ސޫރަތުއް ރަޙްމާންގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ ﴿٦٠﴾ ) މާނައަކީ: "ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟"

ވީމާ، ޢަމަލުތަކުގެ ޖަޒާ ދެއްވަނީ ޢަމަލާއި އެއްވަރަށްތޯ ނުވަތަ އެއަށްވުރެ ފުރިހަމަ އަށް ތޯ؟ މިއީ އުފެދޭ ސުވާލެކެވެ. ޖަވާބަކީ: އެންމެ ފުރިހަމަ އަށެވެ. ވީމާ، (حَسَنًا) މިބަސްފުޅުގެ މުރާދަކީ އެންމެ ހެޔޮވެގެންވާ ދަރުމަ އެވެ. ސަބަބަކީ ސުވަރުގޭގެ ދަރުމަ އާއި އެއްގޮތް އެހެން ދަރުމަ އެއް ނުވާތީވެއެވެ.

(مَّاكِثِينَ فِيهِ أَبَدًا ﴿٣﴾) "އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ." އެތަނުގައި ބަލިވުމެއް، މަރުވުމެއް، ބަނޑުހައިވުމެއް، ކަރު ހިއްކުމެއް، ފިންޔެއް، ހޫނެއް ނޯންނާނެއެވެ. ހުރިހާ ކަމެއްވެސް އެންމެ ފުރިހަމަ އަށް ހުންނާނެއެވެ.

އަހްލުއްސުންނަތި ވަލްޖަމާޢަތިގެ ޢަގީދާ އަކީ ސުވަރުގެ އާއި ނަރަކަ މިހާރުވެސް އުފައްދަވާފައިވާ ކަމާއި އެއީ ދާއިމަށް ދެމިގެންވާ ތަންތަން ކަމެވެ. މިކަންކަން ކީރިތި ގުރްއާނުގެ ޞަރީޙަ ނައްޞުން ޘާބިތުވެއެވެ. ސުވަރުގެ ވަންތަވެރިން އެތަނުގައި ދެމިތިބޭނެކަން އަންގަވާ އެތައް އާޔަތްތަކެއް ކީރިތި ގުރްއާނުގައި ވާރިދުވެފައިވެއެވެ. އޭގެ ތެރޭގައި:

- ސޫރަތުއް ނިސާގެ 57 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ لَّهُمْ فِيهَا أَزْوَاجٌ مُّطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا ﴿٥٧﴾ ) މާނައަކީ: "އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެ ސުވަރުގެތަކުގައި، އެއުރެން، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެތާނގައި އެއުރެންނަށް طاهر ކުރައްވާފައިވާ އަނބިންތަކެއް ވެއެވެ. އަދި، ހިޔާދެނިވި ހިޔަލަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ."

- ސޫރަތުއް ނިސާގެ 122 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ وَعْدَ اللَّـهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ اللَّـهِ قِيلًا ﴿١٢٢﴾ ) މާނައަކީ: "އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. اللَّه، وعد ކުރައްވާފައިވަނީ حق ތެދެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟"

ނަރަކަވަންތަވެރިން އެތަނުގައި ދެމިތިބޭނެ ކަން އަންގަވާ ކީރިތި ގުރްއާނުގެ ތިން ތަނެއްގައި އެވާހަކަ އަންގަވާފައިވެއެވެ. އެތިން ތަނަކީ:

- ސޫރަތުއް ނިސާގެ168 އަދި 169 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ كَفَرُوا وَظَلَمُوا لَمْ يَكُنِ اللَّـهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا ﴿١٦٨﴾ إِلَّا طَرِيقَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرًا ﴿١٦٩﴾ ) މާނައަކީ: "ހަމަކަށަވަރުން، كافر ވެ އަދި އަނިޔާވެރިވި މީހުންނަށް، اللَّه ފާފައެއް ނުފުއްސަވާނެތެވެ. އަދި، އެއްވެސް މަގަކަށް އެއުރެންނަށް އެކަލާނގެ މަގެއް ނުދައްކަވާނެތެވެ. ނަރަކައިގެ މަގަށް މެނުވީއެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެކަންތައް اللَّه އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ."

