ނ. މަނަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި 15 މީހަކު އައިސޮލޭޝަންގައި ހުރުމަށް އަންގައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އައިސޮލޭޝަނަށް ދިއުމަށް އެންގި 15 މީހުންނަކީ މަނަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވެފައިވާ މީހުން ކަމަށެވެ. އެމީހުން ފާހަގަވީ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ ތެރެއިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަނަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ. ނަމަވެސް އެމީހާ ކޮވިޑަށް ޕޮޒިޓިވްވީ ރަށުގައި ހުރުމަށްފަހު އެނބުރި މާލެ އައިފަހުންނެވެ. އެމީހާ މާލެ އައީ އެހެން ބައްޔަކަށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި އެމީހާ ޑޮކްޓަރަށް ދެއްކުމުން ކޮވިޑް19 އަށް ޓެސްޓުކުރިއިރު އެމީހާ ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މަބްރޫކް ވިދާޅުވީ އެކަމާއި ގުޅިގެން މަނަދޫ ހޮސްޕިޓަލުގައި އާއްމުކޮށް ބަލި މީހުން ބަލާ ގަޑިތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މަނަދޫގެ އިތުރުން ހއ. އުލިގަމާއި ށ. ނަރުދޫއާ ކ. ތުލުސްދޫ އިން ވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންތަކެއް ފެނިފައެވެ. އެންމެ ގިނައިން މިހާތަނަށް ފެނިފައިވަނީ ނަރުދޫ އިންނެވެ. މިއަދު އެކަނިވެސް 8 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއެވެ. މުޅި ޖުމްލަ ރާއްޖެއިން މިހާތަނަށް 527 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.