ކޮވިޑް19 ޖެހިގެން ރޭ މަރުވި އުމުރުން 80 އަހަރުގެ މީހާ ވަޅުލައިފިއެވެ.
މި މީހާ ވަޅުލާފައިވަނީ ހުޅުމާލެ ސަހަރާގައެވެ. މަރުވި މީހާގެ ކަށުކަމާކެމީގެ ކަންތައްތައް ކޮށްފައިވަނީ އެމްއެންޑީއެފްގެ ފިރިހެން ސިފައިންނެވެ.
މި މީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަކީ ކޭސް 81 އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އޭނާ މަރުވީ ރޭ 11:20 ގައި ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ޑީއެޗް11 ގައި ހުންނަ އައިސީޔޫގައި އޭނާއަށް ފަރުވާ ދޭން ފަށާފައިވަނީ ހުސްވި އޭޕްރީމް މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާގެ ހާލު ސީރިއަސްކަން ޖެހިގެން އައި ދުވަހު އައިޖީއެމްއެޗްގެ ޑރ. މުސާ ހުސައިން ވިދާޅުވިއެވެ.
ޑރ. މޫސާ ވިދާޅުވީ، 80 އަހަރުގެ މީހާއަކީ 2 އަހަރުގެ މުއްދަތަކަށް ބެޑްރިޑެން މީހެއް ކަމަށާއި އޭނާ ބެޑް ރިޑެން ވެފައި ވަނީ ސްޓްރޯކެއްގެ ސަބަބުން ކަމަށެވެ.
ޑރ. މޫސާ އިތުރަށް ވިދާޅުވީ، އުމުރުން 80 އަަހަރުގެ (ކޭސް 81) އަކީ އެހެނިހެން ބަލިތައް ވެސް ހުރި މީހެއް ކަމަށެވެ. އެގޮތުން، ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް ހުއްޓެވެ. އަދި ނިއުމޯނިއާގެ ކަންކަންވެސް ދޭތެރެ ދޭތެރެއިން ދިމާވާ ކަމަށް ވެސް ޑރ. މޫސާ ވިދާޅުވެފައި ވެއެވެ.
އަދި އޭނާގެ އޮކްސިޖަން ދަށްވެގެން އޮކްސިޖަން ދެމުން ދިޔަ ކަމަށްވެސް ޑޮކްޓަރުން ވަނީ ހާމަ ކޮށްފައެވެ.
އުމުރުން 80 އަަހަރުގެ (ކޭސް 81) މިރޭ މަރުވެފައި ވާ ކަމަށް އޭނާގެ އާއިލާއަށް އަންގާފައި ވާއިރު، އެއާއިލާއިން ކޮވިޑަށް ޕޮޒިޓިވް ވި އެހެން މީހަކު ކަރަންޓީނު ފެސިލިޓީގައި އެބަހުއްޓެވެ.
ރޭ މަރުވި މީހާއާ އެކު ކޮވިޑް19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. އެންމެ ފުރަތަމަ މިބަލީގައި މަރުވީ 83 އަހަރުގެ އަންހެނެކެވެ. ދެވަނަ އަށް މަރުވީ 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ނަމަވެސް އެމީހާ މަރުވީ ކޮވިޑްގެ ސަބަބުން ނޫން ކަމަށް ޑޮކްޓަރުން ބުނެއެވެ. އެހެންނަމަވެސް އޭނާ ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.