ކޮވިޑް19 އަށް އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު މެންދުރު 1:00 އާ ހަމައަށް އިތުރު 27 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 862 އަކަށް އަރާފައިވާ ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 18 ބިދޭސީންނެވެ. އަދި އެ 18 ބިދެސީންނަކީ ބަންގަލަދޭޝަ ރައްޔިތުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ. މިހާރު މި ބަލި ޖެހިފައިވާ ބަންގްލަދޭޝް މީހުންގެ އަދަދު ވަނީ 478 އަށް އަރާފައެވެ. އަދި މިބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 288 އަށް އަރާފައެވެ. ރާއްޖެއިން ދެން މި ބަލި ޖެހިފައި ވަނީ 63 އިންޑިއާ މީހަކާއި، އިޓަލީ 11 މީހަކާއި، ނޭޕާލް 10 މީހަކާއި، ސްރީލަންކާގެ 5 މީހަކާއި ޕާކިސްތާންގެ 3 މީހެއްގެ އިތުރުން އެހެނިހެން ގައުމުތަކުން 3 މީހެކެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި މީގެ އިތުރުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 30 މީހަކު މިހާރު ވަނީ ރަނަގަޅުވެފައެވެ.