(نَّحْنُ نَقُصُّ عَلَيْكَ ) ކަން ހިނގާދިޔަ ގޮތް ކަލޭގެފާނަށް ކިޔައިދެއްވާނަމެވެ.

( نَبَأَهُم ) އެބައިމީހުންގެ ޚަބަރު،

(بِالْحَقِّ ) ޙަގީގަތާއި އެއްގޮތަށް،

(إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ) އެއީ ހަށިގަނޑުގައި ވަރުހުރި، ޢަޒުމް ވަރުގަދަ، އީމާންކަން ވަރުގަދަ ޒުވާން ކުދިންކޮޅެކެވެ.

(وَزِدْنَاهُمْ هُدًى ) މާތް ﷲ އެކުދިންނަށް ހިދާޔަތް އިތުރު ކުރެއްވިއެވެ. މީހަކު ހެޔޮ ޢަމަލު ގިނަކުރި ވަރަކަށް މާތް ﷲ އެމީހަކަށް ހިދާޔަތް އިތުރުކޮށްދެއްވައެވެ.

(وَرَبَطْنَا عَلَىٰ قُلُوبِهِمْ) ތިމަން ﷲ އެކުދިންނަށް ޘާބިތުކަން ދެއްވާ ޢަޒުމް ވަރުގަދަ ކޮށްދެއްވީމެވެ. ސަބަބަކީ މުޅި ގައުމު އެއްކޮށް ވަނީ އެކުދިންނާއި ދެކޮޅަށެވެ. މިފަދަ ޙާލަތެއްގައި ޘާބިތުކަން ބޭނުންވާނެއެވެ. ވަކިން ޚާއްޞަގޮތެއްގައި ޒުވާން ކުދިންކޮޅެއް ކަމުން، އެކުދިންގެ މައިންބަފައިން އެކުދިންނަށް ކާފިރު ވުމަށް އަމުރުކޮށްފިނަމަ އެގޮތަކަށް ކިޔަމަން ގަންފާނެއެވެ. އެހެންނަމަވެސް، މާތް ﷲ ވަނީ އެކުދިންނަށް ޘާބިތުކަން ދެއްވާފައެވެ. މާތް ﷲ އަޅަމެންނަށްވެސް ޘާބިތުކަން ދެއްވާށި. އާމީން.

(إِذْ قَامُوا) އެކުދިންގެ ގައުމުގައި އޮތް ޝިރްކަށް އިންކާރުކޮށް، އެކަމުން ބަރީއަވެ، ތައުޙީދު އިޢުލާންކުރިއެވެ.

(فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ ) ތިމަންމެންގެ ރައްބަކީ އުޑާއި ބިން އުފެއްދެވި އިލާހެވެ. އެހެން ފަރާތެއް ނޫނެވެ. އެކުދިންނަށް ލިބިދާނެ އަނިޔާ އަކަށް ފުރައްސާރަ އަކަށް ބެލުމެއް ނެތިއެވެ. ސިޙުރުވެރިން ފިރްޢައުނުގެ ގާތުގައި ބުނިފަދައިންނެވެ. (قَالُوا لَن نُّؤْثِرَكَ عَلَىٰ مَا جَاءَنَا مِنَ الْبَيِّنَاتِ وَالَّذِي فَطَرَنَا ۖ فَاقْضِ مَا أَنتَ قَاضٍ ۖ إِنَّمَا تَقْضِي هَـٰذِهِ الْحَيَاةَ الدُّنْيَا ﴿٧٢﴾ ) ސޫރަތު ޠާހާ 72. މާނައަކީ: " އެއުރެން ބުނޫއެވެ. بيان ވެގެންވާ حجّة އާއި، دليل ގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ حياة ގައެވެ."

