ސޫރަތުގެ އާންމު ތައާރަފެއް:

މިއީ މައްކީ ސޫރަތެކެވެ. މިސޫރަތް ބާވާލެއްވިފައިޗވަނީ ސޫރަތުލް ޣާޝިޔާ އަށް ފަހު، އަދި ސޫރަތުއް ޝޫރާގެ ކުރިންނެވެ. ގުރްއާނުގެ ތަރްތީބުން މިއީ 68 ވަނަ ސޫރަތެވެ. މިއީ ކީރިތި ގުރްއާނުގައި (އަލްޙަމްދު)ގެ ލަފްޡުން ފެށޭ ފަސް ސޫރަތުގެ ތެރޭގައި ހިމެނޭ ސޫރަތެކެވެ. އެއީ ސޫރަތުލް ފާތިޙާ، އަންޢާމް، ސަބައު، ފާޠިރު އަދި ކަޙްފު އެވެ. މި ސޫރަތަކީ އެކުގައި ބާވާލެއްވި ސޫރަތްތަކުގެ ތެރެއިން ސޫރަތެކެވެ.

ސޫރަތް ބާވާލެއްވުނު ސަބަބު:

އިބްނު ކަޘީރު ރަޙިމަހުﷲ، މި ސޫރަތް ބާވާލެއްވުނު ސަބަބު ކަމުގައި ބަޔާން ކުރައްވާފައި ވެއެވެ. ގުރައިޝް ވަންހައިގެ މީހުން ޔަހޫދީންގެ އަޙްބާރުން (ޔަހޫދީންގެ ޢިލްމުވެރިން)ގެ ގާތަށް އައްނަޟްރު ބިން އަލްޙާރިޘް އާއި، ޢުގްބާ ބިން އަބީ މުޢީޠު ފޮނުވިއެވެ. ޔަހޫދީންގެ އަޙްބާރުންގެ ގާތަށް ފޮނުވި ބޭނުމަކީ އެބައިމީހުންނަކީ ފޮތުގެ އަހްލުވެރިން ކަމަށް ވީތީވެއެވެ.

މި މީހުންނަށް އަމުރުކޮށްފައި ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީ ކަމާއި ގުޅޭ ގޮތުންނާއި، އެކަލޭގެފާނުގެ ތެދުވެރި ކަމާއި ގުޅޭ ގޮތުން ޔަހޫދީ އަޙްބާރުންނާއި ސުވާލު ކުރުމަށެވެ. ޔަހޫދީ އަޙްބާރުން އެމީހުންނަށް ދިން ޖަވާބަކީ މައްކާ އަށް އެނބުރި ގޮސް މުޙައްމަދުގެ ފާނުގެ ކިބައިން ތިން ސުވާލެއް ކުރުމަށެވެ. އެސުވާލުތަކަށް ޖަވާބު ދެއްވައިފިނަމަ އެއީ ތެދުވެރި ނަބިއްޔެކެވެ. ޖަވާބު ނުދެވިއްޖެނަމަ އެއީ ނަބީ ކަމަށް ދަޢްވާކޮށްގެން އުޅޭ ދޮގުވެރިޔެކެވެ. އެމީހުން ކުރަން ހުށަހެޅި ސުވާލުތަކުގެ ތެރޭގައި ކަޙްފު ބައިގައިގެ މީހުންގެ ވާހައިން ސުވާލު ކުރުމަށް ހުށަހެޅި އެވެ.

ކޮންމެއަކަސް އެބައިމީހުން އެނބުރި މައްކާ އަށް ގޮސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ މާދަމާ ޖަވާބެއް ދެއްވާނެ ކަމަށެވެ. ނަމަވެސް (އިންޝާﷲ) އޭ ބުނަން އެކަލޭގެފާނު ހަނދުމަފުޅު ނެތެވެ. އެކަމާ ގުޅިގެން އެކަލޭގެފާނަށް ވަޙީ ބާވާލެއްވުން ލަސްވިއެވެ. އެހިނދުގައި މައްކާގެ މުޝްރިކުން ހީކުރީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ ނަބީ ކަމަށް ދަޢްވާކުރާ ދޮގުވެރިޔެއް ކަމަށެވެ. މިކަމާ ގުޅިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަތެވެ.

