ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ލުބްނާނުން ކުރިމަތިލީއިރުވެސް އެ ގައުމަކީ މާލީ އަދި އިގުތިސޯދީ ގޮތުން ނުތަނަވަސްކަން އޭގެ އެންމެ އިންތިހާއަށް ގޮސްފައި އޮތް ގައުމެކެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމާއެކު އެގައުމު މުޅިންހެން އިނދަޖެހުނެވެ. ބަލިމަޑުކަން އެގައުމުން ކޮންމެވެސް ވަރަކަށް ވިހެލާފައިވާއިރު، ހައިބަނޑާ ތިބި ލުބްނާނުގެ ރައްޔިތުން އަނެއްކާވެސް މިވަނީ މަގުތަކަށް ނިކުމެ، ހައްގު ހޯދުމަށް މަސައްކަތް ފަށާފައެވެ.
ދުނިޔޭގެ އެހެން ގައުމުތަކަކޭވެސް އެއްފަދައިން، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު އެންމެ ފުރަތަމަ ހުއްޓުމަކަށް އައީ ލުބްނާނުގެ އިގުތުސޯދެވެ. ސަރުކާރުން ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ އަމުރުތަކާ، އެނޫންވެސް އެފަދަ ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާއަކަށްވީ، ލުބްނާނުގައި ދިގުލާ ގޮސްފައިވާ މާލީ ހީނަރުކަމުގެ ކާރިސާ، އިހުނަށްވުރެ ފުން އަނދަވަޅަކަށް ވެއްޓުމެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ލުބްނާނުގެ ރައްޔިތުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ލުބްނާނު ފައިސާގެ އަގެއް ނެތެވެ. 2 މަހެއްހާ ދުވަހަށް ދެމިގެންދިޔަ ލޮކްޑައުންގެ އަމުރާއެކު ކާބޯތަކެތީގެ އަގު އުޅެނީ އަތް ނުފޯރާ ފަށުގައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން ވޯލްޑް ބޭންކުން އާންމު ކުރި ރިޕޯޓެއް ލަފާކުރި ގޮތުގައި، މިހިނގާ 2020 ވަނަ އަހަރު، ލުބްނާނުގެ އާބާދީގެ 45 ޕަސެންޓް މީހުން ދިރުއުޅޭނީ އިންތިހާ ފަގީރުކަމުގެ ގިންތީގައެވެ. ނަމަވެސް، ލުބްނާނު ސަރުކާރުގެ ސޯޝަލް އެފެއާޒް މިނިސްޓަރު ރަމްޒީ މުޝައްރަފީ ވިދާޅުވާ ގޮތުގައި، މިއަދަދު މިހާރު 75 ޕަސެންޓްއަށް އަރާފާނެއެވެ.
ލުބްނާނުގެ މަގުތަކުގައި މުޒާހަރާތައް ވަރުގަދަކޮށްފައިވާއިރު ސަލާމަތީ ބާރުތަކުން ދަނީ އެ މީހުންނާ ކުރިމަތިލަމުންނެވެ. މި ކުރިމަތިލުންތަކުގައި އެއް އަޑަކަށްހެން މުޒާހަރާގެ ބައިވެރިން ކުރަމުންދާ ޝަކުވާއަކީ އެމީހުން 'ބަނޑަށް' ތިބި ކަމުގެ ޝަކުވާއެވެ.
މި މުޒާހަރާތަކުގައި ބައިވެރިވި އެކަކީ އުމުރުން 26 އަހަރުގެ ފަވާޒް ފުއާދު އަލް-ސައްމާންއެވެ. ލުބްނާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ތުރާބުލުސްގައި ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ކުރުމަތިލުމެއްގައި، ބަޑީގެ ހަމަލާގެ ޝިކާރައަކަށްވެ، އަލް-ސައްމާން ވަނީ މި ދުނިޔެއާއި ވަކިވީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި އަލް-ސައްމާންއަކީ، ބަނޑަށް މަރުވެދިޔަ ޝަހީދެކެވެ.
