ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާ މި ހާލަތުގައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ހިޔާނަތުގެ 3 މައްސަލައެއް ބަލަމުން ދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވެފައި ވަނީ މަޖީލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުން ދާ މި ދަނޑިވަޅުގައި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ހިޔާނާތުގެ އަމަލު ހިންގަމުން ދޭތޯ ބަލަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން މިހާތާނަށް ތިން މައްސަލައެއް ބަލަމުންދާ އިރު އޭގެ ތެރޭގައި ހިމެނެނީ އެ ކޮމިޝަނަށް ހުށަހެޅިފައި ވާ ދެ މައްސަލައަކާއި ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީން ބަލަމުންދާ ތިން މައްސަލައިގެ ތެރޭގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަ ހިމެނޭ ކަމަށް އޭނާ ފަހަގަ ކުރެއްވިއެވެ. އަދި އެކަމާ ގުޅުން ހުރި ލިޔެކިއުންތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގައި ކޮރަޕްޝަން ހިމެނޭ ކަމެއް ނުވަތަ ނޫންކަމެއް މިހާތަނަށް ނިންމާފައި ނުވާނެ ކަމަށާއި އޭގައި ކޮރަޕްޝަން އޮތް ކަމަށް ބުނުން އަދި ދަތި ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ހަމައެއާއެކު ދުނިޔޭގެ ދަތުރުފަތުރުތައް ހުއްޓިފައި ވާއިރު ބޭރު ގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގައި އިސްކަން ދޭނެ ފަރާތްތައް ކަނޑަޅާ އިރު ދައުލަތުގެ އިސް ބޭފުޅުންގެ ނުފޫޒުން އެ ބޭފުޅުންގެ އާއިލާގެ ބޭފުޅުން ގެނެސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކީ ވެސް އޭސީސީން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އަދި ތިން ވަނަ މައްސަލައެއްގެ ގޮތުގައި އޭސީސީން ބަލަމުން ދާ މައްސަލައަކީ ރާއްޖޭގައި މިހާރު އޮތް ކޮވިޑްގެ ހާލަތުގައި ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ނާޖާއިޒު ފައިދާތަކެއް ލިބޭ ގޮތަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގައި މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އެ ތިން މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުން ދާއިރު، އެއާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދަން ފިނޭންސް މިނިސްޓްރީ އާއި، ހެލްތު މިނިސްޓްރީ އަދި އައިލެންޑް އޭވިއޭޝަންގައި އެދިފައި ވާނެ ކަމަށް ވެސް ޝިއުނާ ވިދާޅުވިއެވެ.