ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އެވްރެޖު އުމުރަކީ 20 އަހަރާއި 40 އަހަރު ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑޮކްޓަރު އަފްޒަލް ވިދާޅުވީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 85 ޕަސެންޓު މީހުންނަކީ ފިރިހެނުން ކަމަށެވެ. އަފްޒަލް ވިދާޅުވީ ފިރިހެނުން އެހާ ނިސްބަތުން ގިނައީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީ ބިދޭސީން ކަމަށް ވެފައި އެމީހުންގެ ތެރެއިން ވެސް އެންމެ ގިނައީ ފިރިހެނުން ކަމަށްވުމަކީ އެކަމުގެ ސަބަބެއް ކަމަށް ވެދާނެ ކަމަށެވެ.
"މައިގަނޑު ކޭސްތައް މި ފެންނަނީ މައިގަނޑު ގޮތެއްގައި އުމުރުން 20 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންގެ އެންމެ ގިނައިން ޕޮޒިޓިވްވެފައި ކަމަށް، އެއީ ކުރިން އަޅުގަނޑު ދެންނެވި ފަދައިން ހެލިފެލިވެ މި ދުވަސްވަރު އުޅޭ ގްރޫޕް އަކީ އެ އުމުރު ފުރައިގެ މީހުން ކަމަށްވާތީވެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މުޅި ރާއްޖެއިން ކޮވިޑް19 އަށް 527 މީހަކު ޕޮޒިޓިވްވެފައިވާއިރު އެންމެ ގިނައީ ބިދޭސީންނެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 340 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިންވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް 268 ބަންގްލަދޭޗް މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު ދިވެހިންގެ ތެރެއިން 183 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.
މާލޭގއި ތިބި މީހުންނަށް ރަށަށް ދެވޭނީ ކޮން ދުވަހަކުންބާ؟ ނޫސްވެރިންވެސް ރައްޔިތުންނަށް ބޭނުންވާނެ ސުވާލު ކުރަން އިސްކަންދޭންވީނުންދޯ، ސަރުކާރުން ކުރާކަންތައް ފޮރުވުމުގެ ބަދަލުގައި.......
ރަށަށް ދާންބޭނުން... މިދިޔަ މިހުގެ 15 އިން ފެށިގެން މާލޭގައި ތާށިވެފައި މިހުންނަނީ...