ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްވީ ލަސް ކޮވިޑް19 އަށް މީހުން ޓެސްޓު ކުރުމުގައި ނުގެން ގުޅުމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރާއްޖެއިން ކޮވިޑް19 ފެނުމާއި އެކު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް އިދިކޮޅު ފަރާތްތަކުންނާއި ސިއްހީ ބައެއް މާހިރުން ދިޔައީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން އެކަން ކޮށްފައި ވަނީ ރާއްޖެއިން ބަލި ޖެހި އަދި އެ ބައްޔަށް ދިވެއްސަކު ވެސް ޕޮޒިޓިވްވި ފަހުންނެވެ.

ނަމަވެސް މިއަދު ރާއްޖޭގެ ހާލަތު އޮތީ އޭރަށް ވުރެވެސް ގޯސްކޮށެވެ. މުޅި ރާއްޖެއިން މިހާތަނަށް 648 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު މި ބަލި އަދިވެސް ރާއްޖޭގައި ފެތުރޭނެ ކަމަށް ސިއްހީ މާހިރުން އަންނަނީ ލަފާ ކުރަމުންނެވެ. އަދި ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް19 އަށް ޓެސްޓު ކުރެވޭ މިންވަރު ވަރަށް މަދު ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށެވެ.

ޑރ. ޝީނާގެ އެ ވާހަކަތަކާއި ގުޅިގެން ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެދެނީ އަވަހަށް ޓެސްޓުތައް ކުރުމަށް ކަމަށެވެ. ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ ފެންނަނީ މާހިރުން އެދޭ ވަރަށް ނޫނީ ސަސްޕެކްޓެޑް ކޭސްގެ މަދުވެގެން 1000 ޓެސްޓު ހެދޭ ވަރު އިތުރު ކުރުމަށް މުއިއްޒު ގޮވާލެއްވިއެވެ. އަދި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގައި ވީ ލަސްކަން ޓެސްޓު ކުރުމުގައި ނުވުމަށްވެސް ގޮވާލެއްވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް19 އަށް ގިނައިން ޓެސްޓު ކުރެވޭ ނަމަ ލައްކައެއްހާ އިންފެކްޝަން ފެންނާނެ ކަމަށެވެ. ޝީނާ އެހެން ވިދާޅުވީ، ސެޕްޓެމްބަރާ ހަމައަށް ލަފާކޮށް ހައްދަވާފައިވާ ހިސާބުތައް ހިއްސާ ކުރައްވައެވެ. އޭނާ ވިދާޅުވީ، ޓެސްްޓިން ކެޕޭސިޓީއާއި ޓެސްތް ކުރެވޭ ނިސްބަތުން މިހާރު އެވަރު ނުފެންނަނީ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި މިހާރު ކޮވިޑް19 އަށް ޓެސްޓު ކުރެވޭ ނިސްބަތް ވަރަށް ބޮޑަށް މަދު ކަމަށެވެ. އެގޮތުން މިހާރު ޓެސްޓު ކުރެވޭ ނިސްބަތް އިތުރުވާ ނަމަ 300 އެއްހާ މީހުން ދުވާލަކު ފެންނަން ޖެހޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ހުރި ޓެސްޓިން ސްޓްރެޓެޖީ ބަދަލު ކުރަންޖެހޭ ކަމަށެވެ.