ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދިވެއްސަކު ވެންޓިލޭޓަރަށް ލައިފިއެވެ. މިއީ ކޮވިޑް19އާ ގުޅިގެން ވެންޓިލޭޓަރަށް ރާއްޖެއިން ފުރަތަމަ ލީ މީހާއެވެ.

އެމީހާ އަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހެކެވެ. އެމީހާ ވެންޓިލޭޓަރަށް ލާފައި ވަނީ މިއަދުއެވެ. އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހެއް ނަމަވެސް އެމީހާގެ އިތުރު މައުލޫމާތެއް ނުލިބެއެވެ.

އިއްޔެ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ޖުމްލަ 6 މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އޭގެތެރެއިން 80 އަހަރުގެ މީހަކާއި 88 އަހަރުގެ މީހެއްގެ ހާލަތު ގޯސް ކަމަށާއި ނަމަވެސް ދެން ތިބި މީހުންގެ ހާލަތު ރަނގަޅު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އެކެއްގެ ހާލަތު ރަނގަޅުވެ ޓެސްޓު ހެދިއިރު ބައްޔަށް ނެގެޓިވްވެފައިވާ ކަމަށާއި އަދި އިތުރު އެއް ޓެސްޓަށް އެމީހާ ނެގެޓިވްވުމުން ބަލިން އެއްކޮށް ރަނގަޅުވި ކަމަށް ނިންމާނެ ކަމަށެވެ.

މިއަދު ވެސް ރާއްޖެއިން ވަނީ 8 މީހަކަށް ކޮވިޑް19 ޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ތިން ބަންގްލަދޭޝް ރައްޔިތުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް 527 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.