ޕްރޮސިކިއުޓަރު ޖެނަރަލް (ޕީޖީ) އޮފީހުން އައްޑޫ ސިޓީގައި އޯޑިއޯ ވީޑީއޯ ކޮންފަރެންސް ސިސްޓަމް އެއް ގާއިމްކޮށްފިއެވެ.

ޕީޖީ އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އައްޑޫ ސިޓީގައި ގާއިމް ކުރެވިގެން ދިޔަ އެ ސިސްޓަމް އާއިއެކު އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ކޯޓުތަކުގެ ޝަރީއަތްތައް ބޭއްވޭނެ ކަމަށެވެ. ހާއްސަކޮށް ބަންދުގެ މުއްދަތު ފަދަ ޝަރީއަތްތައް އެ އޮފީހުން ފާހަގަކުރެއެވެ. މިއަދު ޕީޖީ އޮފީހުން ވަނީ އައްޑޫ ސިޓީ ހިތަދޫގައި އެފަދައިން އެއް އަޑުއެހުން ކުރިޔަށް ގެންގޮސްފައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިޔުމަށް އޯޑިއޯ ވީޑިއޯ ކޮންފަރެންސް ސިސްޓަމެއް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގައި މިހާރު ވެސް ވަނީ ގާއިމްކޮށްފައެވެ.

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް މިއަހަރުގެ ތެރޭގައި 10 ސިސްޓަމް ޕީޖީ އޮފީހުގައި ބެހެއްޓުމަށް ހަމަޖެހިފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މީގެކުރިން ހާމަކުރައްވާފައެވެ.