މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން މަޑުޖައްސާލާފައިވާ އިގުތިސޯދުތައް އަލުން ހުޅުވާލަން އުޅެންވީ ވަގުތެއް ނޫންކަމަށާ، މި ވަގުތަކީ ބައްޔަށް ޓެސްޓުކޮށް، ޓްރޭސްކޮށް، ކަރަންޓީނު ކުރުމުގެ އިސްތިރާޖަށް އެނބުރި ދާންވީ ވަގުތު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ސިއްހީ ކުއްލި ނުރައްކާތަކާ ބެހޭ އިސް އޮފިޝަލު ޑރ މައިކް ރާޔަން ވިދާޅުވީ، ގައުމުތަކުން ކޮވިޑް-19 ކޮންޓްރޯލް ކުރަން ބޭނުން ކަމުގައި ވަނީނަމަ، ގައުމުތަކުން ތަންފީޒު ކުރަންވީ، އާންމު ސިއްހަތު ސާވޭލަންސްއާއި ގުޅުން ހުރި އަސާސީ އުސޫލުތައް ކަމަށެވެ.
ކޮވިޑް-19 އަށް ސަމާލުވެ، އާންމު ސިއްހަތުގެ ސާވޭލަންސްއަށް އިހުނަށްވުރެ ބޮޑަށް ސަމާލުވުމަށް ޑަބްލިއު.އެޗް.އޯގެ އިސް އޮފިޝަލި ގޮވާލެއްވި މި ދަނޑިވަޅަކީ، ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ސަބަބުން ހުއްޓި، އިނދަޖެހިފައިވާ އިގުތިސޯދުތައް އަލުން ހިންގައިގަނެ، ނެގެހެއްޓުމަށް އެކި ގައުމުތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެކެވެ.
މީޑިއާ ބްރީފިންގްއެއްގައި ވާހަކަދައްކަވަމުން ޑރ ރާޔަން ވިދާޅުވީ، މި ވަގުތަކީ މީގެ މަސްތަކެއް ކުރިން އޮންނަންވީ ހިސާބަށް ދާންވީ ވަގުތު ކަމަށެވެ. އެ ހިސާބަކީ، ކޭސްތައް ހޯދާ، ޓްރޭސްކޮށް، ޓެސްޓުކޮށް، ޕޮޒިޓިވްވެފައިވާ މީހުން އެކަހެރިކޮށް، ކޮންޓެކްޓްވި މީހުން ކަރަންޓީނު ކުރުމުގެ ހިސާބުކަންވެސް ޑރ ރާޔަން ވަނީ ތަފްސީލުކޮށް ފާހަގަކުރައްވާފައެވެ.
ހަމަ މިއާއެކު ޑރ ރާޔަން ވަނީ ކޮވިޑް-10އާ ކުރިމަތިލުމަށް ހުރިހާ ގައުމެއް ގުޅިގެން އެކީގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. މިމޭރުމުން ވާހަކަދައްކަވަމުން ޑރ ރާޔަން ވިދާޅުވީ، މި ހަނގުރާމާގައި ކާމިޔާބު އޮތީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށާ، ހުރިހާ އެންމެނަށް ސަލާމަތްތެރިކަން ކަށަވަރު ނުވަނީސް ވަކި މީހަކަށް ސަލާމަތްތެރިކަން ނެތް ކަމަށެވެ.
ކަންމިހެން އޮތްއިރު، ކޮވިޑް-19އަށް ވެކްސިންއެއް ހޯދުމަށް ގިނަ އަދަދެއްގެ ބައިވެރިންތަކަކާއެކު އަދިވެސް މަސައްކަތްތައް ކުރިއަށްދާކަން، ޑަބްލިއު.އެޗް.އޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ފާހަގަކުރައްވާފައެވެ. ދުނިޔެއިން ނައްތާލާފައިވާ ސްމޯލްޕޮކްސްގެ ބަލިމަޑުކަމަށް މިސާލު ޖައްސަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، މި ބައްޔާ ދެކޮޅަށް 1796 ވަނަ އަހަރު ވެކްސިންއެއް ހޯދުނު ކަމުގައި ވީ ނަމަވެސް، މުޅި ދުނިޔެއިން ބަލި ނައްތާލެވުނީ އޭގެ 184 ފަހުން ކަމަށާ، އެ ކާމިޔާބީގެ އެންމެ ބޮޑު އެއް އަސްލަކީ މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ.
މިދަނޑިވަޅަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެމެރިކާގެ ބޮޑެތި ފާޑުކިއުންތަކެއް ޑަބްލިއު.އެޗް.އޯއަށް އަމާޒުކޮށް، އެ ގައުމުން އި ޖަމިއްޔާއަށް ފޯރުކޮށްދޭ އެހީވެސް މެދުކަނޑާލާފައިވާ ދަނޑިވަޅެކެވެ. އެމެރިކާއަކީ ޑަބްލިއު.އެޗް.އޯއަށް އެންމެ ފުޅާދާއިރާއެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ގައުމަށްވާއިރު، އެމެރިކާގެ މި ނިންމުމާއެކު ކޮވިޑް-19އާ އެކަށީގެންވާ ގޮތެއްގައި ކުރިމަތިލުމަށް ޑަބްލިއު.އެޗް.އޯއަށްވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެ ޖަމިއްޔާގެ ފަންޑުގައި ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރުގެ ޑެފިސިޓްއަކާ ކުރިމަތިވެފައިވާކަމަށް ޚަބަރު ލިބެއެވެ.