ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓް ހެކްކުރި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ ވެބްސައިޓު ހެކް ކުރުމާއި ގުޅިގެން މަލީހް ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެޗްޕީއޭގެ ވެބްސައިޓު ހެކް ކުރުމަކީ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށެވެ. އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ތަހުގީގީ އިދާރާތަކާއި ގުޅިގެން އެކަން ހިނގާދިޔަ ގޮތް ތަހުގީގު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މަލީހް ވިދާޅުވިއެވެ.

އެޗްޕީއޭގެ ވެބްސައިޓު ހެކް ކުރުމަށްފަހު ވަނީ އެ ވެބްސައިޓަށް ވީޑިއޯއެއް ލައިފައެވެ. އެ ވީޑިއޯގައި ބުނަނީ، ކޮވިޑް-19 ބަލިމަދުކަން ފެތުރެމުން މިދާ ދުވަސްވަރުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދަނީ ސިޔާސީ ކުޅިވަރުތައް ކުޅެމުން ކަމަށެވެ. އަދި ސަމާލުކަން ހޯދުމަށް ދައްކާ ވާހަކަތައް އަޑުއެހުމަށް ދެން ނުތިބޭނެ ކަމަށް ވެސް އެ ވީޑިއޯގައި ބުނެއެވެ.

ވީޑިއޯގައި ބުނީ، ރާއްޖެ މިއޮތީ މިހާތަނަށް ހުށަހެޅުނު އެންމެބޮޑު ނުރައްކަލުގައި ކަމަށެވެ. އަދި އެއީ ހަމައެކަނި ކޮރޯނާ ވައިރަސްގެ ސަބަބުން ނޫން ކަމަށާއި، ހުރިހާ ހޯދުންތަކުން ވެސް ދައްކާގޮތުން، ރައްޔިތުންނަށް ރަނގަޅު ގޮތް މި ސަރުކާރަށް ނިންމޭނެ މިނިވަންކަމެއް ނެތް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް އަތްގަދަކޮށްފައިވާ ކަމަށާއި، އިންޑިއާ ސަރުކަރުން ވަނީ ދިވެހި ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ފަރާތްތައް "ގަނެ"ފައި ކަމަށް ވެސް އެ ވީޑިއޯގައި ބުނެއެވެ.

މި ސަރުކާރު ވެރިކަމަށް އައީއްސުރެ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށާއި، އިންތިހާބު ތެރޭގައި ރައްޔިތުންނަށް ވެފައިވަނީ ދޮގު ވައުދުތައް ކަމަށް ވެސް އެ ވީޑިއޯގައި ބުނެއެވެ. އަދި ކޮވިޑް-19ގެ ސަބަބުން 99 ޕަސެންޓް ރައްޔިތުން ވަނީ އާމްދަނީ ލިބުމުން މަހުރޫމް ވެފައި ކަމަށާއި، އެ މީހުންނަށް ކުލި ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ވަރަށް އަވަހަށް ހާހުން މީހުން ބަނޑަށްޖެހި، މަގުމަތި ވެދާނެ ކަމަށެވެ.

ބޮޑެތި ވިޔަފާރިވެރިންނަށް ކޮވިޑް-19 ރިލީފް ފަންޑުތަކުން އެހީ ލިބޭއިރު އާންމު ރައްޔިތުންނަށް މިކަމުންވާ ފައިދާއެއް ނެތް ކަމަށެވެ. އަދި ސަރުކާރުން ކުރަމުންދާ ކަންކަން ފޮރުވުމަށް މީޑިއާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވެސް އެ ވީޑިއޯގައި ބުނެއެވެ.

އެ ވީޑިއޯގައި ވަނީ ސަރުކާރުގެ ވެބްސައިޓުތައް ހެކްކޮށް، ކޮންފިޑެންޝަލް މައުލޫމާތު އާންމު ކުރާނެ ކަމަށް ބުނެ ވެސް އިންޒާރުދީފައެވެ. އަދި ރައީސް ސޯލިހްގެ ޕްލޭންތައް ބަދަލުނުކުރާހާ ހިނދަކު، މިކަން ނުހުއްޓާނެ ކަމަށް ވެސް ވީޑިއޯގައި ބުނެއެވެ. އެ ވީޑިއޯގައި ގޮވާލާފައި ވަނީ ރައްޔިތުންނަށް ކުލި ހިލޭ ކޮށްދިނުމަށާއި، ބަނޑަށްޖެހި މަގުމަތި ވުމުގެ ކުރިން ރައްޔިތުންނަށް އެހީވުމަށެވެ.

އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށްފައި ވާއިރު، ފުލުހުން ދަނީ މިކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.