މިހެން އުޅުއްވަނިކޮށް ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރި ކުރައްވާ އެސުވާލުތަކުގެ ޖަވާބު ބާވާލެއްވުނެވެ. އަދި ﷲގެ މަޝީއަތާއި ގުޅުވައިގެން މެނުވީ އެއްވެސް އެއްޗެއް ވިދާޅު ނުވުމަށް އަމުރު ކުރެއްވިއެވެ. (وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ ۚ وَاذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰ أَن يَهْدِيَنِ رَبِّي لِأَقْرَبَ مِنْ هَـٰذَا رَشَدًا ﴿٢٤﴾ ) މާނައަކީ: "އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!"

މި ސޫރަތުގައި ހިމެނޭ ވާހަކަތައް:

މި ސޫރަތުގައި އިސްވެދިޔަ އުއްމަތްތަކުގެ ވާހަކަތަކުގެ ތެރެއިން ވަރަށް ގިނަ ވާހަކަތައް އައިސްފައިވެއެވެ. އޭގެ ތެރޭގައި:

ހޮހޮޅައެއް ރަމްޒުވާ ފޮޓޯއެއް

އަޞްޙާބުލް ކަހްފުގެ ވާހަކަ:

މި ސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން ގޮސް 26 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ބަޔާން ކުރައްވާފައިވެއެވެ.

މިވާހަކާގައި ބަޔާން ކުރައްވާފައި ވަނީ ޒުވާން ކުދިންތަކަކާއި، އެކުދިންނާ އެކުވީ ކުއްތާ އެއްގެ ވާހަކަ އެވެ. އެކުދިން ދިރިއުޅެމުން އައި ރަށުގެ ވެރިޔަކަށް ހުރީ ވަރަށް އަނިޔާވެރި ރަސްގެފާނެކެވެ. އެރަށުގެ އަހްލުވެރިންނަކީ މަގުފުރެދިފައިވާ ބަޔެކެވެ. އެބައިމީހުން އަޅުކަން ކުރަމުން ގެންދިޔައީ ބުދަށެވެ. އެބުދަށް ގުރްބާނީތައް ކަތިލަމުން ގެންދިޔައެވެ. އެމީހުންނާ ދެކޮޅަށް އެއްޗެއް ބުނެފި ކޮންމެ މީހެއްގެ ދުވަސް ދުއްވާލައެވެ.

ކޮންމެއަކަސް، މި ޒުވާނުން އުޑާއި ބިން އުފެއްދެވި ފައިވާ ގޮތާ މެދުގައި ވިސްނާ ފިކުރު ކުރަން ފަށައިފިއެވެ. މިކައުނު އުފައްދަވާފައި ވަނީ ބުދުތައް ނޫން ކަމަށް އެކުދިންނަށް ގަބޫލު ކުރެވެން ފަށައިފިއެވެ. ވީމާ، މި ބުދުތަކަށް ވުރެ މަތިވެރި އެހެން އިލާހަކު ވާނެ ކަމާއި މެދުގައި ޔަގީންކޮށް އެކަމާ ވިސްނާ ފިކުރު ކުރަން ފެށިއެވެ. އެހެންކަމުން، މިބުދުތަކަށް ސަޖިދަ ކުރުމަސް އެކުދިން ދެކޮޅު ހެދިއެވެ.

މާތް ﷲ އެކުދިންނަށް އެހީތެރިކަން ދެއްވާ، ޘާބިތުކަން ދެއްވާ، ހިދާޔަތް ދެއްކެވިއެވެ. ބުދަށް ސަޖިދަ ކުރުމަކީ ރަނގަޅު ކަމެއް ނޫންކަން ރަށުގެ އަހްލުވެރިންނަށް ވިސްނައި ދެވޭތޯ މިކުދިން މަސައްކަތް ކުރިއެވެ. ނަމަވެސް، މިޚަބަރު ރަސްގެފާނަށް ލިބިވަޑައިގަތުމާ ގުޅިގެން އެކުދިން މަރާލަން ރޭވިއެވެ. އެހެންވެ، އެކުދިން އެރަށް ދޫކޮށް ނިކުމެގެން ދިޔައީއެވެ.

