ސުވާލު: އަންހެނުން މީރުވަސް ދުވާ އެއްޗެހި ލައިގެން މަގުމައްޗަށް ނުކުތުމާއި ފިރިހެނުން މީރުވަސް ދުވާ އެއްޗެހި ލައިގެން ނުކުތުމާ ހުރި ތަފާތަކީ ކޮބާތޯ؟

ޖަވާބު: އަންހެނުންނާއި ފިރިހެނުން ސެންޓު ޖަހައިގެން މަގުމައްޗަށް ނިކުތުމުގައި ތަފާތަކީ:

1. އަންހެނުންގެ އަޞްލަކީ އެއީ ގެވެށި ބަޔެކެވެ. އެމީހުން ގޭގައި މަޑުކުރުމަށް އިސްލާމްދީނުގައި ވަނީ ބާރުއަޅާފައެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

(وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ)

މާނައަކީ: "އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ!" މި އާޔަތުގައި މިނިވަން އަންހެނުންނަށް އަމުރު ކުރައްވާފައި މިވަނީ ގޭގައި މަޑުކޮށްލައިގެން ތިބުމަށެވެ. އަންހެނުންނާއި ތަފާތުކޮށް ފިރިހެނުންނަކީ އަނބިދަރިންގެ ޚަރަދުތައް ބެލެހެއްޓުމުގެ ޒިންމާ އުފުއްލަން ޖެހޭ ބަޔެކެވެ. އެކަމަށްޓަކައި އޭނާ ގިނައިރު އުޅެން ޖެހޭނީ ގެއިން ބޭރުގައި މަސައްކަތުގައެވެ.

2. ފިރިހެނުން އަންހެނުންނަށް އެދޭ ވަރަށް އަންހެނުން ފިރިހެނުންނަކަށް ނޭދޭނެއެވެ. ޠަބީޢީ ގޮތުން އަންހެނުންގެ އެދުންވެރިކަމަކީ ފިރިހެނުންގެ އެދުންވެރިކަމަށް ވުރެ ދަށް އެއްޗެކެވެ. ޢާއްމުގޮތެއްގައި މަގުމަތިން އަންހެނަކު ފެނުނީމާ ފިރިހެނުން ފޮށި އުޅޭ ފަދައިން އަންހެނުން ފިރިހެނަކު ފެނިގެން ފޮށި ނޫޅޭނެއެވެ.

3. އަންހެނުން ސެންޓު ޖަހައިގެން ނުވަތަ މީރުވަސް ދުވާ އެއްޗެތި ޖަހައިގެން ފިރިހެނުންގެ ތެރެއަށް ނިކުމެ އުޅުން ނަބިއްޔާ ވަނީ މަނާ ކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

(أيُّما امرأةٍ استَعْطَرت فمرَّت على قومٍ لِيجِدوا ريحَها فهي زانيةٌ وكلُّ عينٍ زانيةٌ)

މާނައަކީ: "އެއްވެސް އަންހެނަކު މީރުވަސްދުވާ އެއްޗެއް ބޭނުންކޮށްގެން އޭގެ ވަސް ބަޔަކަށް ދުއްވުމަށްޓަކައި ބަޔެއްގެ ކައިރިން ހުރަސްކޮށް ހިނގައްޖެނަމަ، އެއީ ޒިނޭ ކުރާ އަންހެނެކެވެ."

ދެން ސުވާލަކަށް އަންނަނީ އޭރުގެ އަންހެނުންނާއި މިހާރުގެ އަންހެނުންނާއި ތަފާތުވާ ވާހަކައެވެ. ތެދެކެވެ. މިހާރުގެ ބައެއް އަންހެނުން ފިރިހެނުންނަށް ވުރެ ބޮޑަށް ނުވަތަ އެއްވަރަށް ދިރިއުޅުމަށް މަސައްކަތްކޮށް ޢާމްދަނީވެސް ހޯދާ އުޅެއެވެ. އެކަމަށްޓަކައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންވެސް ގިނަވަގުތު ބޭރުގައި އުޅެއެވެ. މިޙާލަތުގައިވެސް ރައްކާތެރި ގޮތަކީ އަންހެނުން އެހެން މީހުންނަށް ވަސް ދުވާފަދަ ސެންޓުތަކުން ދުރުހެލިވެ ރައްކާތެރި ވުމެވެ. އެހެނީ އިސްވެދިޔަ (2) ވަނަ ޕޮއިންޓުގައިވާ ގޮތަށް ކަންތައް ވެދާނެތީވެއެވެ. ރައްކާތެރި ކަމުގެ ގޮތުންނެވެ. ޢާމްދަނީ ހޯދަން މަސައްކަތް ކުރިނަމަވެއް ޢިއްފަތް ސަލާމަތުން ބެހެއްޓުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. ޢިއްފަތް ގުރްބާން ކޮށްފައި، އެއްޗެއް ހޯދުމުގެ ބޭނުމެއް ނެތެވެ.

4. ހަމައެހެންމެ، އަންހެން ކަނބަލުން ނަމާދުކުރުމަށް މިސްކިތަށް ދާ ހިނދުގައިވެސް މީރުވަސްދުވާ ތަކެތިން ދުރުހެލިވުމަށް ވަނީ އަންގަވާފައެވެ. ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ.

(إذا خرجتْ إحْداكنَّ إلى المسجدِ فلا تقْرَبنَّ طِيبًا)

މާނައަކީ: "ތިޔަކަނބަލުން މިސްކިތަށް ނިކުންނަ ކަމަށް ވަނީ ނަމަ މީރުވަސްދުވާ ތަކެއްޗާއި ކައިރި ނުވާހުށި ކަމެވެ." މިއީ ކުޑަވަގުތުކޮޅަކަށް ބޭރަށް ނިކުމެލާއިރުގައިވެސް ރައްކާތެރިވުމަށް އަމުރު ކުރައްވާފައިވާ މިންވަރެވެ. ވީއިރު، ގިނަވަގުތު ބޭރުގައި އުޅޭއިރު ރައްކާތެރި ވާންޖެހޭނެ މިންވަރު ވިސްނަވާށެވެ.

އިސްލާމްދީނުގައި ކޮންމެކަމެއްވެސް އަންގަވާފައި ވަނީ އެކަމެއްގެ ފަހަތުގައި އެތައްބައިވަރު ޙިކްމަތްތަކެއް ވާތީވެއެވެ. އޭގެތެރެއިން ބައެއް ކަންތައްތަކަކީ އަޅުގަޑުމެންނަށް އެނގޭ ކަންތަކެވެ. އަނެއްބައި ކަންތަކަކީ ނޭނގޭ ކަންތަކެވެ. އަޅުގަޑުމެންގެ މައްޗަށް އޮތީ ބޯލަނބާ ކިޔަމަންގަނެ، ކިޔަމަންތެރި ބައެއްގެ ގޮތުގައި ﷲ ގެ ޙަޟްރަތަށް އެނބުރި ދިޔުމެވެ. والله أعلم.