(أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا ﴿٩﴾)

(أَمْ) މިތަނުގައި ގެންނަވާފައި މިވަނީ ސުވާލެއްގެ ގޮތުގައެވެ. އެއީ މިވާހަކަ އަޑުއެހުމަށް ނަފްސުގެ ޝައުގުވެރިކަން ހޯއްދެވުމުގެ ބޭނުމުގައެވެ. ސަބަބަކީ މިއީ ޢަޖައިބުކުރުވަނިވި ޙަގީގީ ޙާދިޘާ އަކަށްވާތީވެއެވެ.

( حَسِبْتَ ) ހީކުރީހޭ،

(الْكَهْفِ ) ފަރުބަދައިގެ ތެރޭގައިވާ ހޮހޮޅަ

( وَالرَّقِيمِ ) ލިޔެވިފައިވާ، ސަބަބަކީ މިބައިމީހުންގެ ވާހަކަ އެއްކޮޅުން އަނެއް ކޮޅަށް ހޮހޮޅައިގެ ތެރޭގައިވާ ހިލަގަނޑެއްގައި ވަނީ ލިޔެވިފައެވެ.

( كَانُوا ) ކަހަފް ބާގައިގެ މީހުންނާއި، ހިލަގަނޑުގައި ލިޔެވިފައިވާ ވުން،

(مِنْ آيَاتِنَا عَجَبًا ) މިއީ ﷲގެ ކައުނީ ހެކިތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.

(عَجَبًا ) މިއީ ޙައިރާން ކުރުވަނިވި ޢަޖައިބު ވާހަކަ އެކެވެ. މިއީ ހަތް މީހުންނެވެ. އެމީހުންނާއި އެކުގައިވަނީ ކުއްތާ އެކެވެ. އެމީހުންގެ ރަށުގައި ޝިރްކުގެ ކަންތައްގަނޑު ބޮޑުވެފައިވުމުން އެކަމާ ހިތްހަމަ ނުޖެހިގެން މީސްތަކުންނާއި އެކަހެރި ވުމުގެ ގޮތުން އެމީހުން ދިޔައީ މި ހޮހޮޅަ އަށެވެ. އެމީހުންގެ ނަޞީބު ރަގަޅު ކަމުން މިހޮހޮޅާގައި އިންނަ ދޮރު އިރަކަށްވެސް އަދި ހުޅަނގަކަށްވެސް ނުވެއެވެ. ސަބަބަކީ ދޮރު އިރަށް އިންނަމަ އިރުއަރާވަގުތު އަވިން އެބައިމީހުން ހަލާކުވެގެން ހިނގައިދާނެއެވެ. އަދި ހުޅަނގަށް ދޮރުއިންނަމަ އިރު އޮއްސޭވަގުތުގައި އޭގެ ގެއްލުން އެބައިމީހުންނަށް ލިބިދާނެއެވެ. މިވާހަކަތައް ބަޔާންކޮށްދެއްވާ މި ސޫރަތުގެ 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ ۗ مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ﴿١٧﴾ ) މާނައަކީ: "އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، اللَّه ގެ آية ތަކުގެތެރެއިންނެވެ. اللَّه ތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."

(إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾ )

މިވާހަކަ ފެށެނީ މިހިސާބުންނެވެ.

(إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ) "އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ!" މައްކާގެ ގުރައިޝުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މިކަމާއި ގުޅޭ ގޮތުން ސުވާލު ކުރިމަތި ކުރުވިއެވެ. އެކަލޭގެފާނަކީ ކުރީގެ ފޮތްތައް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް ނޫނެވެ. ސޫރަތުލް ޢަންކަބޫތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ ﴿٤٨﴾ ) މާނައަކީ: " އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافر ން شك ކުރީހެވެ"

ވީމާ، އެކަލޭގެފާނަށް ވަޙީގެ ޛަރީޢާއިން މެނުވީ އެވާހަކަތައް އެބައިމީހުންނަށް ކިޔައިދެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ވުމާއިއެކު، އެބައިމީހުން މިވާހަކައިން ސުވާލު ކުރުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޖަވާބަކަށްވީ، ވަޙީ އައުމުން ޖަވާބު ދެއްވާނެ ކަމެވެ. ދެންފަހެ، މާތް ﷲ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ވަޙީބާވާލައްވާ މިވާހަކަތައް ބަޔާން ކޮށްދެއްވިއެވެ.

(الْفِتْيَةُ ) މިއީ "ފަތާ" މިލަފްޡުގެ ޖަމްޢުއެވެ. އެއީ ފުރާފުރިހަމަވެފައިވާ ޢަޒުމްވަރުގަދަ ޒުވާނާއެވެ.

( إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ ) އެ ޒުވާނުން އެމީހުންގެ ގައުމު ދޫކޮށް، ހޮހޮޅަ އަށް އައީ އެމީހުންގެ ރަށުގައި ޢާއްމުވެފައިވާ ޝިރްކުގެ ވަބާ އެބައިމީހުންނަށް ޖެހިދާނެކަމަށް ބިރުންނެވެ.

( فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً ) " ފަހެ، އެ ޒުވާނުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ!"

(فَقَالُوا ) އެބައިމީހުން ބުންޏެވެ.

( رَبَّنَا ) ހައްދަވާ ގެންގުޅުއްވާ އިލާހެވެ.

( آتِنَا ) އަޅަމެންނަށް ދެއްވާފާންދޭވެ.

( مِن لَّدُنكَ ) އިބަ ﷲ ގެ ޙަޟްރަތުން،

(رَحْمَةً) އިބަ ﷲ ގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތް ލައްވާފާންދޭވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. "ނަމާދުގައި ކޮށްލާނެ ރަގަޅު ދުޢާ އެއް ދަސްކޮށްދެއްވާށެވެ." އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ކިޔާށެވެ. (اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ. فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيم) މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން، މިއަޅާވަނީ މިއޅާގެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް އަނިޔާވެރިވެފައެވެ. އިބަ ﷲ މެނުވީ ފާފަފުއްސަވާ ފަރާތެއް ނުވެއެވެ. އިބަ ﷲގެ ޙަޟްރަތުން މިއަޅާގެ ފާފަ ފުއްސަވާ މިއަޅާ އަށް ރަޙްމަތްލައްވާފާންދޭވެ. ހަމަކަށަވަރުން، އިބަ ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ."

(وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ) " އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!"

(فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا ﴿١١﴾ ) "ފަހެ، ހޮހަޅައިގައި އެތައް އަހަރެއްވާނދެން، ތިމަންރަސްކަލާނގެ އެއުރެން ގަދަނިއްޖެއްގައި ބައިތިއްބެވީމެވެ."

ނިދި ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:

1. ލުއި ނިދި، އެހެންނަމަ އޭނާގެ ވަށައިގެންވާ ކަންތައްތައް އަޑުއިވޭނެއެވެ.

2. ފުން ނިދި، އެހެންނަމަ އޭނާގެ ވަށައިގެންވާ އެއްވެސް ކަމެއް އަޑެއް ނީވޭނެއެވެ.

(سِنِينَ عَدَدًا ) "އެތައް އަހަރެއް ވާންދެން."، އެއީ ކިތައް އަހަރުކަމެއް ބަޔާން ކުރައްވާ މި ސޫރަތުގެ 25 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾ ) މާނައަކީ: "އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ."

(ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَيُّ الْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوا أَمَدًا ﴿١٢﴾ ) "ދެން ތިމަންރަސްކަލާނގެ އެއުރެން (ނިދީން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެން (ނިދާފައި) ތިބި މުއްދަތު އެންމެ ހަމަޔަށް ހިމަނަނީ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ."

( بَعَثْنَاهُمْ ) "ބަޢަޘަ" ގެ ލަފްޡީ މާނައަކީ: މަރުވުމަށްފަހު އަލުން ދިރުއްވުމެވެ.

