ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، ހުސްވި މަހު ސިއްހީ ހާލުކޮޅު ދެރަވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެ ބަލީގައި އަވަހާރަވެދާނެ ހާލަތަކަށް ތައްޔާރުވެ، ކޮންޓިންޖެންސީ ޕްލޭންއެއް އެކުލަވާލާފައި އޮތްކަން އޭނާ ހާމަކުރައްވައިފިއެވެ.

އިނގިރޭސިވިލާތުގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި މިކަން ހާމަކުރައްވަމުން ޖޯންސަން ވިދާޅުވީ، އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ބެލުމަށް އެތައް ލީޓަރެއްގެ އޮކްސިޖަން ބޭނުންކޮށްގެން ޑޮކްތަރުންނަށް އޭނާއަށް ފަރުވާ ދެމުންދިޔަ ކަމަށެވެ. އޭރުވެސް ކޮންޓިންޖެންސީ ޕްލޭން އޮތްކަން އެނގިވަޑައިގަންނަވާކަމަށް ޖޯންސަން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ބަލިން ޝިފާ ލިބިވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ، ޖޯންސައަށް ވަނީ ދަރިކަލަކުވެސް ލިބިވަޑައިގެންފައެވެ. މި ދަރިކަލުންނަށް ދީފައިވާ ނަމަކީ ވިލްފްރެޑް ލޯވްރީ ނިކޮލަސްއެވެ. އެއީ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ޖޯންސަންގެ ފުރާނަ ސަލާމަތްކޮށްދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި 2 ޑޮކްޓަރުންގެ ޝަރަފުގައި ދީފައިވާ ނަމެއް ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެ، ސިއްހީހާލުކޮޅު އިންތިހާއަށް ދައްވެ، އައި.ސީ.ޔޫގައިވެސް ފަރުވާ ހޯއްދަވައިގެން ބަލިން ރަނގަޅުވި ޖޯންސަން، ބޮޑުވަޒީރު ކަމުގެ ރަސްމީ މަސައްކަތަށް ނިކުންނަވާފައިވަނީ ހުސްވި ހަފުތާގެ ހޯމަ ދުވަހުއެވެ.

އިނގިރޭސިވިލާތުގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 182260 އަށް އަރާފައެވެ. އަދި މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 28131 އަށް އަރާފައި ކަމަށް ރެކޯޑްތަކުން ދައްކައެވެ.