ދެން މާތް ﷲ އެކުދިންނަށް ދެއްކެވީ ފަރުބަދަ އެއްގެ ހޮހޮޅަ އެކެވެ. ރަށުގެ އަހްލުވެރިން އެކުދިން ހޯދުމަށް ނިކުތެވެ. ނަމަވެސް، މާތް ﷲ ވަނީ އެބައިމީހުންނަށް އެކުދިން ތިބިތަން ނުފެންނާނެ ގޮތް މެދުވެރި ކުރައްވާފައެވެ. އެކުދިންނަށް ފަރުބަދައިގެ ހޮހޮޅަށް ދެވުމާ އެކު ވެފައި ތިބި ވަރުބައްޔެއްގެ ބޮޑުކަމުން އޮށޯވެލުމާ އެކު ނިދުނެވެ.

އެހެންނަމަވެސް، ﷲ ގެ މުޢްޖިޒާތް ފާޅުވެގެން ދިޔައެވެ. އެގޮތުން ތިންސަތޭކަ އަށް ވުރެ ގިނަ އަހަރުވަންދެން އެކުދިން ނިދާފައި ތިއްބެވެ. މި ދިގު މުއްދަތުގައި ނިދާފައި ތިބި އިރު އެކި ފަރާތް ފަރާތަށް ފުރޮޅި ހެދިއެވެ. އަދި އިރުގެ އަވިން އެކުދިން ސަލާމަތްވިއެވެ. މިއީ މާތް ﷲ ގެ ކުޅަދުންވަންތަކަމާއި ޙިކްމަތްވަންތަ ކަމެވެ.

ކޮންމެއަކަސް، ތިން ގަރުނު ފަހުން އެކުދިން ނިދިން ހޭލިއެވެ. އެކުދިންނަށް އިޙްސާސް ކުރެވުނީ ނިދީގައި ހޭދަ ކުރީ އެއްދުވަސް ނުވަތަ ބައިދުވަސް ކަމަށެވެ. ދެން ބަނޑުހައި ވެފައި ތިބިވަރުން ކާނެ އެއްޗެއް ހޯދުމަށް އެއް ކުއްޖަކު ހޮހޮޅައިން ނިކުތެވެ. ނަމަވެސް، ފެނިގެން ދިޔައީ މުޅި ރަށް ބަދަލުވެފައިވާ ތަނެވެ. މީހުންވެސް ބަދަލުވެއްޖެ އެވެ. ލައިގެން ތިބި ފޭރާމާއި ޢިމާރާތްތައްވެސް ބަދަލުވެއްޖެ އެވެ. ގެންގުޅޭ ފައިސާވެސް ބަދަލުވެއްޖެ އެވެ.

ރަށުގެ އަހްލުވެރިންނަށް މި މުޢްޖިޒާތް ފެނުނު ހިނދުގައި އެބައިމީހުން އެއްކޮށް އީމާންވިއެވެ. އަދި އެއަށް ފަހު މާތް ﷲ އެކުދިންގެ ފުރާނަ ގެންދެވިއެވެ.

ޞާޙިބުލް ޖަންނަތައިނި: (ދެބަގީޗާގެ އަހްލުވެރިޔާގެ ވާހަކަ):

މި ސޫރަތުގެ 32 ވަނަ އާޔަތުން ފެށިގެން 44 ވަނަ އާޔަތުގެ ނިޔަލަށް މިވާހަކަ ބަޔާން ކުރައްވާފައި ވެއެވެ.