(لَن نَّدْعُوَ مِن دُونِهِ إِلَـٰهًا ) އެފަރާތަށް މެނުވީ އެހެން ފަރާތަކަށް ތިމަންމެން އަޅުކަމެއް ނުކުރާނަމެވެ. ވީމާ، އެކުދިން އެވަނީ ތައުޙީދުއް ރުބޫބިއްޔާ އަށާއި އުލޫހިއްޔާ އަށް އީމާންވެފައެވެ. ރުބޫބިއްޔަތަށް އީމާންވީ ގޮތަކީ (رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ) "ތިމަންމެންގެ ރައްބަކީ އުޑާއި ބިން އުފެއްދެވި ފަރާތެވެ."

ތައުޙީދުލް އުލޫހިއްޔާ އަށް އީމާންވީ ގޮތަކީ (لَن نَّدْعُوَ مِن دُونِهِ إِلَـٰهًا) " އެފަރާތަށް މެނުވީ އެހެން ފަރާތަކަށް ތިމަންމެން އަޅުކަމެއް ނުކުރާނަމެވެ."

(لَّقَدْ قُلْنَا إِذًا شَطَطًا)

(إِذًا) ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ކޮށްފިނަމަ،

(شَطَطًا) "ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، كفر ގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ."

(هَـٰؤُلَاءِ قَوْمُنَا اتَّخَذُوا مِن دُونِهِ آلِهَةً) "މިތިބީ އެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް إله ން ތަކެއް ހަދައިގެންތިބި، އަހަރެމެންގެ قوم ގެމީހުންނެވެ."

(لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ) " (އެ ބުދުތަކަށް އަޅުކަންކުރުމަށް) ފާޅުވެގެންވާ حجّة އެއް، އެއުރެން ނުގެންނަނީ ކީއްވެގެންހެއްޔެވެ؟"

އެބައިމީހުންގެ ކިބައިން އެދެވުނީ ދެކަމަކަށެވެ. އެއީ:

  • އެބައިމީހުން އަޅުކަން ކުރާ ބުދުތައް އެއީ އިލާހެއްކަން ޘާބިތުކޮށްދިނުން،
  • އެބުދުތަކަށް އަޅުކަން ކުރުމުގެ ޙައްގު ލިބިގެންވާކަން. މި ދެކަންތަކަކީ ވެސް މުސްތަޙީލުކަންތަކެވެ.

( بِسُلْطَانٍ بَيِّنٍ )

ސުލްޠާނަކީ އިންސާނާ އަށް ލިބިގެންވާ ބާރެވެ. ބައެއް ފަހަރަށް ދަލީލަށްވެސް "ސުލްޠާން" ކިޔައެވެ. ސޫރަތު ޔޫނުސްގެ 68 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنْ عِندَكُم مِّن سُلْطَانٍ بِهَـٰذَا) މާނައަކީ: "ތިޔަބައިމީހުން ތިޔަބުނާ ބަހުގެ މައްޗަށް ތިޔަބައިމީހުންގެ ގާތުގައި އެއްވެސް دليل އެއް ނެތެވެ."

ބައެއް ފަހަރަށް ލިބިފައިވާ ބާރަކަށްވެސް އެބަސް ބޭނުން ކުރެވެއެވެ. ސޫރަތުއް ނަޙްލުގެ 100 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِنَّمَا سُلْطَانُهُ عَلَى الَّذِينَ يَتَوَلَّوْنَهُ وَالَّذِينَ هُم بِهِ مُشْرِكُونَ ﴿١٠٠﴾) މާނައަކީ: "އޭނާއަށް ބާރު ލިބިގެންވާކަން ކަށަވަރީ، އޭނާގެ ވާގިވެރިކަން ލިބިގަންނަ މީހުންގެ މައްޗަށާއި، އެކަލާނގެއަށް شريك ކޮށްއުޅޭ މީހުންގެ މައްޗަށެވެ."

(فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا ﴿١٥﴾ ) " اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ ކާކުހެއްޔެވެ؟"

(وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَ فَأْوُوا إِلَى الْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا ﴿١٦﴾)

( وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَ فَأْوُوا إِلَى الْكَهْفِ ) " (އެ ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ބުނޫއެވެ.) ތިޔަބައިމީހުން އެއުރެންނާ ވަކިވެ، އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެގަންނަހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ!"

( إِلَّا اللَّـهَ ) މި އިސްތިޘްނާ އަކީ (يَعْبُدُونَ ) "އެބައިމީހުން އަޅުކަން ކުރާ ތަކެތި" ކަމަށް ވުން އެކަށީގެންވެއެވެ. އެހެންކަމަށްވަނީނަމަ، އޭގެ މާނައަކީ އެގައުމުގެ މީހުން ﷲ އަށާއި އަދި އެނޫން ފަރާތްތަކަށްވެސް އަޅުކަން ކުރުމެވެ. އެހެންކަމުން އެކުދިން އެކަހެރިވީ އެގައުމުގެ މީހުން ﷲ ފިޔަވާ އަޅުކަން ކުރާ އެންމެހާ ފަރާތްތަކުން ނުވަތަ ތަކެތިންނެވެ.

މިތަނުގައި (إِلَّا ) "އިސްތިޘްނާ" އަކީ މުންގަޠިޢް އިސްތިޘްނާ އެއް ކަމަށްވެސް ވެދާނެއެވެ. އެހެންނަމަ އޭގެ މާނއަކީ އެގައުމުގެ މީހުން އެއްގޮތަކަށްވެސް ﷲ އަށް އަޅުކަން ނުކުރުމެވެ. ވީމާ، "ތިޔަބައިމީހުންނާއި ތިޔަބައިމީހުން އަޅުކަން ކުރާ އެންމެހާ ތަކެތިން ތިމަންމެން ދުރުހެލިވަމެވެ."

ފަހަރުގައި މިއީ އިސްތިޘްނާ މުއްތަޞިލެއް ކަމަށްވެސް ވެދާނެއެވެ. އެއީ ފަހަރެއްގައިވެސް އެގައުމުގެ މީހުންގެ ތެރޭގައި ﷲ އަށް އަޅުކަން ކުރާ ބަޔަކު ތިބެދާނެތީވެއެވެ. އެހެންކަމުން މާނައަކީ "ތިޔަބައިމީހުން ކުރެ ﷲ އަށް އަޅުކަން ކުރާ މީހަކު ފިޔަވާ އެހެންމީހުންގެ ކިބައިން ތިމަންމެން ދުރުހެލިވަމެވެ. އަދި ﷲ ފިޔަވާ އަޅުކަން ކުރެވޭ ތަކެތިން ނުވަތަ ފަރާތްތަކުން ވެސް ދުރުހެލިވަމެވެ."

( فَأْوُوا إِلَى الْكَهْفِ ) "ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ!"

(الْكَهْفِ ) މިތަނުގައި "އަލް" އެއީ "ޢަހްދު" ގެ "އަލް" އަކަށް ވެދާނެއެވެ. އެހެންނަމަ، މި ހޮހޮޅަ އަކީ އެކުދިން ވަރަށް ގިނައިން އެތަނަކަށް ވަދެ އުޅޭ، ޢާދަވެފައިވާ ހޮހޮޅަ އެކެވެ." ނަމަވެސް، އެކުދިން ޢާދަވެގެން ހޮހޮޅަ އަކަށް ގޮސް އުޅޭ ކަމުގެ ދަލީލެއް ނެތެވެ.

އަނެއް ގޮތަކީ "އަލް" އެއީ "އަލްބަޔާނިއްޔާ" ގެ "އަލް" އަކަށް ވުމެވެ. އެހެންނަމަ މާނައަކީ، "ގައުމުގެ މީހުންގެ އަނިޔާވެރިކަމުން ޙިމާޔަތް ލިބޭނެ ފަދަ ހޮހޮޅަ އަކަށް ވަންނާށެވެ."

(يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا ) " އޭރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނަށް އެކަލާނގެ رحمة ތަނަވަސްކޮށްދެއްވައި، ތިޔަބައިމީހުންގެ ކަންތައް، ތިޔަބައިމީހުންނަށް ފަހިކޮށްދެއްވައި، ބޭނުންތައް حاصل ކޮށްދެއްވާނެތެވެ." ސަބަބަކީ ﷲ އަށް ޓަކައި ކަމެއް ދޫކޮށްލައިފި މީހަކަށް އެކަލާންގެ އެކަމެއްގެ ބަދަލު ދެއްވާނެއެވެ. ސޫރަތުއް ޠަލާގްގެ 2 އަދި 3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرًا ﴿٣﴾ ) މާނައަކީ: " އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

އަދިވެސް ސޫރަތުއް ޠަލާގްގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾ ) މާނައަކީ: " އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ."

އަދިވެސް ސޫރަތުއް ޠަލާގްގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا ﴿٥﴾ ) މާނައަކީ: " އަދި اللَّه އަށް تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ."

(وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ ۗ مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ﴿١٧﴾ ) " އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، اللَّه ގެ آية ތަކުގެތެރެއިންނެވެ. اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."

(ذَٰلِكَ مِنْ آيَاتِ اللَّـهِ ) " އެކަންތައްވަނީ، (އެކުދިންގެ ޙާލަތު ބަދަލުވެގެން ދިޔަގޮތް ވަނީ) اللَّه ގެ آية ތަކުގެތެރެއިންނެވެ." އޭގެ ތެރޭގައި:

  • އެކުދިންގެ ގައުމުން ނިކުތުން.
  • ހޮހޮޅައިގެ ތެރެއަށް ވަނުން.
  • އެހޮހޮޅައިގެ ތެރޭގައި ހުރިހާ ކަމެއްވެސް އެކުދިންނަށް ފަހިވާ ގޮތަށް ކަންކަން މެދުވެރި ކުރައްވާފައިވުން.

މިއީ ﷲ ގެ އާޔަތްތަކެވެ. މި އާޔަތްތަކުން ދޭހަވަނީ އެކަލާންގެ ޙިކްމަތްވަންތަކަމާއި، އެކަލާންގެ ރަޙްމަތުގެ ތަނަވަސްކަމެވެ. މިއީ ﷲ އެކުދިންނަށް ދެއްވި ކަރާމާތެކެވެ.

( مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ) "اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."

މި އާޔަތުން ދޭހަވަނީ ހިދާޔަތަށް އެދި ދަންނަވަން ޖެހޭނީ ހަމައެކަނި ﷲ ގެ ޙަޟްރަތަށް ކަމެވެ. އަދި މަގުފުރެދިފައިވާ މީހަކު ފެނިއްޖެނަމަ އެމީހަކު އެގޮތުގައި ދޫކޮށްނުލާ، އެމީހަކަށް ތެދުމަގު ހޯދައިދެވޭތޯ މަސައްކަތްކޮށް ދުޢާ ކުރަން ޖެހޭނެއެވެ.

(وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ۖ وَكَلْبُهُم بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ ۚ لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ﴿١٨﴾ )

(وَتَحْسَبُهُمْ ) އެކުދިން ނިދާފައި ތިއްބާ ބަލާމީހަކު ހީކުރާނެއެވެ.

(أَيْقَاظًا ) ހޭލާ ތިބިކަމުގައި، ސަބަބަކީ ނިދީގެ އެއްވެސް އަޘަރެއް ފެންނަން ނެތުމެވެ.