އެބައިމީހުން ނިދިން ހޭލެއްވުމަށް "ބަޢަޘަ" މި ލަފްޡު ގެންނަވާފައިވުމުގެ ޙިކްމަތަކީ: ނިދުމަކީ ވެސް މަރެއް ކަމަށްވާތީވެއެވެ. ސޫރަތުލް އަންޢާމްގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَهُوَ الَّذِي يَتَوَفَّاكُم بِاللَّيْلِ وَيَعْلَمُ مَا جَرَحْتُم بِالنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰ أَجَلٌ مُّسَمًّى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٦٠﴾ ) މާނައަކީ: " އަދި ރޭގަނޑަށް ތިޔަބައިމީހުންގެ ފުރާނަ ހިއްޕަވަނީ (އެބަހީ: ނިދޭގޮތް މެދުވެރި ކުރައްވަނީ) އެކަލާނގެއެވެ. އަދި ދުވާލު ތިޔަބައިމީހުން ހޯދައިގަތް ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ދެން އެއަށްފަހު ދުވާލުގެ ތެރެއަށް ތިޔަބައިމީހުން އަލުން ފޮނުއްވަތެވެ. (އެބަހީ: ހޭލައްވަވައެވެ. އެއީ) ކަނޑައަޅުއްވާފައިވާأجل ހަމަވުމަށްޓަކައެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، އެކަލާނގެ حضرة އަށެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ."

ސޫރަތުއް ޒުމަރުގެ 42 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٤٢﴾ ) މާނައަކީ: " نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ."

މި އާޔަތްތަކުގައި ނިދި ޞިފަ ކުރައްވާފައިވަނީ މަރެއްގެ ގޮތުގައެވެ.

(بَعَثْنَاهُمْ لِنَعْلَمَ ) "ތިމަން ﷲ ދެނެވޮޑިގެންވާކަން" މި ގޮތަށް އޮތުމުން ފަހަރެއްގައި އުފެދިދާނެ ސުވާލެކެވެ. އެކަން ވުމުގެ ކުރިން ﷲ ދެނެވޮޑި ނުގަންނަވަނީ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ: ﷲ ދެނެވޮޑިގެން ވެއެވެ. ނަމަވެސް މިޢިބާރާތުން ދެކަމެއް ދޭހަކޮށްދެއެވެ.

1. މިތަނުގައި "ޢިލްމު" ނުވަތަ "ދެނެވޮޑިގަތުން" މާނަ ކުރައްވާފައި މިވަނީ ދެކެވަޑައިގަތުމަށެވެ. އެކަން ވުމުގެ ކުރިންވެސް އެގޮތަށް އެކަންވާނެކަން ﷲ ދެނެވޮޑިގެންވެއެވެ. ކަންވުމަށްފަހު އެކަން އެގޮތަށް ވެއްޖެކަން ވެސް ދެނެވޮޑިގެންވެއެވެ. ވީމާ، ކުރިން އެނގިވޮޑިގެންފައިވުމާއި ވުމަށްފަހު ވީކަން ދެނެވޮޑިގަތުން ތަފާތެވެ.

2. އެ ޢިލްމެއްގެ މައްޗަށް ޖަޒާ ދެއްވުން ތަރްތީބު ވެގެން އަންނަ ޢިލްމު، ސޫރަތު މުޙައްމަދުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ ﴿٣١﴾ ) މާނައަކީ: "އަދި ތިޔަބައިމީހުންގެ ތެރެއިން جهاد ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ خبر ތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ."

އިމްތިޙާނު ކުރެއްވުމުގެ ކުރިންވެސް ކިޔަމަންތެރިވާ މީހުންނަކީ ކޮބައި ކަމާއި އުރެދޭ މީހުންނަކީ ކޮބައިކަން ﷲ ދެނެވޮޑިގެންވެއެވެ.

(أَيُّ الْحِزْبَيْنِ ) (الْحِزْبَيْنِ ) ދެޖަމާޢަތުގެ މީހުން،

(أَحْصَىٰ) އެންމެ ރަގަޅަށް ގުނަނީ، އެމީހުން ހޮހޮޅައިގާ ހޭދަކުރީ ކިހާ ދުވަހެއްކަން އެންމެ ރަގަޅަށް ބުނެދޭން އެނގެނީ ކޮންބަޔަކަށްތޯ ބެއްލެވުމަށް ޓަކައި، ސަބަބަކީ އެބައިމީހުންގެ މެދުގައި ވަނީ އެކަމުގައި ޚިލާފު އުފެދިފައެވެ. ބައެއް މީހުން ބުނި ކަމަށްވަނީ (لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ) މާނައަކީ: "ތިމަންމެންތިބީ، އެއްދުވަހު، ނުވަތަ ދުވަހެއްގެ ބައެއްގައެވެ." އަނެއްބަޔަކު ބުނީ މިފަދައިންނެވެ. (رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ ) މާނައަކީ: "ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ."

(نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى ﴿١٣﴾ ) “ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އެއުރެންގެ خبر ތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް إيمان ވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ.”

ތެދުބަހުން، ޙަގީގަތް އެނގުމާއި އެކު، ފަސޭހައިން ވިސްނޭނެ ޢިބާރާތުން ބުނެދިނުން އެއީ އެންމެ ރަގަޅު ގޮތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުގައި ވަނީ ޙައްގު ތެދެވެ. އެކަލާންގެ ބަސް ވަޙީ ކުރައްވާފައިވަނީ ޙަގީގަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙާލުގައެވެ. އެންމެ ފަޞާޙާތްތެރި ޢިބާރާތުންނެވެ. މީސްތަކުންނަށް ފަސޭހައިން ވިސްނައިގަނެވޭނެ ގޮތަށެވެ.

( نَّحْنُ ) "އަހަރުމެން"، ﷲ ތަޢާލާ އަކީ އެއްކައުވަންތަ އިލާހު ކަމަށްވީއިރު "އަހަރުމެން" މިފަދައިން ވަޙީ ކުރައްވާފައިވާ ވުމުގެ ޙިކްމަތަކީ:

އަމިއްލަ ނަފްސަށް އިޝާރާތްކޮށް ޖަމްޢުގެ ޞީޣާ (ނަޙްނު)، ނުވަތަ މުފްރަދުގެ ޞީޣާ (އަނާ)، ނުވަތަ ޣައިބުގެ ޞީޣާ (ހުވަ) ބޭނުން ކުރުމަކީ ޢަރަބިންގެ ތެރޭގައި ވާހަކަދެއްކުމުގައި ބޭނުން ކޮށް އުޅުނު އުސްލޫބު ތަކެވެ. ކީރިތި ގުރްއާން ބާވާލެއްވުނީ ޢަރަބި ބަހުން ކަމުން، ޢަރަބިންގެ ތެރޭގައި ބޭނުން ކޮށް އުޅުނު ތިން ޞީޣާވެސް ކީރިތި ގުރްއާނުގައި ބޭނުން ކުރައްވާފައިވެއެވެ. (ފަތާވާ އައްލަޖްނަތުއްދާއިމާ 4/143).

(އަނާ) އަދި (ނަޙްނު) މި ދެލަފްޡު ބޭނުން ކޮށްގެން މީހަކު އޭނާގެ ޖަމާޢަތަށް ނިސްބަތްކޮށްވެސް ވާހަކަ ދައްކަފާނެއެވެ. އަދި ބައެއް ފަހަރު މީހަކު އޭނާގެ އަމިއްލަ ނަފްސަށްވެސް މިދެޞީޣާ ބޭނުން ކޮށްފާނެއެވެ. މިޘާލަކަށް ރަސްރަސްކަލުން ބޮޑެތި ބަޔާންތައް އިއްވާ ހިނދުގައި (ނަޙްނު) ބޭނުން ކުރެއެވެ. އެކަމަކު އެއީ އެންމެ ފަރްދެކެވެ. މީގެ ބޭނުމަކީ މަތިވެރި ކުރުމެވެ. ނުވަތަ ވަރުގަދަކޮށް ބާރުވެރި ކުރުވުމެވެ. އެންމެ މަތިވެރި ބާރުވެރި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އެހެންކަމުން، ކީރިތި ގުރްއާނުގައި (އިންނާ، ނަޙްނު) އައިސްފައި އިނުމުގެ ބޭނުމަކީ އެކަލާނގެ މަތިވެރިކަން ދޭހަކޮށް ދިނުމެވެ. މީގެ މާނައަކީ ފަހަރެއްގައިވެސް އެކަލާނގެ އާއި އެކު އެހެން ޝަރީކަކު ވުމެއް ނޫނެވެ.

- ނުނިމޭ -