މިއީ މާތް ﷲ ދެބަގީޗާގެ މިލްކުވެރިކަން ދެއްވި މީހެއްގެ ވާހަކައެވެ. އެބަގީޗާތަކުގައި ބައިވަރު ކަދުރު ރުއްތަކާއި މޭބިސްކަދުރު ގަސްތައް ހުއްޓެވެ. އަދި އެ ދެމުގައި ބޮޑު ކޯރެއް އޮތެވެ. މި ބަގީޗާތަކުގެ ވެރިމީހާ ހުރީ އޭނާ އަށް ލިބިފައިވާ މިބޮޑު ނިޢްމަތާ ހުރެ ޣާފިލުވެފައެވެ. ދުނިޔަވީ ޙަޔާތަށް ވަރަށް ބޮޑަށް ލެނބިފައެވެ. ދުވަހަކުވެސް މި ދެބަގީޗާ އޭނާގެ އަތުން ބީވެގެން ހިނގައިދާނެ ކަމަކަށް ހިޔެއް ނުކުރެއެވެ.

މިއީ ﷲ އޭނާ އަށް ލެއްވި ރަޙްމަތެއްކަން ވިސްނައިދެވޭތޯ، އޭނާގެ އަވަށްޓެރިޔަކު ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އަދި މިއީ ކޮންމެވެސް ދުވަހަކުން ފަނާވެގެންދާނެ އެއްޗެއް ކަން ބަޔާން ކޮށް ދިނެވެ. އެތަކެތި ހަލާކު ކުރައްވަން ﷲ އިރާދަކުރައްވައފި ނަމަ، އެންމެ އެއްޗެއްވެސް ނެތި ހަލާކުވެގެން ހިނގައިދާނެ ކަމުގެ ޚަބަރުވެސް ދިނެވެ.

ނަމަވެސް، ދެބަގީޗާގެ ވެރި ފަރާތުން އެވާހަކަތައް އިންކާރު ކުރިއެވެ. އަދި ބޮޑާވެގަތެވެ. އަވަށްޓެރިޔާ ދެމުން ގެންދިޔަ ނަޞޭޙަތަށް ދިނީ ބީރު ކަންފަތެކެވެ.

ނަމަވެސް، އޭނާގެ ނިމުން އައިގޮތަކީ، މާތް ﷲ އޭނާގެ ދެ ބަގީޗާވެސް ހަލާކު ކުރެއްވީއެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ. އޭނާ އަށް ކަންތައް ކުރެވުނު ގޮތާއި މެދުގައި ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ. ނަމަވެސް، މިހާރު ދެން އޭނާ އަށް ވާގިވެރިވާނެ، ނަޞްރުދޭނެ މީހަކު ނެތެވެ.

މޫސާ ޢަލައިހިއްސަލާމް އާއި ޞާލިޙް އަޅާގެ ވާހަކަ:

މޫސާ ޢަލައިހިއްސަލާމް އާއި ޞާލިޙް އަޅާ ޚިޟްރުގެ ވާހަކަ މިސޫރަތުގެ 60 އިން 82 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވާފައި ވެއެވެ. ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން ޚިޟްރަކީވެސް ނަބިއްޔެކެވެ. ޚިޟްރު ޢަލައިހިއްސަލާމް އަށް ދެއްވާފައިވާ ޢިލްމުން އުނގެނި ވަޑައިގަތުމުގެ ބޭނުމުގައި މޫސާ ޢަލައިހިއްސަލާމް ކުއްޖަކު ކުއްޔަށް ނަންގަވައިގެން އެކުއްޖާ އާ އެކު ކަނޑުގައި ދަތުރު ކުރެއްވިއެވެ.

މޫސާ އާއި ޚިޟްރު ބައްދަލުވެ ދަތުރު ފައްޓަވައިގެން ތިން ކަމެއް ފެނިގެން ދިޔައެވެ. އެއީ ޚިޟްރު ޢަލައިހިއްސަލާމް ހަލާކު ކޮށްލެއްވި ދޯންޏެއްގެ ވާހަކަ އާއި، އެކަލޭގެފާނު ގަތުލު ކޮށްލެއްވި ކުޑަކުއްޖެއްގެ ވާހަކަ އާއި، ވެއްޓެން ކައިރި ވެފައިވާ ފާރެއް ތެދުކޮށް ކޮޅަށް ޖައްސަވާ އެކަމަށް އެއްވެސް އުޖޫރަ އެއް ނުނެންގެވި ވާހަކައެވެ. މިއިން ކޮންމެ ޙާދިޘާ އަކާ ގުޅިގެން ޚިޟްރު ޢަލައިހިއްސަލާމް ކަންތައް ކުރެއްވި ގޮތާ މެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަނެގެން އަދި ޙައިރާން ވެވަޑައިގެން މޫސާ ޢަލައިހިއްސަލާމް ސުވާލު ކުރައްވައެވެ.

