ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުއްޖަކު ހިމެނޭ ކަމަށް ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަތަރު އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އެންމެ ގިނައިން އުޅެނީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ މިއަދުގެ އިތުރުން މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައިވެސް އާންމު ގޮތެއްގައި އުމުރު އުޅެނީ 18 އަހަރާއި 40 އަހަރާއި ދެމެދުގައި ކަމަށެވެ.
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންގެ ގައިން ކަމަށެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ.
ކޮންޓެކްޓު ޓްރޭސިިންގެ ތެރެއިން ޕޮޒިޓިވް ވި މީހުންނާއި ދިމާވިތާ 15 ދުވަސް 20 ދުވަސް ވެފައިވާ މީހުން ފާހަގަކުރެވިފައިވާ ކަމަށާއިި އެހެންކަމުން އެމީހުންނަކީ ކޮންމެހެން ކަރަންޓީނަށް ލާން ޖެހޭ ބައެއް ނޫން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ތިބީ ތިން މީހަކު ކަމަށާއި އޭގެތެރެއިން ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ދެން ހުރި މީހަކީ 80 އަހަރުގެ އަންހެނެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ކޮވިޑް19 އަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލުގައި 9 މީހަކު މިހާތަނަށް އެޑްމިޓު ކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި ތިން ބިދޭސީއެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 45 މީހަކު ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 22 މީހުންނާއި 20 ދިވެހިންގެ އިތުރުން އިންޑިއާ މީހަކާއި ނޭޕާލް ދެމީހުން ކަމަށެވެ. މި 45 ކޭސްއާއެކު، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 835 އަށް އަރާފައެވެ.