5 ފުލުހުން ޕޮޒިޓިވް ވެ 170 ކަރަންޓީން ކޮށްފި ކަމަށް ހޯމް މިނސިްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް މިނިސްޓަރު އިމްރާން މިރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތް ކުރުމުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ބަޔަކަށް ފުލުހުން ވެގެންދާނެ މި ބައްޔަށް ހުށަހެޅުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑު ކަމަށެވެ. އެގޮތުން މިހާރުވެސް ފަސް ފުލުހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ 170 އަށްވުރެ ގިނަ ފުލުހުން ކަރަންޓީން ކޮށްފައިވާ ކަމަށް ވިިދާޅުވިއެވެ.

"މިއީ ފުލުހުންގެ މަސައްކަތަށްވެސް އޮތް ވަރަށް ބޮޑު ޗެލެންޖެއް. ގިނަ އަދަދެއް ކަރަންޓީން ވެގެން ދިއުން. އަޅުގަނޑުމެން ކުރަން ހުރި މަސައްކަތުގައި ފުލުހުންގެ ފޯސް އަށް ލިބެމުންދާ ހީނަރުކަން އެއީ ނުވަތަ މަދުވާ މަދުވުން އެއީ ވަރަށް ބޮޑު ޗެލެންޖަކަށްވޭ. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ފުލުހުންނާއި އެމްއެންޑީއެފްގެ ބޭފުޅުންނާއި ސިއްހީ ފަރާތްތަކާއި ނިކުމެ މަސައްކަތް ކޮށްގެން ނޫނީ ދެން ތިބި މީހުން ސަލާމަތް ކުރެވޭކަށް ނެތް،"
ހޯމް މިނިސްޓަރު އިމްރާން

އިމްރާން ވިދާޅުވީ ފުރާނަ، އަތް މައްޗަށް ލައިގެން އެފަރާތްތަކުން ކުރާ އެ މަސައްކަތަކީ ހިތުގެ އަޑިން ބަލައިގަނެ ޝުކުރު އަދާ ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. މިހާރު ފުލުހުންގެ ތެރެއިންވެސް އެންމެ ފްރަންޓުލައިންގައި ތިބި ފަރާތްތަކުގެ ތެރެއިން އެކަށީގެންވާ އަދަދަކަށް މަސައްކަތް ކުރުމަށް ފަހުގައި އާއިލާ ކައިރިއަށް ނުގޮސް ތިބެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަމުން މި ގެންދަނީ އިރުޝާދު ދެމުން މި ގެންދަނީ ފުލުހުންގެ ތެރެއިންވެސް ހާއްސަކޮށް ކޯޑަން ކޮށްފައި ހުންނަ ތަންތަނުގައި ތިއްބަވާ ބޭފުޅުން އެބޭފުޅުން ވީހާވެސް ބޮޑަށް ފެމެލީ ކައިރިއަށް ނުގޮސް އިންތިޒާމުތައް ހަމަޖެއްސޭތޯ،"
ހޯމް މިނިސްޓަރު އިމްރާން

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ރައްކާތެރިކަމަށްޓަކައި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި ފުލުހުންގެ ރައްކާތެރިކަމަށްޓަކައި އެސްއޯޕީތައް ވެސް ހެދިފައިވާނެ ކަމަށެވެ.

ފަސް ފުލުހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ އިރު ސިފައިންގެ ތެރެއިން 20 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. މުޅި ރާއްޖެއިން މިއަދު އެކަނިވެސް 96 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިއާއެކު ޖުމްލަ އަދަދު މިހާރު ވަނީ 744 އަށް އަރާފައެވެ.