ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހަކާ އެއްވެސް ކޮންޓެކްޓެއް ނުވެ 39 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރު އަފްޒަލް ވިދާޅުވީ މީގެކުރިން ޕޮޒިޓިވް ވި އެއްވެސް މީހަކާއި ކޮންޓެކްޓު ނުވެ ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުން އެބަތިބި ކަމަށާއި އެމީހުން މިހާރު ތިބީ އައިސޮލޭޓު ކޮށްފައި ކަމަށެވެ. އަދި އެމީހުންގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތުވެސް ކުޑަ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ނަމަވެސް ޕޮޒިޓިވްވި މީހުންނާއި އެއްވެސް ކޮންޓެކްޓެއް ނެތި ޕޮޒިޓިވްވި މީހުން ގިނަވުމަކީ އެކިއެކި ދިމަދިމާލުން ބަލި ފެތުރޭ ކަމުގެ އަލާމާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެންމެ ބޮޑަށް އަދިވެސް ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑީ ފިހާރަތަކަށް ދާ ފަރާތްތަކަށް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި މީހަކު ޕޮޒިޓިވްވެއްޖެ ނަމަ އެމީހަކު އެ ބައްޔަށް ޕޮޒިޓިވްވީ ކިހިނެއްކަން ހޯދަން އުނދަގުވެދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއަދު އެކަނިވެސް 24 މީހަކު ރާއްޖެއިން މިވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 551 އަށް އަރާފައެވެ. ރާއްޖެއިން ކޮވިޑް19 އެންމެ ފުރަތަމަ ފެނުނީ މިދިޔަ މާޗު މަހުގެ 7ވަނަ ދުވަހުއެވެ. އޭގެފަހުން މަދުން ނަމަވެސް މީހަކު ނުވަތަ ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވި ނަމަވެސް އާއްމުންގެ ތެރޭގައި އޭރު އެ ބަލި ފެތުރިފައެއް ނެތެވެ. ނަމަވެސް އާއްމުންގެ ތެރޭގައި މިބަލި ފެތުރެން ފެށީ މި ދިޔަ މަހުގެ 15ވަނަ ދުވަހު ދިވެއްސެއްގެ ގައިން މި ބަލި ފެނުމާއި އެކުއެވެ.