ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކާޑު ގުދަނުގައި މަސައްކަތް ކުރާ 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯގެ ކާޑު ގުދަނުގައި މަސައްކަތް ކުރާ ތިން މީހަކު މިހާރު ވަނީ ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް އަށް ޕޮޒިޓިވް ވެފައެވެ. އަދި އެއީ ކާޑުގެ ބާވަތްތައް ރައްކާކޮށްފައި ހުންނަ އެސްޓީއޯގެ ގުދަނުގައި މަސައްކަތް ކުރާ ތިން މީހުންނެވެ. އެއީ އެތާނގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންކަމަށްވެސް ވަނީ އެނގިފައެވެ.

މި މީހުންނަކީ ޕޮޒިޓިވްވި ކަމަށް ރޭ ކޮވިޑް ޓާސްކް ފޯހުން އިއުލާނު ކުރި މީހުންގެ ތެރޭގައި ހިމެނޭ 3 މީހުން ކަމަށްވެސް އެނގިފައިވެއެވެ. ނަމަވެސް އެސްޓީއޯ ކާޑު ގުދަނުގައި މަސައްކަތް ކުރާ ބަޔަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ރޭ ހާމަކޮށްފައެއް ނުވެއެވެ. މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 573 އަށް އަރާފައެވެ. މީގެތެރޭގައި 205 މީހުންނަކީ ދިވެހިންނެވެ.

އެސްޓީއޯގެ ގުދަންތަކުގައި ދިވެހިންވެސް މަސައްކަތް ކުރެއެވެ. ދިވެހިންނަށް ހިދުމަތްދޭ މި ކުންފުންޏަކީ މަސައްކަތުގެ މާހައުލަށް ދިވެހިންނަށް ފުރުސަތުދޭ ކުންފުންޏެއް ކަން ފާހަގަ ކޮށްލެވެއެވެ.

މީގެ ކުރިން އެސްޓީއޯގެ މަސައްކަތު މީހަކާއި އެސްޓީއޯގެ ސެކިއުރިޓީ ގާޑެއްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެސްޓީއޯގެ މަސައްކަތު މީހާ މި ބައްޔަށް ޕޮޒިޓިވް ވުމާއެކު އެ ކުންފުނީގެ ތިން ތަނެއް ވަނީ ބަންދުކޮށް ޑިސްއިންފެކްޓް ކުރުމަށް ފަހު އަލުން ހުޅުވާފައެވެ.

އެސްޓީއޯއަކީ، ރާއްޖޭގެ އެކި ހިސާބުތަކަށާއި، މާލެ ސަރަހައްދަށް ބޭނުންވާ ގިނަ ބާވަތްތަކާއި، ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ފޯރުކޮށް ކޮށްދޭ ކުންފުންޏެވެ. ކޮރޯނާވައިރަސްގެ މިހާލަތުގައި ފްރަންޓްލައިންގައި އެންމެ ފުޅާ ދާއިރާއެއްގައި މުދަލާއި ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ އެންމެ ބޮޑު އެއް މުއައްސަސާއަކީވެސް އެސްޓީއޯއެވެ.