މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ލޮކްޑައުންކޮށްފައި ވަނިކޮށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް މާލެ ވަޑައިގަތުމުން އެކަން ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި އެ މައްސަލަ ސާފުކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
ސިރާޖު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ، ރިޔާޒު މާލެ ލޮކްޑައުންކޮށްފައި ވަނީކޮށް މާލެއަށް އައިސް ކުރެއްވި ޓްވީޓާ ގުޅިގެން ރައްޔިތުންގެ މެދުގައި މަޖިލިސް މެންބަރުންނާ މެދު ނަފުރަތު އުފެދި، މެންބަރުންނަކީ ނުފޫޒުން ކަންކަން ކުރައްވާ ބައެއްގެ ގޮތުގައި ލޭބަލްވެފައިވާ ކަމަށެވެ. މިހާރު ވެސް އެމްޑީޕީއަށް ނިސްބަތްވާ ތިން މެންބަރަކު ވެސް ދާއިރާތަކުގައި މާލެ ވަޑައިނުގެންނެވިފައި އެބަތިބި ކަމަށާއި އެ ފަރާތްތަކަށް ވެސް ހުއްދަ ލިބިފައިނުވާ ކަމަށް ސިރާޖު ފާހަގަކުރައްވާފައި ވެއެވެ.
އެހެންކަމުން ރިޔާޒަށް މާލެ ވަޑައިގެންނެވުމަށް ހުއްދަ ދެވިފައިވާނަމަ، އެއީ ކޮން ސަބަބެއް މެދުވެރިގެން ދިން ހުއްދައެއްތޯ ކަމާ ބެހޭ ކޮމިޓީއަކުން ބަލައިދިނުމަށް ސިރާޖު ވަނީ އެދިވަޑައިގެންފައެވެ. އަދި މިކަމަކީ ރިޔާޒުގެ ސުލޫކާ ގުޅޭ މައްސަލައެއް ކަމަށް ފެންނަ ކަމަށް ވެސް ސިރާޖު ވަނީ ވިދާޅުވެފައެވެ.
ރިޔާޒު މާލެ ވަޑައިގެންފައި ވަނީ ތިމަރަފުށީގައި އުޅުއްވުމަށްފަހުއެވެ. ރިޔާޒު މާލެ ވަޑައިގެން ޓްވީޓެއް ކުރެއްވި އިރު އެ ޓްވީޓާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. މާލެ ލޮކްޑައުންގައި އޮތުމުން މާލެ ނާދެވިފައި ގިނަ ބަޔަކު ތިބިއިރު ރިޔާޒަށް ހުއްދަ ލިބުނު ގޮތަކާމެދު ސުވާލު އުފެދި އެކަމަށް ހުއްދަ ދެވުނު ގޮތާ މެދު ފުލުހުންނާ އެޗްޕީއޭއަށް އެތައް ބައެެއްގެ ފާޑުކިއުންތައް އަމާޒުވެގެން ދިޔައެވެ.
މިކަމާ ގުޅިގެން ރިޔާޒު ވަނީ މާލެ ވަޑައިގެންނެވީ ފުލުހުންނާއި އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން އެޗްޕީއޭއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ ފުލުހުން ރިޔާޒަށް ހުއްދަ ދިނީ އެޗްޕީއޭއިން ހުއްދަ ދީފައިވާތީ ކަމަށާއި ރިޔާޒަށް ވަކި ހާއްސަ ގޮތެއް ގެންގުޅެފައިނުވާނެ ކަމަށެވެ.