ދުނިޔޭގައި މިވަގުތު އޮތް އެންމެ ނުފޫޒުގަދަ ޖާސޫސީ އިދާރާތައްވެސް ފަހަށް ޖައްސަވާލެއްވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޗައިނާއަށް ވަރުގަދަ ތުހުމަތެއް އަނެއްކާވެސް އަމާޒު ކުރައްވައިފިއެވެ.

ރޭގެ ވަގުތެއްގައި ވައިޓްހައުސްގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފެށުން އައި ޗައިނާގެ ލެބެއް ކަމަށް ބާރުދޭ ހެކި ފެނިވަޑައިގެންފައި ވާކަމަށެވެ.

ކަންމިހެން އޮތްއިރު، އެމެރިކާގެ ގައުމީ ޖާސޫސީ އިދާރާގެ ޑައިރެކްޓަރުގެ އޮފީހުން ވަނީ، ވައިރަހުގެ ފެށުން އައި ގޮތް އަދިވެސް ދިރާސާ ކުރަމުން ދާކަމަށް ބުނެފައެވެ. އަދި މިވައިރަހަކީ އިންސާނުން އަމިއްލައަށް އުފައްދާފައިވާ ވައިރަހެއް ނޫންކަމާ، މިއީ ޖެނެޓިކް މޮޑިފިކޭޝަންތަކެއް ގެނެސްފައިވާ ވައިރަހެއް ނޫންކަން ސާބިތު ކުރެވިފައި ވާކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

ކޮވިޑް-19އަކީ ޗައިނާގެ ލެބެއްގެ އުފެއްދުމެއް ކަމަށް ބުނާ ބުނުމަށް ޗައިނާއިން ދަނީ ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކަށް ޗައިނާއިން ދަނީ ފާޑުވެސް ކިޔަމުންނެވެ.

ކޮރޯނާވައިރަސް ޑިޒީޒް ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފަށާފައިވަނީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓަކުންނެވެ. ނަމަވެސް މީގެ މާނައަކީ މި ވައިރަހުގެ އަސްލަކީ ޗައިނާ ނޫންކަމަށްވެސް ޗައިނާއިން ދަނީ ބުނަމުންނެވެ.

ކޮވިޑް-19ގެ ފެށުމަކީ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ ކަމަށް ސާބިތުކުރެވިދާނެ ހެކި ލިބިވަޑައިގެންފައި ވޭތޯ ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، އިތުރު ތަފްސީލަކަށް ވަޑައިނުގެން ޓްރަމްޕް ވިދާޅުވީ، އެފަދަ ހެކި ލިބިވަޑައިގެންފައިވާކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށްވެސް ހަމަލާއެއް ދެއްވާފައެވެ. އެގޮތުން މިއީ އެ ޖަމިއްޔާއިން ލަދު ގަންނަންޖެހޭނެ ކަމެއް ކަމަށާ، އެ ޖަމިއްޔާއިން ހަރަކާތްތެރިވަމުންދަނީ ޗައިނާގެ ޕީއާރް ކުންފުންޏެއްގެ ގޮތުގައި ކަމަށްވެސް ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.

ޓްރަމްޕް ވަނީ، އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް ވެރިކަމުގެ ދެވަނަ ދައުރެއް ޓްރަމްޕަށް ކަށަވަރުނުވާނެ ގޮތް ހެދުމަށް ޗައިނާއިން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނުނު ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 210 އަކަށްވުރެ ގިނަ ގައުމާ ސަރަހައްދުން މި ބަލި ވަނީ ފެނިފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3.3 މިލިއަނަށް އަރާފައިވާއިރު، މި ބަލީގައި 234105 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.