އިނގިރޭސިވިލާތުގެ ސަރުކާރުން ހިންގާ ލެބޯޓްރީތައް އޮޕަރޭޓްކުރުމުގައި މައްސަލަތަކެއް ޖެހި، ގާތްގަނޑަކަށް 50000 އެއްހާ ސާމްޕަލް ޓެސްޓު ކުރުމަށްޓަކައި އެމެރިކާއަށް ފޮނުވާލައިފިއެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއާގެ ތަރުޖަމާނަކު ބައިނަލްއަގުވާމީ މީޑިއާއަށް ވިދާޅުވީ، މައްސަލަތަކާ ކުރިމަތިވުމުން އަމަލު ކުރާނެ ގޮތުގެ ކޮންޓިންޖެންސީ ޕްލޭންތައް އެކުލަވާލާފައި ހުންނަ ކަމަށާ، ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓު ކުރުމަކީވެސް މިފަދަ ކަމެއް ކަމަށެވެ. އަދި ބޭރުން ޓެސްޓު ކުރާ ލެބްތަކަކީވެސް އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ލެބްތަކަކަށް ވުން ލާޒިމު ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޮފިޝަލު ވިދާޅުވީ އެމެރިކާއިން ޓެސްޓު ކުރުމަށްފަހު، ނަތީޖާ ވެލިޑޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ އިނގިރޭސިވިލާތުގައި ކަމަށާ، އަދި ވީ އެންމެ އަވަހަކަށް އާންމު މީހާއަށް ނަތީޖާ ފޯރުކޮށްދެވޭނެ ކަމަށެވެ.

ފުލް ކެޕޭސިޓީގައި ސަރުކާރުގެ ލެބްތައް އޮޕަރޭޓް ކުރަން ފެށުމުގެ މަސައްކަތް، ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއާއިން ދަނީ ކުރަމުންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޓެސްޓު ކުރުން އިތުރަށް ފުޅާކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމުގައި އަދި ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި ދުވާލަކު 100000 ޓެސްޓު ކުރުމަށް ސަރުކާރުން ކަނޑައެޅި އަމާޒުގައި ހިފެހެއްޓުމަށްވެސް އިނގިރޭސިވިލާތުގެ ސަރުކާރަށް ވަނީ ތަކުލީފުތަކަކާ ކުރިމަތިލާންޖެހިފައެވެ.

އިނގިރޭސިވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 215260 އެވެ. އެކްޓިވް ކޭހުގެ ގޮތުގައި 183329 ކޭހެއް ރެކޯޑްކޮށްފައިވާއިރު މީގެ ތެރެއިން 1559 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. މި ބަލީގައި އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު 31587 އަށް ވަނީ އަރާފައެވެ.