އަމާޒު ބޯޓުން ދަތުރު ކޮށްފައި ވާތީ ކޮވިޑް-19އަށް ށ. ފީވަކުން ޓެސްޓު ކުރި އެންމެންގެ ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށް "ދަ ޕްރެސް" އަށް ކަށަވަރު ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފީވަކުން ނާގައި ވަނީ 18 މީހުންގެ ސާމްޕަލެވެ. އަދި އެއީ ނަރުދޫގެ އަމާޒު ބޯޓުން ދަތުރު ކުރި މީހުންނެވެ.

ފީވަކުން ނެގި ސާމްޕަލްތަށް ނެގެޓިވް ވެފައި ވާއިރު، އަމާޒު ބޯޓުގެ ކެޕްޓަން، އުމުރުން 49 އަހަރު (ކޭސް 133) ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުން ވި އިރު އެ ބޯޓު ވަނީ މާލެއިން ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރު ކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށް ވެސް ވަނީ އެދިފައެވެ.

މިއަދާ ހަމައަށް ނަރުދޫން އެކަނި 8 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރުދޫން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އަމާޒު ބޯޓުގެ ކެޕްޓަންގެ އަނބިމީހާ އާއި އެ ދެމަފިރިންގެ ތިން ދަރިންގެ އިތުރުން އަމާޒު ބޯޓުގެ ދެ ކުރޫއިން ހިމެނެއެވެ. މީގެ އިތުރުން ށ. މިލަންދޫ މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

އަމާޒު ބޯޓުގެ ކެޕްޓަނާ ކޮންޓެކްޓް ވި 9 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އަމާޒު ބޯޓުުގެ ކެޕްޓަންގެ ކޭސްއާ ގުޅިގެން ޕްރައިމަރީ ކޮންޓެކްސް ނުވަތަ އޭނައާ ސީދާ ދިމާވި، 113 މީހަކު މިހާތަނަށް ހޯދާފައިވާ ކަމަށް އެޗްޕީއޭން ބުނެފައި ވަނީ ރޭގައެވެ.

އެ ކޭސް އާ ގުޅިގެން ތިން އަތޮޅެއްގެ 14 ރަށެއްގައި ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާއިރު، އޭގެތެރޭގައި ނަރުދޫ އާއި މިލަންދޫގެ އިތުރުން ށ. އަތޮޅުގެ ތިން ރަށަކާއި ނ. އަތޮޅުގެ ފަސް ރަށަކާއި، ހއ. ގެ ދެ ރަށް އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.