ކޮވިޑް-19 އާ ގުޅިގެން މިއަހަރު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްވުމާއެކު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ވަގުތީ ގާނޫނުގެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެ ވަގުތީ ގާނޫނު ހުށަހަޅުއްވާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މިއަދު ރޮޒައިނާ ވިދާޅުވީ، ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ އިންތިހާބީ މަގާމެއްގެ ދައުރު ގާނޫނު އަސާސީ އިސްލާހުނުކޮށް ގާނޫނަކުން އެ މަގާމު ފުރިހަމަ ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭނުންވަނީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މަޖިލީހުގެ އާންމު އަގުލަބިއްޔަތަކުން އާންމު ގާނޫނެއް ފާސްކުރެވޭ ކަމަށާއި ނަަމަވެސް ސިމްޕަލް މެޖޯރިޓީއަކުން ފާސްކުރާ ގާނޫނަކުން ގާނޫނު އަސާސީގައި ދައުރެއްގެ މުއްދަތު ބަދަލު ކުރުމުން އޭގެ ނަތީޖާ ގޯސްވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅު ހައްދަވާ ކަން އެނގިވަޑައިގަންނަވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި މިއަދުގެ ހާލަތު އޮތް ގޮތުން އެ ކަން އެހެން ވެދާނެކަމަށާއި ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ދިގުދެމިގެންދާނީ ކިހާ ދުވަހަކަށް ކަން އަދިވެސް ޔަގީން ނުވާ ކަމަށެވެ. އެތައް އަހަރަކަށް މި މުއްދަތު ދެމިގެން ގޮސްފިނަމަ މަޖިލީހުން ގާނޫނު އަސާސީއަށް އިސްލާހު ކުރަން ޖެހޭ ހާލަތްތަކުގައި އެ ކަން ނުކޮށް ތިބޭނީތޯ އައްސަވާ އެނާ ސުވާލު ކުރެއްވިއެވެ.

ކޮވިޑް-19 އާ ގުޅިގެބް މިއަހަރު އޭޕްރިލް މަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބް ވަނީ ފަސްކޮށްފައެވެ. އެގޮތުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށެވެ.