ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ފުލުހަކު ހިމެނިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލުމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ވި މީހާ ފާހަގަ ކުރެވުނީ މިއަދުއެވެ. މިއާ އެކު އޭނާ އާ ޑައިރެކްޓް ކޮންޓެކްޓް ވި މީހުން އައިސޮލޭޓް ކުރަމުންދާކަމަށްވެސް ވަނީ އެނގިފައެވެ.

ކޮވިޑަށް ފުލުހަކު ޕޮޒިޓިވް ވި ކަން އެނގިފައިވީ ނަމަވެސް އެ މައުލޫމާތު އެޗްޕީއޭއިން ނުވަތަ ޕޮލިހުން ހާމަ ކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ފުލުހުންނާއި ސިފައިންނަކީ ކޮވިޑްގެ މިހާލަތުގައި ފްރަންޓް ލައިން ގައި މަސައްކަތް ކުރާ ފަރާތްތަކަކަށް ވާއިރު، ސިފައިންގެ ތެރެއިންވެސް ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފައެވެ. އަދި އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވީ ވެސް ސިފައިންގެ މީހެކެވެ. އޭނާ ޕޮޒިޓިވް ވީ އިނގިރޭސިވިލާތުގައި ހުރެފައި ރާއްޖެ އައި ފަހުންނެވެ.

މިއަދު ފުލުހެއް ޕޮޒިޓިވް ވެފައި ވާއިރު އޭނާއާ ޑައިރެކްތް ކޮންޓެކްޓް ވި މީހުންގެ ތެރެއިން ގިނަ މީހުން ކުރިންސުރެ އުޅެމުން ދިޔައީ އާއިލާއާ ވަކިންނެވެ. ނަމަވެސް ބައެއް މީހުން އާއިލާއާ އެކުގައި އުޅެމުން ދިޔަކަންވެސް އެނގިފައިވެއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 557 މީހަކު މިއަދާ ހަމައަށް ޕޮޒިޓިވް ވެފައި ވާއިރު އެންމެ ގިނައީ ބިދޭސީންނެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 361 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިންވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 283 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު ދިވެހިންގެ ތެރެއިން 196 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.