ސުވާލު: އެކިއެކި ދީންތަކާ އަޅާ ބަލާއިރު އިސްލާމުންގެ ތެރޭގައި ޚިލާފުތައް އެހާ ގިނައީ ކީއްވެގެންތޯ؟

ޖަވާބު: ކަންކަމުގައި ޚިޔާލު ތަފާތު ވުމަކީ އިންސާނީ ޠަބީޢަތެކެވެ. އެކި އިންސާނުންގެ ޠަބީޢަތާއި ވިސްނުން ތަފާތެވެ. އެކި މީހުންނަށް ވިސްނެނީ އެކި މިންވަރަށެވެ. ދީނީ މައްސަލަ ތަކުގައި ދަންނަ ބޭކަލުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދުމެއް މެދުވެރިވެފައިވާ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.

އާޔަތުގެ ގިރާއާތު ތަފާތުވުން:

އެއް އާޔަތެއްގައި މުތަވާތިރުކޮށް ތަފާތު ރިވާޔަތް ތަކެއް އައިސްފައި ހުރެދާނެއެވެ. އެހެންކަމުން އެއާޔަތުން ޙުކުމް އިސްތިންބާޠު ކުރުމުގައި ތަފާތުތައް އުފެދިގެން ދެއެވެ. މިޘާލަކަށް ސޫރަތުއް ނިސާގެ 43 ވަނަ އާޔަތެވެ.

(وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ)

މި އާޔަތުގައި މިވާ (لَامَسْتُمُ) ގެ ދެ ގިރާއަތެއްވެއެވެ. އެއީ (لَامَسْتُمُ) އަދި (لَمَسْتُمُ ) އެވެ. މި ހިސާބުން މިއާޔަތުގެ ޙުކުމް ނެގުމުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނެވެ. (لَامَسْتُمُ) މި ގިރާއަތަށް ރިޢާޔަތް ކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތުގެ މާނަ އަކީ ޖިމާޢުވުން ކަމަށެވެ. ނަމަވެސް (لَمَسْتُمُ) މި ގިރާއަތަށް ރިޢާޔަތް ކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ އާޔަތުގެ މާނައަކީ ބީހުން ކަމަށެވެ.

އެ ބޭކަލަކާއި ހަމައަށް ޙަދީޘް ލިބިވަޑައިގެންފައި ނުވުން:

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތް ދެނެގަތުމުގައި ހުރިހާ ޞަޙާބީންނަކީ އެއްހަމަ ބޭފުޅުންތަކެއް ނޫނެވެ. އެކި ބޭކަލުންނަށް ސުންނަތް އެނގިވަޑައިގެންފައިވަނީ އެކި މިންވަރަށެވެ. އެކަލޭގެފާނުގެ އަރިހުގައި ގިނަ ވަގުތު ހޭދަ ކުރެއްވި ބޭކަލުންނަށް ގިނަ ޢިލްމު ލިބިވަޑައިގެންފައިވެއެވެ. މީގެ ސަބަބުންވެސް ބައެއް މައްސަލަ ތަކުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. މިޘާލަކަށް، ފިރިމަރުވެފައިވާ މާބަނޑު އަންހެނާގެ ޢިއްދާ ގެ މައްސަލާގައި އިބްނު ޢައްބާސް އާއި ޢަލީ ރަޟިޔަﷲ ޢަންހުމް- ވިދާޅުވެފައިވަނީ ފިރިމަރުވެފައިވާ މާބަނޑު އަންހެނާގެ ޢިއްދާ އަކީ އެންމެ ދިގު މުއްދަތު ކަމަށެވެ. އެއީ ސޫރަތުލް ބަގަރާގެ 234 ވަނަ އާޔަތާއި ސޫރަތުއް ޠަލާގު ގެ 4 ވަނަ އާޔަތަށް ރިޢާޔަތް ކޮށެވެ. ސޫރަތުލް ބަގަރާގެ 234 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ.

(وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا)

މާނައަކީ: "އަދި ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުން ދޫކޮށްފައިދާ އަނބިން، އެކަނބަލުންގެ نفس ތަކާއިގެން ހަތަރުމަހާއި ދިހަދުވަހު މީހަކާ ކައިވެނި ނުކޮށް انتظار ކުރާހުށިކަމެވެ!". ސޫރަތުއް ޠަލާގް ގެ 4 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ.( وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ) މާނައަކީ: " އަދި މާބަނޑު އަންހެނުންގެ عدّة އަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ".

ސަބީޢަތުއް ސަލަމިއްޔާ އޭ ކިޔުނު ބޭކަނބަލަކު ބަލިވެ އިންނަވަނިކޮށް ފިރިކަލުން އަވަހާރަވުމުން އެކަމަނާގެ ޢިއްދާ އަކީ ވިހެއުން ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑައެޅުއްވި ކަން މި ބޭކަލުންނަށް އެނގި ވަޑައިގެންފައިނުވެއެވެ. އެހެންކަމުން އެބޭކަލުން ފަތުވާ ދެއްވަނީ އެންމެ ދިގު މުއްދަތަކަށް ޢިއްދާގައި ހުރުމަށެވެ.

ޙަދީޘް ގެ ޞައްޙަ ކަމާއި މެދުގައި ޝައްކު އުފެދުން:

އިމާމް ޝާފިޢީގެ އަރިހުގައި ޞައްޙަ މަގުން އެމައްސަލަ އެއްގެ ދަލީލެއް ލިބިފައިނުވެފައި އަބޫޙަނީފާ އަށް ޞައްޙަ މަގުން ޙަދީޘެއް ލިބިފައިވާނަމަ އަބޫޙަނީފާ އެޙަދީޘަކުން ދަލީލު ނަންގަވާ ފަތްވާ ދެއްވާ ގޮތާއި، އިމާމް ޝާފިޢީގެ ފަތްވާ އާއި ތަފާތުވެދެއެވެ.

ނައްޞުގެ މާނަ ވިސްނުމުގައި ތަފާތުވުން:

މިޘާލަކަށް ބަނޫ ގުރައިޡާ އަށް ޞަޙާބީންގެ ބަޔަކު ފޮނުއްވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީޙުން މިއަދު ޢަޞްރު ނަމާދު ކުރަންވާނީ ބަނޫ ގުރައިޡާ ގައެވެ"، ދެން އެބޭކަލުން ދަތުރު ކުރެއްވި މަގުމަތީގައި ޢަޞްރުގެ ވަގުތު ވަދެއްޖެއެވެ. ބައެއް ޞަޙާބީން މަގުމަތީގައި ޢަޞްރު ކުރެއްވީ އެވެ. އެބޭކަލުންނަށް ވިސްނިވަޑައިގަތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ބަސްފުޅުގެ މުރާދަކީ ބަނޫ ގުރައިޡާ އަށް ދިޔުން އަވަސް ކުރުމަށް ބާރުއެޅުއްވުން ކަމުގައެވެ. އަނެއްބައި ޞަޙާބީން ވިދާޅުވީ މިއަދުގެ ޢަޞްރު ނަމާދު ކުރަން ޖެހޭނީ ބަނޫ ގުރައިޡާ އަށް ދެވުނު އިރަކުން ކަމުގައެވެ.

-ނުނިމޭ-