޭގައިވާ ޙުކުމް އުއްމަތުގެ އެންމެންގެ މައްޗަށް ޝާމިލުވެއެވެ. މިތަނުގައި ޚިޠާބު އައިސްފައިވަނީ އުއްމަތުގެ ޒަޢީމުގެ މައްޗަށެވެ. އުއްމަތުގެ އެހެން މީހުން އޭގެ ދަށުން ވަންނާނެއެވެ.
( مَا أُوحِيَ إِلَيْكَ) މިއީ ކީރިތި ގުރްއާނުގެ ވާހަކައެވެ.
( مِن كِتَابِ رَبِّكَ ) މިތަނުގައި (رَبِّكَ ) "ކަލޭގެފާނުގެ ރައްބު" ގެ ފަރާތްޕުޅުން އިއްވެވޭ ވަޙީ އޭ އިނުމުގެ ޙިކްމަތަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވާލެއްވުނު ވަޙީ އަކީ މާތް ﷲ ގެ ފުރިހަމަ ޢިނާޔަތުގެ ދަށުން ބާވާލެއްވުނު ވަޙީ އެއްކަން ބަޔާން ކޮށްދެއްވުމެވެ.
( لا مبدل لكلماته ) އެޔަށް ބަދަލުގެނައުމުގެ ކުޅަދާނަކަން ނުވަތަ ހުއްދަ އެއް އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ.
(ولن تجد من دونه ملتحدا ) "އެކަލާންގެ ފިޔަވާ އެހީއަށް އެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."
ﷲ ތިބާ އަށް ދެރައެއް މިންވަރު ކުރައްވައިފިނަމަ އެކަން މަނާކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ﷲ ތިބާ އަށް ހެވެއް މިންވަރު ކުރައްވައިފިނަމަ އެކަމަށް ހުރަސް އެޅޭނެ އެއްވެސް ފަރާތެއްވެސް ނުވެ އެވެ. ސޫރަތުލް ޖިންނިގެ 21 އަދި 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ﴿٢١﴾ قُلْ إِنِّي لَن يُجِيرَنِي مِنَ اللَّـهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا ﴿٢٢﴾ ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، اللَّه ގެ عذاب ން، ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."
- ނުނިމޭ -