ލުބްނާނުގެ އަސްކަރިއްޔާއިންވަނީ މި "ޝަހީދަށް" މައާފަށް އެދި ޓްވީޓްއެއްވެސް ކޮށްފައެވެ. އަދި ހޯމަ ދުވަހުގެ ކުރިމަތިލުންތަކުގައި ހިނގި މި ހާދިސާ ތަހުގީގު ކުރަން އިންކުއަރީއެއް ފަށާފައިވާކަމަށްވެސް ލުބްނާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
ލުބްނާނުގެ މަސްރަހުން ލިބެމުންދާ މަންޒަރުތަކަށް ބަލާއިރު މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކާ ދެމެދު ހިންގާ ކުރިމަތިލުންތައް ކިތަންމެ ރަނގަޅަކަށްވެސް ސިފަވެއެވެ. ނަމަވެސް ލުބްނާނުގެ ރައްޔިތުން އުފުލަމުންދާ ހަގީގީ ވޭން ތަސައްވުރުކޮށްލަންވެސް ދައްޗެވެ.
މުޝައްރިފީ ވިދާޅުވީ ހަގީގީ މައްސަލައަކީ ކާރިސާތަކަކާ ކުރިމަތިލާންޖެހުމެވެ. ފުރަތަމަ އިގުތުސޯދީ ކާރިސާއެވެ. ދެން ކޮވިޑް-19ގެ ކާރިސާއެވެ. ކަންމިހެން އޮތް ނަމަވެސް، އިގުތިސޯދީ ޕްލޭންއެއް އެކުލަވާލުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކަމާ ބެހޭ ފަރާތްތަކުން ކުރަމުން އަންނަކަން މުޝައްރިފީ ވަނީ ފާހަގަކުރައްވާފައެވެ.
ލުބްނާނުގައި މިހާރު އޮތް ވަޒީރުންގެ މަޖިލީހަކީ ސިޔާސީ ގޮތުން ވަކި ފަރާތަކަށް ނުޖެހޭ، އިލްމީ ޝަހްސުތަކެއް ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓެކްނޮކްރަޓިކް ކެބިނެޓެކެވެ. ހަގީގަތުގައި މިއީ މިނިވަން މަޖިލީހަކަށް ވާންޖެހެއެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ވަޒީރުންގެ މަޖިލީހަކީ، އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ސިޔާސީ އަދި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ ގެ "ގޮނޑިކޮއްކަ" ސަރުކާރެކެވެ.
މުޅި ދުނިޔެ އެކަމަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކޮވިޑް-19އާ ގުޅިގެން ލުބްނާނުގެ ސަރުކާރުން ހޯދި ކުރިއެރުންތަކަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. ނަމަވެސް ފަގީރުންނަށް އެހީދޭ ޕްރޮގްރާމް އެކަށީގެންވާ ގޮތެއްގައި ހިންގިފައި ނުވާކަން ފާހަގަކޮށް، ފާޑުކިއާ ފަރާތްތައްވެސް މަދެއް ނޫނެވެ.
ލުބްނާނުގައި ކޮވިޑް-19ގެ ބަލިމަޑުކަން އޮތް ގޮތަށް ބަލާއިރު 717 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 548 ކޭހެއް ރެކޯޑްކޮށްފައިވާއިރު 44 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބެއެވެ. ލުބްނާނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 145 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައިވާއިރު، އެ ގައުމުން ކޮވިޑް-19ގައި މަރުވި މީހުންގެ އަދަދަކީ 24 ކަމަށް ރެކޯޑްތަކުން ދައްކައެވެ.
ލުބްނާނުގެ އާންމު މަސަރަހަށް ބަލާއިރު، ކޮވިޑް-19އަކީ އެމީހުންނަށް މާ ބޮޑު ކަންބޮޑުވުމަކަށްވެސް ނުވާފަދައެވެ. ކައިބޮއި ހަދާނެ އެތިކޮޅެއް ހޯދަން އެއްބަޔަކު ސަލާން ޖަހަން ނިކުމެ އުޅޭއިރު، އަނެއް ބަޔަކު ގޮނޑު ހޮވަނީވެސް ކާބޯތަކެތި ހޯދުމުގެ މަގުސަދުގައެވެ.
ބަރަކާތްތެރި ރަމަޟާން މަހާ ލުބްނާނުގެ ރައްޔިތުން ކުރިމަތިލާފައި މިވަނީ އިންތިހާ ދަތި ހާލެއްގައެވެ. ސިއްހީ، ސިޔާސީ، އިގުތިސޯދީ، އިޖުތިމާއީ އަދި މާލީ ގޮތުންވެސް ލުބްނާނު އޮތީ ކާރިސާގެ ހާލަތުގައެވެ.