ކުރިއަށް އޮތް 2 ހަފްތާއެއްގެ ތެރޭގައި ކޮވިޑްގެ އިތުރު ކޭސްތައް ފެނި އަދަދުތައް މައްޗަށް ގޮސްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ހަވީރު ޓީވީ މެދުވެރި ކުރައްވައި ގައުމާ މުހާތަބު ކުރައްވަމުންނެވެ. ރައީސް ވިދާޅުވީ އެ އަންދާޒާ އަކީ، ސިއްހީ މާހިރުން ދީފައިވާ ލަފާކަމަށެވެ.

އަންނަ ދެ ހަފްތާއަކަށް ސަމާލުކަން އިތުރުކޮށް ފަރުވާތެރިވާން ރައީސް ގޮވާލައްވާފައިވާއިރު ކޮވިޑް ޓެގް ޓީމުގައި ހިމެނޭ ޑރ. އިބްރާހިމް އަފްޒަލްވެސް ވަނީ މިފަދައިން ރޭ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި އިތުރު ކޭސްތަކެއް ފެނި އަދަދު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެ ކޭސްތައް ފެނުމަށް އޮތް ފުރުސަތު ނުވަތަ އެއީ ކޮން ހިސާބުތަކަކަށް ރިޔާއަތް ކުރައްވަ ދެއްކެވި ވާހަކައެއް ކަމެއް ނޭނގެއެވެ.

އެޗްޕީއޭއިން ހާމަ ކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޓެސްޓް ކުރެވި އަދިވެސް ނަތީޖާ ނުލިބޭ 150 އަށް ވުރެ ގިނަ މީހުން ކަރަންޓީނުގައި އެބަ ވެއެވެ. އަދި ޕޮޒިޓިވް ނުވެ ނުވަތަ އަލާމާތްތައް ނުފެނުނު ނަމަވެސް 1500 އަށް ވުރެ ގިނަ މީހުން ކަރަންޓީނުގައި އެބަ ވެއެވެ.

ރާއްޖޭގައި ބަލި ފެތުރެން ފެށި ފަހުން އެންމެ ބާރަށް ބަލި ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވާއިރު މާލެ ސަރަހައްދުގައި ތޮއްޖެހިގެން ބިދޭސީން އުޅޭ 23 ތަނެއް ފާހަގަ ވެ އޭގެ ތެރެއިން 8 ތަނެއް ގާތުން މޮނިޓާ ކުރާ ވާހަކަ ސަރުކާރުން ބުނެފައިވެއެވެ. އަދި 100 އަށް ވުރެ ގިނަ މީހުން ގުޅީފަޅަށްވެސް ގެންގޮސްފައިވެއެވެ. މިމީހުންގެ ތެރޭގައި ބަލި އަރާފާނެކަމަށް ބޮޑަށް ބެލެވޭ ހާލަތުގައި އުޅޭ މީހުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގެ 23 ތަނެއްގައި ބިދޭސީން އުޅޭ އިރު، މާލެ ސަރަހައްދުގެ ލޮކްޑައުންގެ ހާލަތުގައި، އެއް ކޭމްޕުން ފިލައިގެން އަނެއް ކޭމްޕަށް ދާ ބިދޭސީންވެސް ވަނީ މަގުމަތިން ފެނިފައެވެ.

ކުރިއަށް އޮތް ދެ ހަފްތާއަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ގޮވާލާއިރު، އެއީ ބަލިޖެހޭ މީހުންގެ ކުއްލި އިތުރުވުމެއް އަނެއްކާ އައުން ކައިރި ވުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.