އަންނަ ހަފްތާގައިވެސް ހޯމަ ދުވަހާއި ބުދަ ދުވަހު ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވުމަށް ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ އަސާސީ ބޭންކިންގެ ހިދުމަތްދިނުމަށްޓަކައި ބޭންކު އަންނަ ހަފްތާގެ ހޯމަ ދުވަހާއި ބުދަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:00 އަށް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން އެ ދެދުވަހު އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް [email protected] މެދުވެރިކޮށް ފޮނުވޭނެކަމަށާއި، އަދި އިންޓާނެޓް ބޭންކިން މެދުވެރިކޮށްވެސް އެކަމަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ. އެގޮތުން ހެނދުނު 11.00 ގެ ކުރިން ލިބޭ ޓީޓީ/ލެޓާ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައި ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
މީގެ އިތުރުން މުވައްޒަފުންގެ މުސާރަ ޖަމާކުރުމުގެ ހިދުމަތްވެސް އެ ދެ ދުވަހު ލިބޭނެ ކަމަށްވެސް އެބޭންކުން ބުނެއެވެ.
ޕޭ ރޯލްގެ ހިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަންނާނެ ކަމަށާއި، މި ހިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/payroll-services މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11.00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10.00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ބޭންކުން މައުލޫމާތުދެއެވެ.
ބީއެމްއެލުން ބުނީ އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަމަށެވެ. ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލްގެ ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި، ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފާ ރިކުއެސްޓްވެސް އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބޭންކުން ބުނެއެވެ.
ހެނދުނު 11.30 ގެ ކުރިން އިންޓާނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އާރްޓީޖީއެސް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި ހެނދުނު 11.30 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމްއާރްޓީޖީއެސް ޓްރާންސްފާ ރިކުއެސްޓްވެސް އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނީ ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެއެވެ. އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ.