އެސްޓީއޯ ސުޕަމާޓުގެ މަސައްކަތު މީހަކު ޕޮޒިޓިވް ވުމުން އެތަން ބަންދުކޮށްފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެސްޓީއޯގެ މުވައްޒަފަކު ޕޮޒިޓިވް ވުމާއެކު ޑިސްއިންފެންކްޓް ކުރުމަށް ސުޕަމާޓު ބަންދުކޮށްފައި ވާ ކަމަށެވެ.

މިއާއެކު، އެސްޓީއޯގެ އަމީނީ މަގުގައި ހުންނަ ގުދަންވެސް ވަނީ ބަންދުކޮށްފައެވެ. އަދި މިހާދިސާއާ ގުޅިގެން އެސްޓީއޯ ލޭބާ ކްރާޓާވެސް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

އެސްޓީއޯގެ ލޭބަރަކު ނުވަތަ މަސައްކަތު މީހަކު ޕޮޒިޓިވް ވެ ތިން ތަނެއް ބަންދު ކުރި އިރު، އެސްޓީއޯގެ ސެކިއުރިޓީ ގާޑެއްވެސް މީގެ ކުރިން ޕޮޒިޓިވް ވެފައިވެއެވެ. ނަމަވެސް އޭރު އެއްވެސް ތަނެއް ބަންދުކޮށްފައި ނުވެއެވެ. އަދި އެސްޓީއޯގެ ސަބްސިޑިއަރީ އެއް ކަމަށް ވާ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޕްޓްރޯލް ޝެޑެއްގެ މުވައްޒަފަކު ޕޮޒިޓިވް ވެ އެތަންތަންވެސް ވަނީ ބަންދުކޮށްފައެވެ.

އެސްޓީއޯއަކީ، ރާއްޖޭގެ އެކި ހިސާބުތަކަށާއި، މާލެ ސަރަހައްދަށް ބޭނުންވާ ގިނަ ބާވަތްތަކާއި، ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ފޯރުކޮށް ކޮށްދޭ ކުންފުންޏެވެ.

ކޮރޯނާވައިރަސްގެ މިހާލަތުގައި ފްރަންޓްލައިންގައި އެންމެ ފުޅާ ދާއިރާއެއްގައި މުދަލާއި ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ އެންމެ ބޮޑު އެއް މުއައްސަސާއަކީވެސް އެސްޓީއޯއެވެ.