ގާނޫނޫ އަސާސީއާ މިނިސްޓަރަކު ހިލާފުވި ކަމަށް ކަނޑައެޅުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގާނޫނު އަސާސީއާ ހިލާފުވެ ވަޑައިގެންފި ކަމަށް ރައްޔިތުން ގެމަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ޝަރީފް ވިދާޅުވީ، އެއްވެސް މިނިސްޓަރަކު ގާނޫނު އަސާސީއާ ހިލާފްވެވަޑައިގެން ކަމަށް ކަނޑައެޅުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި އެއީ މަޖިލިސްގެ އިދާރާއަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބާޔާނުގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ 98 ވަނަ މާއްދާއާއި މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުން، ލިއުމުން ޖަވާބު ހޯދުމަށް މިމަހުގެ 14 ވަނަ ދުވަހު މިނިސްޓަރު އަމީނަށް ސުވާލު ފޮނުއްވާފައި ވަނީ މެންބަރު އަހްމަދު ހައިތަމް ކަމަށެވެ. ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 74 ވަނަ މާއްދާގެ ދަށުން މިނިސްޓަރަށް އެރުވުނު 14 ދުވަހުގެ ނޯޓިހު މުއްދަތު ހަމަވެފައި ވަނީ އިއްޔެއާ ހަމައަށް ކަމަށް މަޖިލީހުން ބުނެފައި ވެއެެވެ. ނަމަވެސް މިއަދު މެންދުރު 2:00 އަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތު ހަމަވިއިރު ވެސް މިނިސްޓަރު އަމީން ޖަވާބު ފޮނުއްވާފައި ނުވާކަމަށް ވެސް މަޖީލުހުން ނެރުނު ބަޔާނުގައި ވެއެވެ.
އެހެންކަމުން ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ހިލާފުވެ ވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. ނަމަވެސް މިކަމާ ދެން އަޅުއްވާނެ ފިޔަވަޅެއް އެ ބަޔާނުގައި ފާހަގަކޮށްފައެއް ނުވެއެވެ.