ކޮވިޑަށް މިއަދު ރާއްޖެއިން ބަންގްލަދޭޝް މީހަކު ޕޮޒިޓިވްވެ ޖުމްލަ ޕޮޒިޓިވް ވި މީހުންގެ އަދަދު 574 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން ކޮވިޑަށް 1 ބިދޭސީއަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 574 މީހުންނެވެ. އެއީ 205 ދިވެހިންނާއި 323 ބިދޭސީންނެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެބައިކޮޅު އެއްބައި މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. މިއަދާ ހަމައަށް ބަންގަލްދޭޝްގެ 290 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި މިބަލި އެންމެ ގިނައިން ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވީއިރު، ބިދޭސީން ދިރިއުޅޭ 28 ތަނެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ. އެތަންތަނުގެ ތެރެއިން ސާމްޕަލް ނުނެގި ހުރީ 5 ތަނެއްގެ މީހުންގެ ގައިން ކަމަށް ރޭ ކޮވިޑްގެ ތަރުޖަމާޏު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ދެމީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. މަރުވި ބަންގްލަދޭޝް މިހާ ބައްޔަށް ޕޮޒިޓީވްކަން އެނގިފައި ވަނީ ފިޓު ޖެހި ހާލުދެރަވެގެން އައިޖީއެމްއެޗަށް ގެންދެވި އޭނާގެ ޓެސްޓު ހެދުމުންނެވެ. އަދި އޭނާ މަރުވީ ސިކުނޑިއަށް ލޭ އަރައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.