- ސޫރަތުލް އަޙްޒާބްގެ 64 އަދި 65 ގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّ اللَّـهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا ﴿٦٤﴾ خَالِدِينَ فِيهَا أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا ﴿٦٥﴾ ) މާނައަކީ: "ހަމަކަށަވަރުން، اللَّه، كافر ންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ. އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ نصر ދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ."

- ސޫރަތުލް ޖިންނިގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَعْصِ اللَّـهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ﴿٢٣﴾ ) މާނައަކީ: "اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ."

ސުވަރުގެ އާއި ނަރަކަ މިހާރުވެސް ވަނީ ތައްޔާރުވެގެން ކަން އަންގަވާ ސޫރަތު އާލުޢިމްރާންގެ 133 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾ ) މާނައަކީ: "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ."

ސޫރަތުލް ބަގަރާގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فَإِن لَّمْ تَفْعَلُوا وَلَن تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ ۖ أُعِدَّتْ لِلْكَافِرِينَ ﴿٢٤﴾ ) މާނައަކީ: "ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. - (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ."

(وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّـهُ وَلَدًا ﴿٤﴾ ) "އަދި اللَّه، ދަރިކަލަކު ހިއްޕެވިކަމަށް ބުނިމީހުންނަށް إنذار ކުރެއްވުމަށްޓަކައެވެ."

މި އާޔަތުގައި މިވަނީ ކުރީ އާޔަތުގައި ބަޔާން ނުކުރައްވާ ދޫކޮށްލެއްވި ބައެއް ކަންތައްތަކުގެ ތަފްޞީލެވެ. މަސީޙު ޢީސާ އަކީ ﷲ ގެ ދަރިކަލެއް ކަމަށް ބުނަމުން އައި ނަޞާރާ އިންނަށާއި، ޢުޒައިރު އަކީ ﷲ ގެ ދަރި އެއް ކަމުގައި ބުނަމުން އައި ޔަހޫދީންނަށް، އަދި މަލާއިކަތުންނަކީ ﷲ ގެ އަންހެން ދަރިން ކަމުގައި ބުނަމުން އައި މުޝްރިކުންނަށް ވަރުގަދަ އިންޛާރެއް ދެއްވާފައެވެ.

(مَّا لَهُم بِهِ مِنْ عِلْمٍ) "އެއުރެންނަކަށްވެސް، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސް علم އެއް ލިބިފައެއް ނުވެއެވެ." އެބަހީ ﷲ އަށް ދަރިކަލަކު ވާ ކަމަށް އެބައިމީހުން ބުނާ ބުނުމުގައި އެބައިމީހުންނަށް ޢިލްމެއް ނެތެވެ.

(وَلَا لِآبَائِهِمْ) އެބައިމީހުން ބުނި ފަދައިން ބުނި (ﷲ އަށް ދަރިކަލެއްވާ ކަމަށްބުނި) އެބައިމީހުންގެ ކާބަފައިންވެސް.

(كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ ) އެބައިމީހުންގެ އަނގައިން އެބޭރު ކުރަނީ ހާދަހާވާ ބޮޑު ބަހެކެވެ. ސޫރަތު މަރްޔަމްގެ 90 އިން 93 ގެ ނިޔަލަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ﴿٩٠﴾ أَن دَعَوْا لِلرَّحْمَـٰنِ وَلَدًا ﴿٩١﴾ وَمَا يَنبَغِي لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا ﴿٩٢﴾ إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا ﴿٩٣﴾ ) މާނައަކީ: "އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ. ފަހެ، ދަރިކަލަކު ހިއްޕެވުން رحمن ވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ. رحمن ވަންތަ ރަސްކަލާނގެ حضرة އަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ."

(تَخْرُجُ مِنْ أَفْوَاهِهِمْ ) " އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ!"