(وَهُمْ رُقُودٌ ) އޮށޯވެ ތިބިއިރު،

(وَنُقَلِّبُهُمْ) ތިމަން ﷲ އެބައިމީހުން ފުރޮޅުއްވަމުއެވެ. މިއިން ދޭހަވަނީ ނިދާފައި އޮންނަ މީހާ ކުރާ ޙަރަކާތްތައް އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންތަކެއް ނޫންކަމެވެ. ސަބަބަކީ އެކުދިން ހޮހޮޅައިގާ ނިދާފައިތިބިއިރު ފުރޮޅޭ ފުރޮޅުން ﷲ ނިސްބަތް ކުރައްވާފައިވަނީ އެކަލާންގެ އަމިއްލަ ޛާތުފުޅަށް ކަމަށްވާތީވެއެވެ. އެހެންކަމުން މީހަކު ނިދީގައި "ތިމަންނާގެ އަންހެނުން ވަރިކޮށްފީމޭ" ނުވަތަ "މިވެނި މީހަކަށް މިވެނި ވަރަކަށް ދަރާފައި އޮންނާނެޔޭ" ބުނިނަމަވެސް، އެކަމެއް ޘާބިތެއް ނުވާނެއެވެ. ސަބަބަކީ އެއީ އޭނާގެ އަމިއްލަ ބާރުގައި ބުނާބަހަކަށް ނުވާތީވެއެވެ.

( وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ) " އަދި ތިމަންރަސްކަލާނގެ އެއުރެން ކަނާތްފަރާތަށާއި، ވާތްފަރާތަށް ފުރޮޅުއްވަމެވެ."

މި ކަމުގެ ޙިކްމަތަކީ: އަބަދު އެއްފަޅި އެއް ބިންމަތީގައި ޖެހިފައި އޮންނަނަމަ ބިންގަނޑު އެބައި ހަލާކުކޮށްލަފާނެތީވެއެވެ. މީގެ އިތުރުން އަބަދު އެއްފަޅި އަކަށް ނިދާފައި އޮންނަނަމަ އެދިމާލަށް ލޭގަނޑުވެ އެހެން ފަޅިތަކުގައި ލޭ ހިނގުން ދަތިވެ ޞިއްޙީ މައްސަލަތަކެއް ދިމާވެދާނެތީވެއެވެ. އެހެންކަމުން އެކުދިން ނިދީގައި އެކި ފަޅިފަޅި އަށް ފުރޮޅުން އެއީ ﷲ ގެ ޙިކްމަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

(وَكَلْبُهُم بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ ) "އަދި އެއުރެންގެ ކުއްތާ އޮތީ، އޭގެ ދެއަތް ދަމާލައިގެން (ހޮހަޅައިގެ) ދޮރުމަތީގައެވެ." މިތަނުން ދޭހަވަނީ ކުއްތާ އޮތީ ނުނިދާ ކަމަށެވެ.

( بِالْوَصِيدِ ) ހޮހޮޅައިގެ ދޮރުމަތި، ނުވަތަ ވަންނަ ދިމާލުގައި، މިގޮތަށް ކުއްތާ އެތަނުގައި އޮތުމުގެ ބޭނުމަކީ އެކުދިންގެ ހަށިފާރަވެރިއެއްގެ ގޮތުންނެވެ.

މިއިން ދޭހަކޮށްދެނީ ހަށިފާރަވެރިއެއްގެ ގޮތުން ކުއްތާ ގެންގުޅުން ހުއްދަ ކަމެވެ. ނަމަވެސް ގޭތެރެއަށް ވައްދާ ތަށިތަކާއި ހެދުންތައް ނަޖިސްކުރިޔަ ދީގެން ނުވާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދޘް ކުރައްވާފައިވެއެވެ. ( مَنْ أَمْسَكَ كَلْبًا ، فَإِنَّهُ يَنْقُصُ مِنْ عَمَلِهِ كُلَّ يَوْمٍ قِيرَاطٌ ، إِلَّا كَلْبَ حَرْثٍ ، أَوْ مَاشِيَةٍ ) މާނައަކީ: "ދަނޑުގޮވާން ކުރާ ދަނޑުގެ ރައްކަލަކަށް ނުވަތަ ހަށިފާރަވެރިޔަކަށް ނޫން ގޮތަކަށް ކުއްތާ އެއް ގެންގުޅޭ ނަމަ، ކޮންމެ ދުވަހަކުވެސް އެމީހެއްގެ ހެޔޮ ޢަމަލުތަކުން ގީރާޠެއްގެ މިންވަރު އުނިވާނެއެވެ."

( لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ) "އެއުރެންނަށް ތިބާ ބަލާލައިފިނަމަ، ހަމަކަށަވަރުން، ތިބާ އެއުރެންނާ ދުރަށްދުވެ ފިލާނެތެވެ. އަދި ހަމަކަށަވަރުން، ތިބާ އެއުރެންދެކެ ބިރުން ފިތްކަނޑައިގެން ހިނގައިދާނެތެވެ."

(وَكَذَٰلِكَ بَعَثْنَاهُمْ لِيَتَسَاءَلُوا بَيْنَهُمْ ) ތިމަން ﷲ އެބައިމީހުންނަށް ޢިނާޔަތްތެރިކަން ދެއްވާ، ހޮހޮޅައިގެން ކަންކަން ފަސޭހަކޮށްދެއްވާ، ދިގު މުއްދަތަކަށް އެމީހުން ނިދާފައި ތިބޭނެގޮތް މެދުވެރި ކުރައްވާ، އަދި އެބައިމީހުން ނިދިން ހޭލެއްވީ،

(لِيَتَسَاءَلُوا بَيْنَهُمْ ) މީސްތަކުންގެ ޢާދައަކީ ނިދިން ހޭލައިފިނަމަ އެކަކު އަނެކަކަށް ސުވާލު ކުރާނެއެވެ. ހުވަފެނުގައި ފެނުނީ ކޮން އެއްޗެއް ހެއްޔެވެ؟ ނުވަތަ ރަގަޅަށް ނިދުނު ހެއްޔެވެ؟ ނުވަތަ އެނޫންވެސް ސުވާލުތައް ކުރެއެވެ.

(قَالَ قَائِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ ) "އެއުރެންކުރެ ބުނިމީހަކު ބުންޏެވެ. ތިޔަބައިމީހުން (މިތާނގައި) ތިބީ، ކިތައްދުވަހުހެއްޔެވެ؟"

(قَالُوا لَبِثْنَا يَوْمًا ) "އެއުރެން ބުނޫއެވެ. ތިމަންމެންތިބީ، އެއްދުވަހު އެވެ."

(أَوْ بَعْضَ يَوْمٍ ) "ނުވަތަ ދުވަހެއްގެ ބައެއްގައެވެ." ސަބަބަކީ އެމީހުން ހޮހޮޅައގެ ތެރެއަށް ވަނީ ދުވާލުގެ ކުރީކޮޅުގައެވެ. ހޭލެވުނު އިރުގައި އެއީ ދުވާލުގެ ފަހުކޮޅެވެ.

ހޭލެވުނީ އަނެއް ދުވަހު ކަމަށް ވަނީނަމަ، ހޮހޮޅައިގާ ތިބީ އެއް ދުވަހެވެ. ހޭލެވުނީ ހަމަ އެދުވަހު ކަމަށްވަނީނަމަ ހޮހޮޅައިގާ ތިބީ ދުވަހެއްގެ ބަޔެކެވެ. މިއިން އެނގެނީ އެމީހުން ތިބީ ވަރަށް ގަދަޔަށް ނިދިފައި ކަމެވެ.

(قَالُوا رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ ) "އެމީހުން ބުނޫއެވެ. ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ." ވަރަށް ދިގު މުއްދަތަކަށް ނިދީގައި ތިބި ކަމަށް އެމީހުންނަށް އިޙްސާސްކުރެވުނީ އެވެ. އެހެންކަމުން، ނިދީގައި ތިބީ ކިހާ އިރަކު ކަމެއް ކަނޑައަޅަން ނޭގުނީ އެވެ.

- ނުނިމޭ -