ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އަކީ ސަރުކާރުން ބޭނުންވީމައި ޓީބިލް އާއި ބޮންޑު ވިއްކުމަށް ހުންނަ އެއްޗެއްތޯ އައްސަވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.
ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހީނަރުވެފައި ވާއިރު ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ނުކުރާތީ އެކަމަށް ސުވާލު އުފައްދަވާ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕެންޝަން ފަންޑަކީ ރައްޔިތުން ހާލުގައި ޖެހޭ ދުވަހު އެއްވެސް އެހީތެރިކަމެއް ލިބެން އޮތް އެއްޗެއްތޯ ރައްޔިތުން މިއަދު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. ނުވަތަ އެއީ ސަރުކާރުން ބޭނުންވާ އިންޓްރެސްޓު ރޭޓެއްގައި ސަރުކާރުގެ ޓީބިލް އަދި ޓީ ބޮންޑު ގަނެ ސަރުކާރުގެ އުނު އޮރިޔާން ނިވާ ކުރަން ހުންނަ އެއްޗެއްތޯ މެންބަރު ޝިޔާމް ވަނީ ސުވާލު އުފައްދާފައެވެ.
ޝިޔާމް ވިދާޅުވީ 2018ވަނަ އަހަރު ނިމުނުއިރު ޕެންޝަން ފަންޑުގައި 8.7 ބިލިއަން ރުފިޔާ ހުންނާނެ ކަމަށެވެ. 2019ވަނަ އަހަރު ނިމުނުއިރު 9.9 ބިލިއަން ރުފިޔާ ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ސަބަބަކީ އަހަރެއްގެ މައްޗަށް މެންބަރުންގެ މުސާރައިން 99.3 މިލިއަން ރުފިޔާ އެ ފަންޑަށް ދޭތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން މިއަދު ތިބީ އެހީތެރިކަމަށް ބޭނުން ވެފައި ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން އިތުރު ހަރަދެއް ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އެ ފަންޑުން އެހެން ކަމަކަށް ފައިސާ ނަގާނީ އިތުރު ގޮތެއް ނެތިއްޖެނަމަ ކަމަށެވެ.