މި ޖުމްލައިން ދޭހަވަނީ އެބައިމީހުން އެބުނާ ބުނުމެއް ބުނަނީ ހިތުން ޔަގީންކޮށްގެން ނޫން ކަމެވެ. ސަބަބަކީ ﷲ އަށް ދަރިޔަކު ވާކަމަށް ބުއްދި ހުރި މީހަކު ނުބުނާނެއެވެ. ސަބަބަކީ މިދަރިޔަކީ އާދައިގެ އިންސާނެއް ނަމަ، އޭނާ ކާށާއި، ބޯން، އަދި ހެދުން ލާން ބޭނުންވާނެއެވެ. ބަނޑުހައިވުމާއި ހަރުހިއްކުމާއިވެސް ކުރިމަތިވާނެއެވެ. އަދި އެނޫންވެސް އިންސާނުންނަށް ކުރިމަތިވާ ހުރިހާ ކަމެއް ކުރިމަތިވާނެއެވެ. ވީމާ، އެހުރިހާ ކަމެއް ބޭނުންވާ ދަރިކަލަކު، ﷲ އަށް ލިބިގެންވުން އެއީ މުސްތަޙީލު ކަމެކެވެ. އެހެންވެ، އެބައިމީހުންގެ ވާހަކަތަކަށް ރައްދު ދެއްވާ ވަޙީ ކުރެއްވިއެވެ.

(إِن يَقُولُونَ إِلَّا كَذِبًا ) "އެއުރެން އެ ބުނަނީ، ދޮގެއްކަމުގައިނޫނީ ނުވެއެވެ."

މިތަނުގައި (إِن) ގެންނަވާފައިވަނީ ( ما) އައްނާފިޔާގެ ގޮތުގައެވެ. އެކަން ބޮޑަށް ދޭހަވަނީ ފަހަތަށް (إِلَّا) "މެނުވީ" ގެންނަވާފައިވުމުންނެވެ. ސޫރަތު ފާޠިރުގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنْ أَنتَ إِلَّا نَذِيرٌ ﴿٢٣﴾ ) މާނައަކީ: " إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ."

ސޫރަތުލް މާއިދާގެ 110 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَـٰذَا إِلَّا سِحْرٌ مُّبِينٌ ﴿١١٠﴾ ) މާނައަކީ: "ފަހެ، އެއުރެންގެ ތެރެއިން كافر ވި މީހުން ބުނޫއެވެ. މިކަންތައްތަކަކީ، ފާޅުވެ بيان ވެގެން ހުރި ޖާދޫކަމުގައި ނޫނީ ނުވެއެވެ."

މި ހުރިހާ ތަނެއްގައިވެސް (إِن) ގެންނަވާފައިވަނީ ( ما) އައްނާފިޔާގެ ގޮތުގައެވެ.

