ދުނިޔޭގެ އެކި ކަންކޮޅުތަކުން 3.6 މިލިއަން މީހުން އެ ބައްޔަކަށް ޕޮޒިޓިވްވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެށިގެން އައި ގޮތާ ގުޅިގެން އެންމެ ފުޅާ ދާއިރާއެއްގައި ވަކާލާތު ކުރަމުންދާ 2 ނަޒިރިއްޔާއަށް ބާރު ދޭ ވަރުގަދަ ހެކިތަކެއް ލިބިފައިވާކަމަށް އެމެރިކާގެ ޑައިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސް އޮފީހުގެ އިސް އޮފިޝަލަކު ހާމަކުރައްވައިފއެވެ.

ކޮވިޑް-19ގެ ފެށުމާ ބެހޭ ގޮތުން ވަކާލާތު ކުރަމުންދާ އެއް ނަޒަރިއްޔާ ބުނަނީ، މި ބަލި ޖައްސާ ވައިރަސް އައީ ޗައިނާގެ ވޫހާން ސިޓީގައި ލެބެއްގައި ހިނގި އެކްސިޑެންޓްއެއްގެ ތެރެއިން ކަމަށެވެ. އަނެއް ނަޒަރިއްޔާ ބުނާ ގޮތުގައި މި ވައިރަސް އައީ ވޫހާންގައި ހިންގާ ބާޒާރެއް ހިމެނޭ ސަރަހައްދަކުންނެވެ.

ކަންމިހެން އޮތްއިރު، ކޮވިޑް-19ގެ ބަލިމަޑުކަމަކީ ވަކި މަގުސަދެއްގައި "ކުރި" ކަމެއްކަމަށް ބެލެވެން ނެތްކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ އިސް އިމުނޮލޮޖިސްޓް ޑރ އެންތަނީ ފައޫޗީ (މ) އަދި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުމެއްގައި/ފޮޓޯ: ގެޓީ އިމޭޖަޒް

އެމެރިކާގެ އޮފިޝަލަކު މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، ކޮވިޑް-19 ޖައްސާ ވައިރަހުގެ ފެށުން އައީ، ވޫހާންގެ ބާޒާރަކުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ހުޅަނގުގެ އޮފިޝަލުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. މިއީ ވައިރަހާ ލެބާ ގުޅުވައިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ބާރުދެމުންދާ ނަޒަރިއްޔާއާއި ދެކޮޅު ފިކުރެކެވެ.

މި މުރާޖައާއަކީ، އެމެރިކާގެ ޑައިރެކްޓާ އޮފް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒް – ޑރ އެންތަނީ ފައޫޗީގެ އެއްބާރުލުން ލިބިފައިވާ ނަޒަރިއްޔާއެކެވެ. ހަމަ މިއާއެކު، ޖާސޫސީ މައުލޫމާތު ހިއްސާކުރާ ކޯލިޝަނެއް ކަމަށްވާ ފައިވް އައިޒްއިންވެސް މިކަމަށް އެއްބާރުލުން ދެއެވެ.

ޓްރަމްޕް ވިދާޅުވަނީ ކީކޭ؟

ވައިޓްހައުސްގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފެށުން އައި ޗައިނާގެ ލެބެއް ކަމަށް ބާރުދޭ ހެކި ފެނިވަޑައިގެންފައި ވާކަމަށް ވިދާޅުވެފައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށްވެސް ހަމަލާއެއް ދެއްވާފައެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން ލަދު ގަންނަންޖެހޭނެ ކަމެއް ކަމަށާ، އެ ޖަމިއްޔާއިން ހަރަކާތްތެރިވަމުންދަނީ ޗައިނާގެ ޕީއާރް ކުންފުންޏެއްގެ ގޮތުގައި ކަމަށްވެސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވާހަކަފުޅުދައްކަވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާގެ ބަހަކީ ކޮބާ؟

ޗައިނާއިން ދަނީ އާންމު އުސޫލުން އެމެރިކާގެ ވާހަކަތައް ދޮގު ކުރަމުންނެވެ. ކޮވިޑް-19އަކީ ލެބަކުން އައި ވައިރަހެއް ކަމަށް ޓްރަމްޕްގެ ސަރުކާރުން ކުރާ ތުހުމަތަށް އިންކާރުކޮށް، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ކޮންޓްރޯލް ކުރާ ޓެބްލޮއިޑަކުން ވަނީ ދިފާއަށް ކުޅެފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހަކީ ވޫހާންގެ ލެބަކުން އުފެދިގެން އައި އެއްޗެއް ކަމަށް ބާރުދޭ ހެކި އެބަހުރި ކަމަށް ވިދާޅުވެ، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައިވެސް ވާހަކަދައްކަވާފައެވެ.

މި ވާހަކަތަކަށް ޗައިނާއިން ރައްދު ދިނީ ދައުލަތުން ކޮންޓްރޯލްކުރާ ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލްގައެވެ. މި އެޑިޓޯރިއަލްގައި ޗައިނާއިން ވަނީ، ޕޮމްޕޭއޯގެ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވޫހާން ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: އެންވައިޓީ

ޕޮމްޕޭއޯގެ ތުހުމަތުތަކާ ގުޅިގެން ޗައިނާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ކަނޑައެޅިގެން ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސަނީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސް-ކޯވް-2) ގެ ނަންދީފައިވާ ވައިރަހުންނެވެ. މި ވައިރަހުގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދާ ޖެހުނު އިރުވެސް ހޯދިފައެއް ނުވެއެވެ. މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފަށާފައިވަނީ، ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލު ޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދަކުން، މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.