މިއަހަރުގެ ފަހުކޮޅު އެމެރިކާގައި ކުރިއަށް ގެންދަން ތާވަލުކޮށްފައިވާ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާނެ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެފައިވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން، ރިޔާސީ ރޭސް ދޫކޮށްލެއްވުމަށް، އޭނާގެ ފަރާތުން ޖިންސީ ގޯނާ ތަހައްމަލު ކުރަންޖެހުނު ކަމަށް ވަކާލާތު ކުރާ އަންހެނަކު ގޮވާލައިފިއެވެ.
މީގެ 27 އަހަރު ކުރިން ބައިޑަންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ވަކާލާތު ކުރަމުންދާ ޓޭރާ ރީޑް ވަނީ، ބައިޑަން އަމިއްލަފުޅަށް ކުރިއަށް ނިކުމެވަޑައިގެން، ޖަވާބުދާރީ ވެވެވަޑައިގަތުމަށް ގޮވާލާފައެވެ. އަދި ބައިޑަންއަކީ އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވަން ކުފޫ ހަމަވާ ފަރާތެއް ނޫންކަމަށްވެސް ރީޑް ވަނީ ސިފަކޮށްފައެވެ.
ރީޑް ބުނާ ގޮތުގައި ބައިޑަންގެ ފަރާތުން އޭނާއަށް ޖިންސީ ގޯނާ ކުރިމަތިވީ 1993 ވަނަ އަހަރުއެވެ. މިހާރު އުމުރުން 56 އަހަރު ފުރިފައިވާ ރީޑްއަކީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ޑެލަވެއާގެ ސެނެޓަރުގެ ގޮތުގައި ބައިޑަން ހިދުމަތްކުރެއްވިއިރު، ސްޓާފް އެސިސްޓަންޓްއެއްގެ ގޮތުގައި ހަރަކާތްތެރިވި މީހެކެވެ. ރީޑް ވަނީ ބައިޑަންގެ ފަރާތުން އޭނާއަށް ކުރިމަތިވި ފުރައްސާރައާއި ގޯނާގެ ތަފްސީލީ ވާހަކަތައްވެސް މީޑިއާއާއި ހިއްސާކޮށްފައެވެ.
ބައިޑަން ވަނީ ރީޑްގެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.
ކަންމިހެން އޮތްއިރު، ރީޑް ވަނީ ދޮގު/ތެދު ވަޒަން ކުރުމަށް ބޭނުންކުރާ ލައި ޑިޓެކްޓާ ޓެސްޓެއްވެސް ހަދަން ތައްޔާރަށް ހުރި ކަމަށާ، ނަމަވެސް އެއީ ބައިޑަންވެސް އެފަދަ ޓެސްޓެއް ހައްދަވައިފިނަމަ ކަމަށް ބުނެފައެވެ.
ރީޑްގެ މި ދައުވާތައް ވެފައިވަނީ މިހާރުވެސް ވެރިކަން ކުރަމުންދާ ރިޕަބްލިކަންސްއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އެގޮތުން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާނެ ކަމުގެ ނަމުގައި އިދިކޮޅު ޑިމޮކްރަޓުން ފަތުރަމުންދާ މެނިފެސްޓޯގައި ދެފުށް ދެގޮތް ކަން އެކުލެވޭ ކަމަށް ބުނެ، ރިޕަބްލިކަންސްއިން ދަނީ ޑިމޮކްރަޓުންނަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.
ނޮވެމްބަރު އެމެރިކާގައި ކުރިއަށްދާ ރިޔާސީ އިންތިހާބަކީ، ޖިންސީ ފުރައްސާރައާއި ގޯނާގެ ވާހަކަތައް މީޑިއާއަށް ތިލަ ކުރުމަށް ފެށި ވަރުގަދަ "މީޓޫ" ކެމްޕޭނަށްފަހު އެމެރިކާގައި ކުރިއަށް ގެންދާ ފުރަތަމަ އިންތިހާބެވެ.