(كَذِبًا ) ދޮގު، ދޮގަކީ ޙަގީގަތާއި ޚިލާފަށް ވާހަކަ ދެއްކުމެވެ. ޙަގީގަތާއި އެއްގޮތަށް ވާހަކަ ދެއްކުމަކީ ތެދުބުނުމެވެ. މިޘާލަކަށް: "މިވެނި މީހަކު އަތުވެއްޖެޔޭ" ބުނާ އިރު އެމީހަކު ނާންނަ ކަމަށް ވަނީނަމަ އެހެދެނީ ދޮގެކެވެ. އެއީ ޙަގީގަތް އެނގިގެން ބުނި އެއްޗެއް ނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ. އޭގެ ދަލީލަކީ ސުބައިޢިއްޔަތުލް އަސްލަމީ ރަޟިޔަﷲ ޢަންހާގެ ވާހަކަ އެވެ. އެކަމަނާ ބަލިވެ އިންނަވަނިކޮށް ފިރިކަލުން އަވާހަރަވިއެވެ. ފިރިކަލުން ނިޔާވިތާ ކުޑަދުވަސްކޮޅެއް ތެރޭގައި ރައްކާވެވަޑައިގެންފިއެވެ. އެހިސާބުން އެކަމަނާ ޙިދާދު ހެދުން ދޫކޮށްލައްވާ، ކައިވެނި ކުރުމަށް ޓަކައި ޒީނަތްތެރިވެ ވަޑައިގަތެވެ. މިގޮތަށް މިކަންވެފައިވަނިކޮށް އެއްދުވަހަކު އަބުއްސަނާބިލް އެކަމަނާގެ ގާތުގައި ވިދާޅުވިއެވެ. "ހަތަރު މަހާއި ދިހަ ދުވަސް ވުމުން މެނުވީ ކަމަނާ ޙިދާދުގެ ހެދުންކޮޅު ދޫކޮށް ނުލެވޭނެއެވެ." ސަބަބަކީ އެކަމަނާގެ ފިރިކަލުން ނިޔާވިތާ 40 ދުވަސް ނުވަނީސް އެކަމަނާ ރައްކާވެ ވަޑައިގެންފިއެވެ. އަބުއްސަނާބިލް އަށް ހީފުޅުވެފައި އޮތީ ޢިއްދާގައި އިންނަން ޖެހޭނީ އެންމެ ދިގު މުއްދަތަށް ކަމަށެވެ. އެހެންވެ، އެކަމަނާ އަލުން ޙިދާދުގެ ހެދުންކޮޅު ތުރު ކުރައްވައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގޮސް އެވާހަކަތައް ދެންނެވިއެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އަބުއްސަނާބިލް އިތުރުފުޅު ހައްދަވައިފިއެވެ." މިތަނުގައި އަބުއްސަނާބިލް ހީފުޅު ކުރެއްވީ ދިގު މުއްދަތަށް ޢިއްދާގައި އިންނަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެކަމަށް ރިޢާޔަތް ކުރައްވާ އެކަލޭގެފާނު އެހެން ވިދާޅުވީއެވެ. ކޮންމެ އަކަސް އަބުއްސަނާބިލް އަށް އެނގިވަޑައިނުގެން ނަމަވެސް ޙަގީގަތާއި ޚިލާފަށް ވިދާޅުވުމުން އެކަން ވެފައި އެވަނީ "ދޮގަކަށެވެ."

(فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلَىٰ آثَارِهِمْ إِن لَّمْ يُؤْمِنُوا بِهَـٰذَا الْحَدِيثِ أَسَفًا ﴿٦﴾ )

(فَلَعَلَّكَ) މުޚާޠަބު ކުރައްވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ.

(بَاخِعٌ نَّفْسَكَ ) ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލަނީތޯއެވެ.

(عَلَىٰ آثَارِهِمْ ) އެބައިމީހުން މޫނު އަނބުރާލާ ދިޔަކަންމައްޗަށް،

(إِن لَّمْ يُؤْمِنُوا بِهَـٰذَا الْحَدِيثِ ) އެބައިމީހުން މިގުރްއާނަށް އީމާންނުވި ކަންމައްޗަށް،

(أَسَفًا) ހިތާމަ

އެބައިމީހުން މިގުރްއާނުގެ އާޔަތްތަކަށް އީމާންނުވެ މޫނު އަނބުރާލާފައި ދިޔަކަމަށް ޓަކައި ހިތާމަކޮށް، ކަލޭގެފާނުގެ ނަފްސު އެކަމަށްޓަކައި ހަލާކު ކުރައްވަނީތޯއެވެ؟ އެހެން ނުހައްދަވާށެވެ. އެބައިމީހުން އިޖާބަނުދީ ފުރަގަސް ދިނުމަކުން ކަލޭގެފާނުގެ މައްޗަށް ފާފަ އެއް ނެތެވެ. ކަލޭގެފާނުގެ މައްޗަށް އޮތް ކަމަކީ އެބައިމީހުންނާއި ހަމައަށް މި އާޔަތްތައް ފޯރުކޮށްދެއްވުމެވެ. ސޫރަތުއް ރަޢްދުގެ 40 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ) މާނައަކީ: " ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި حساب ބެއްލެވުންވަނީ، ތިމަންރަސްކަލާނގެއަށެވެ."

(إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴿٧﴾)

(جَعَلْنَا ) ތިމަން ﷲ ލެއްވީމޭ،

(جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا ) ބިންމަތީގައިވާހާ އެއްޗެއް ތިމަން ﷲ ލައްވާފައިވަނީ ބިންގަނޑުގެ ޒީނަތަކަށްޓަކައެވެ. އެއީ މީސްތަކުން އިމްތިޙާނު ކުރެއްވުމަށެވެ. އެމީހުން އަޅައިގަންނަނީ އެ ޒީނަތްތެރިކަމަށްތޯ، ނުވަތަ އެ ޒީނަތްތެރިކަން ލެއްވި ފަރާތަށްތޯ ބައްލަވާ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. މީސްތަކުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަކު ޒީނަތްތެރިކަމާއި ގުޅިގަނެއެވެ. އަނެއްބަޔަކު އެޒީނަތްތެރިކަން ޚަލްގު ކުރެއްވި އިލާހާއި ގުޅެއެވެ. މިކަން ބަޔާން ކުރައްވާ ސޫރަތުލް އަޢްރާފްގެ 175 އިން 176 އަށް ވަޙީ ކުރައްވާފައިވެއެވެ. (وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ ﴿١٧٥﴾ وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَـٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ ﴿١٧٦﴾ ) މާނައަކީ: " ތިމަންރަސްކަލާނގެ آية ތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ خبر ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطان އާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آية ތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް حملة ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ."

އެހެންކަމުން، ޒީނަތްތެރިކަމަކީ ﷲ ގެ އަޅުތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައި ލައްވާފައިވާ ކަމެކެވެ. އެއީ ﷲ އުފެއްދެވި ޒީނަތްތެރި ކަމަކަށްވިޔަސް އަދި މަޚްލޫގުން އަމިއްލަ އަށް އުފެއްދި ޒީނަތްތެރިކަމެއް ވިޔަސް ވެސް އެވެ.

(لِنَبْلُوَهُمْ) އެބައިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.

(أَيُّهُمْ أَحْسَنُ عَمَلًا) އެބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ ބެއްލެވުމަށެވެ.

މިތަނުގައި (أَكْثَرُ عَمَلًا) "އެންމެ ގިނައިން ޢަމަލު ކުރަނީ" ގެ ބަދަލުގައި (أَحْسَنُ عَمَلًا ) "އެންމެ ހެޔޮ ޢަމަލު ކުރަނީ" އޮތުމުގެ ޙިކްމަތަކީ ގިނައިން ކުރުމަށްވުރެ ބޮޑަށް ބޭނުންވަނީ ރަގަޅަށް ކުރުމެވެ. މިޘާލަކަށް މީހަކު ދަމު ނަމާދުގައި 4 ރަކްޢަތް ކުރަނީ، އެހެންނަމަވެސް، ޚުޝޫޢަތްތެރި ކަމެއް ނެތިއެވެ. އެހެން މީހަކު މި ކުރަނީ ދެރަކްޢަތެވެ. ނަމަވެސް ޚުޝޫޢަތްތެރި ކަމާއި އެކުގައެވެ. މި ޙާލަތުގައި ޚުޝޫޢަތްތެރި ކަމާއި އެކު ދެރަކްޢަތް ކުރި މީހާ މާބޮޑަށްވެސް ރަގަޅެވެ.

(وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا ﴿٨﴾ ) ތިމަން ﷲ އިރާދަ ކުރައްވައިފިނަމަ، ބިންގަނޑުގައި ޢިމާރާތެއް، ގަހެއް ނުހުންނަ ފަދައިން ލައްވާހުށީހެވެ. ސޫރަތު ޠާހާގެ 105 އިން 107 އަށް ވަޙީ ކުރައްވާފައިވެއެވެ. (وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ﴿١٠٥﴾ فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾ لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ﴿١٠٧﴾ ) މާނައަކީ: "އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ.ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ.އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ." ވީމާ، އެތަކެއްޗަކީ ކުރިން ނުވާ އެއްޗެއްގެ ގޮތުގައި މާތް ﷲ ލައްވާނެތެވެ. ސޫރަތު ޔޫނުސްގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (كَأَن لَّمْ تَغْنَ بِالْأَمْسِ) މާނައަކީ: "އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ."

- ނުނިމޭ-