ސުވާލު: އެކިއެކި ދީންތަކާ އަޅާ ބަލާއިރު އިސްލާމުންގެ ތެރޭގައި ޚިލާފުތައް އެހާ ގިނައީ ކީއްވެގެންތޯ؟
-
ޖަވާބު އިއްޔެގެ އަދަދާ ގުޅޭ؛
އެއް ލަފްޡަކުން ތަފާތު މާނަ ތައް ދޭހަވުން:
މިޘާލަކަށް (الفتنة) މި ލަފްޡުގެ ތަފާތު މާނަތައް ހުރެއެވެ. ބައެއްފަހަރު "ކުފްރު" ގެ މާނާގައި އާދެއެވެ. ސޫރަތުލް ބަގަރާގެ 91 ވަނަ އާޔަތުގައިވެއެވެ. (والفتنة أشد من القتل) މި އާޔަތުގައި (الفتنة) މި ލަފްޡު ބޭނުން ކުރެވިފައި ވަނީ "ކުފްރު" ގެ މާނާގައެވެ. ބައެއްފަހަރު (الفتنة) "ޢަޛާބު" ގެ މާނާގައިވެސް އައިސްފައިވެއެވެ. މިޘާލަކަށް (ذوقوا فتنتكم هذا الذي كنتم به تستعجلون)، ބައެއްފަހަރަށް "އިމްތިޙާނު" ގެ މާނާގައިވެސް އައިސްފައި ހުރެއެވެ. މިޘާލަކަށް (ونبلوكم بالشر والخير فتنة).
ހަމަ އެފަދައިން (قروء) މި ލަފްޡު ޢަރަބި ބަހުގައި ދެގޮތަކަށް ބޭނުން ކުރެއެވެ. ޠުހުރަށާއި ޙައިޟަށް މި ބަސް ބޭނުން ކުރެއެވެ.
ބައެއްފަހަރު އެއް މާނައެއް ދޭހަވާ ތަފާތު ލަފްޡު ތައްވެސް ހުރެއެވެ. މިޘާލަކަށް (الطلاق) ގެ މާނައަކީ "ވަރި" އެވެ. ހަމައެފަދައިން (السراح) ގެ މާނައަކީ ވެސް "ވަރި" އެވެ. އަދި (الفراق) ގެ މާނައަކީވެސް "ވަރި" އެވެ. މި ހުރިހާ ލަފްޡު ތަކުން ކީރިތި ގުރްއާނުގައި އައިސްފައިވެއެވެ.
އެއް ނައްޞު އަނެއް ނައްޞައް ތަޢާރުޟުވުން:
މިޘާލަކަށް: އިޙްރާމް ބަނދެގެން ހުންނަ މީހާ އަށް ކައިވެނި ކުރެވިދާނެތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުތަކެއް އެބަހުއްޓެވެ. އިމާމް ޝާފިޢީ، މާލިކް އަދި އަޙްމަދު- ރަޙިމަހުމުﷲ- ގެ އަރިހުގައި އިޙްރާމް ބަނދެގެން ހުންނަ މީހާ އަށް ކައިވެންޏެއް ނުކުރެވޭނެއެވެ. ދަލީލަކީ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘް ފުޅެވެ. (لاَ يَنْكِحُ المحرِمُ ولا يُنْكَحُ ولا يَخْطُب) މާނައަކީ: "އިޙްރާމް ބަނދެގެން ހުންނަމީހާ ކައިވެނި ނުކުރާ ހުށިކަމެވެ. އަދި ކައިވެނިކޮށްވެސް ނުދޭހުށީކަމެވެ. އަދި ކައިވެންޏަށް ނުވެސް އެދޭ ހުށީކަމެވެ".
އިމާމް އަބޫ ޙަނީފާ-ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި އިޙްރާމް ބަނދެގެން ހުންނަ މީހާ އަށް ކައިވެނި ކުރެވޭނެއެވެ. ދަލީލަކީ: އިބްނު ޢައްބާސް-ރަޟިޔަﷲ ޢަންހު- ގެ ރިވާޔަތެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މައިމޫނަތުގެ ފާނާއި ކައިވެނި ބައްލަވައިގަތީ އިޙްރާމް ބަނދެގެން ހުންނަވައިގެން ކަމަށްވާތީވެއެވެ".
ޖުމްހޫރު ޢީލްމުވެރިން ދެކިލައްވާ ގޮތުގައި އިޙްރާމް ބަނދެގެން ހުރި މީހާ އަށް ކައިވެންޏެއް ނުކުރެވޭނެއެވެ. ސަބަބަކީ ޚުދު މައިމޫނާ-ރަޟިޔަﷲ ޢަންހާ- ވިދާޅުވެފައިވާ ގޮތުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަމަނާ އާއި ކައިވެނި ބައްލަވައިގަތީ އިޙްރާމްބަނދެ ހުންނަވައިގެންނެއް ނޫނެވެ". ނަމަވެސް އަބޫޙަނީފާ-ރަޙިމަހުﷲ- ވިދާޅުވަނީ މިއުއްމަތުގެ އެންމެ ބޮޑު ފިގްހުވެރިޔާ އިބްނު ޢައްބާސް އެހެން ވިދާޅުވެފައިވާތީ އެބަސްފުޅު ގަބޫލު ކުރެވޭނެ ކަމަށެވެ. ޖުމްހޫރުން ވިދާޅުވަނީ ޙާދިޘާގެ އެއްބައިވެރިޔާ ކަމުގައިވާ މައިމޫނާ-ރަޟިޔަﷲ ޢަންހާ- ގެ ބަސްފުޅަށް އިސްކަން ދެވޭނެކަމަށެވެ.
އެކަމާއި މެދުގައި ވަކި ޚާއްޞަ ދަލީލެއް އައިސްފައި ނުވުން:
މިޘާލަކަށް: މަދަނަ ޕްރޮގްރާމް އަދި މިނޫންވެސް އަލަށް އުފެދިގެން އުޅޭ މައްސަލަ ތައް.
އިސްވެ ބަޔާން ކުރެވުނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވާން މެދުވެރިވި މައިގަނޑު މައްސަލައެވެ. ދެން އޮތީ ކޮންމެ އިޚްތިލާފީ މައްސަލަ އަކީ ދެގޮތް ހުއްދަ ކަމެއް ކަމުގައި ބައެއް މީހުން ބުނަމުންދާ ވާހަކަތަކެވެ. މީގެ ޖަވާބުގައި ބުނަމެވެ.
ބައެއްމީހުން ބުނަމުން ގެންދާ ގާޢިދާއެއް ކަމުގައިވާ "އިޚްތިލާފީ މައްސަލަތަކުގައި އިންކާރުކުރުމެއްނެތެވެ"، މިގާޢިދާއަކީ ރަގަޅު ގާޢިދާއެއް ނޫނެވެ. ރަގަޅުގޮތަކީ "އިޖްތިހާދީ މައްސަލަތަކުގައި އިންކާރު ކުރުމެއްނުވެއެވެ" މިހެންނެވެ.