ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ބޭނުންކޮށްގެން ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ބުނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑުތަކުގައި ކޭޝް ކާޑު ބޭނުން ކޮށްގެން މިހާރު ޕެޓްރޯލަށް ފައިސާ ދެއްކޭނެ ކަމަށެވެ. އޭގެ ތެރޭގައު މާލެ އާއި ހުޅުމާލޭގައި ހިންގާ ޕެޓްރޯލް ޝެޑުތައް ވެސް ހިމެނޭ ކަމަށް ބޭންކުން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ގިނަ ވިޔަފާރިތަކުން އަޅާފައިބވާއިރު އޮންލައިންކޮށް ޓްރާންސެކްްޝަންތައް ހަދަން ސިއްހީ މާހިރުން ލަފާދެމުން ދާއިރު، ބެންކުން ވަނީ ގޭގައި ތިބެގެން އޮންލައިންކޮށް ބެންކުގެ އެކި ހިދުމަތްތައް ހޯދަންވެސް އެދިފައެވެ.

އެގޮތުން، ބީއެމްއެލް އެކައުންޓުގެ ޕާސަނަލް އިންފޮމޭޝަން ވެސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކުރެވޭނެ ކަމަށް ކުރިން ވަނީ އިއުލާން ކޮށްފައެވެ. އަދި މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސާފައެވެ.