ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުހުތާރު ވަޒީފާއިން މުސްކުޅިކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ޖޭއެސްސީން އިއްޔެ ބޭއްވި އެ ކޮމިޝަންގެ 34 ވަނަ ބައްދަލުވުމުގައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި 55 އަަހރު ނުވި ނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްތަަކއި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އަމަލު ކުރާ ގަވާއިދުގެ ދަށުން ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމުން މުސްކުޅިކޮށްފައިވާ ކަމަށެވެ.

އެގޮތުން ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމުން މުސްކުޅި ކޮށްދިނީ އެކަމަށް އެ ފާރާތުން އެދިވަޑައިގެންފައި ވާތީ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޯޑިއޯ ވީޑިއޯ ކޮންފަރެންސް އަދި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ކަަމަށް ޖޭއެސްސީން ބުނެއެވެ. އަދި މި ބައްދަލުވުމުގައި އެ ކޮމިޝަންގެ 7 މެންބަރުން ބައިވެރިވެފައިވާ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.