ނަމަވެސް، ދަތުރުގެ ނިމޭ ހިސާބުން މެނުވީ އެކަންތައްތައް އެގޮތަށް ކުރެއްވި ސަބަބު ޚިޟްރު ޢަލައިހިއްސަލާމް ކިޔައި ނުދެއްވައެވެ. އަދި އެކަލޭގެފާނު އެއިން ކޮންމެ ކަމެއްވެސް ކުރެއްވީ ﷲ ގެ އަމުރުފުޅަށް ކަމަށާއި، އެކަލޭގެފާނުގެ އަމިއްލަ ރައުޔަށް ނޫންކަން ބަޔާން ކުރެއްވިއެވެ. ދޯނި ނުވަތަ ނައު ހަލާކު ކޮށްލެއްވި ސަބަބު ބަޔާން ކުރައްވަމުން ވިދާޅުވިއެވެ. "ނަވާމެދު ދަންނާށެވެ! ފަހެ، އެ ނައު ވީ ކަނޑުގައި މަސައްކަތް ކޮށްއުޅޭ مسكين ބަޔެއްގެ ނަވަކަށެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށް ލެއްވުމަށް ގަސްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް غصب ން އަތުލާ ރަސްކަލަކު އެމީހުންގެ ފަހަތުގައި ވާތީއެވެ."

"ނަވާމެދު ދަންނާށެވެ! ފަހެ، އެ ނައު ވީ ކަނޑުގައި މަސައްކަތް ކޮށްއުޅޭ مسكين ބަޔެއްގެ ނަވަކަށެވެ. ފަހެ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށް ލެއްވުމަށް ގަސްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް غصب ން އަތުލާ ރަސްކަލަކު އެމީހުންގެ ފަހަތުގައި ވާތީއެވެ."

ދެން ފިރިހެން ކުއްޖާ އާ ބެހޭ ގޮތުން ވިދާޅުވިއެވެ. "އަދި އެ ފިރިހެން ކުއްޖާއާ މެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިން ވީ (ހެޔޮލަފާ) مؤمن ން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި كافر ވާ ދަރަޖައަށް އެދެމީހުންނަށް އެ ކުއްޖާ އުނދަގޫ ކޮށް، އަނިޔާ ދީފާނެ ކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ. ފަހެ، ތިމަންކަލޭގެފާނު އެދިވަޑައި ގަތީ، އެ ދެމީހުންގެ ވެރިރަސްކަލާނގެ، އެކުއްޖާއަށް ވުރެ ހެޔޮވެގެންވާ صالح، އަދި އޯގާތެރިކަން ބޮޑު ކުއްޖަކު އޭނާގެ ބަދަލުގައި އެދެމީހުންނަށް ދެއްވުމަށެވެ."

ދެން ފާރާ ބެހޭ ގޮތުން ވިދާޅުވިއެވެ. "އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައި ވާ يتيم ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރު ވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް خزانة އެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕަ އަކީ، صالح މީހެއް ކަމުގައިވެސް ވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަ ކުރެއްވީ، އެ ދެ ކުދިން ބޮޑުވެ، ފުރާފުރިހަމަ ވުމުން، އެ ދެކުދިންގެ خزانة، އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އޮތް رحمة އެއްގެ ގޮތުންނެވެ. އަދި ތިމަންކަލޭގެފާނު އެކަންތައް ކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأى އަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަން ކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައި ނުގެންނެވުނު ކަންތަކުގެ تفسير އެވެ."

- ނުނިމޭ -